"ރާދޭ" ގެ ފުރަތަމަ ލަވަ އަކީ "ސީޓީ މާރް"
"ރާދޭ" ގެ ފުރަތަމަ ލަވަ އަކީ "ސީޓީ މާރް"

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ރިލީޒްކުރަން ނިންމައި މިހާރު ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދާ ސަލްމާން ޚާންގެ ފިލްމު "ރާދޭ: ޔޯޒް މޯސްޓް ވޯންޓެޑް ބާއީ" ގެ ފުރަތަމަ ލަވަ "ސީޓީ މާރް" އާންމުކޮށްފި އެވެ.

ސަލްމާނާއި ބަތަލާ ޑިޝާ ޕަޓާނީގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ މި ލަވަ ކިޔާފައި ވަނީ ކަމާލް ޚާނާއި ސަލްމާނާ ހާއްސަ ގުޅުމެއް އޮންނަ ކަމަށް އަޑުއަރާފައިވާ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރެވެ. ލަވައިގެ ޅެން ޝައްބީރް އަހުމަދު ހަދާފައިވާ މީގެ މިއުޒިކް ހެދީ ރޮކްސްޓާ ޑީއެސްޕީ (ދޭވީ ސްރީ ޕްރަސާދު) އެވެ.

"ސީޓީ މާރް" ގެ ނެށުންތައް ތައްޔާރުކުރީ ޖާނީ އެވެ. މި ލަވައިގެ އަސްލަކީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ 2017 ގެ ފިލްމު "ޑީޖޭ" ގެ "ސީޓީ މާރް" އެވެ. އެހެންވެ ސަލްމާންގެ ލަވަ ސޯޝަލް މީޑިއާގައި ހިއްސާކުރި އިރު، އައްލޫ އަށް ޝުކުރު ވެސް އަދާކޮށް އޭނާ ލަވައިގައި ދައްކާފައި ހުރި ހުނަރަށް ތައުރީފުކޮށްފައިވެ އެވެ.

"ޑީޖޭ" އަކީ އައްލޫއާ އެކު ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލު ކުޅުނު ފިލްމެކެވެ. އޭނާ އަކީ ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "ކަބީ އީދު ކަބީ ދިވާލީ" ގެ ބަތަލާ އެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ރާދޭ" އަންނަ މަހުގެ 13 ގައި ރިލީޒްކުރާ އިރު، އޭގެ ކާސްޓްގައި ރަންދީޕް ޖޫޑާ، ޖެކީ ޝްރޮފް، ޒަރީނާ ވައްހާބް، އަދި ގޯތަމް ގްލާޓީ ހިމެނެ އެވެ.