ކައުންސިލަރުންގެ މުސާރަތަކަށް ބޮޑެތި ފާޑުކިޔުންތަކެއް
ކައުންސިލަރުންގެ މުސާރަތަކަށް ބޮޑެތި ފާޑުކިޔުންތަކެއް

ނޭޝަނަލް ޕޭ ކޮމިޝަނުން ހުށަހެޅި ގޮތަށް ކައުންސިލަރުންގެ މުސާރަތައް އިއްޔެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ އެކު ސޯޯޝަލް މީޑިއާ ކެކި އަރައިގަތީ އާންމުންގެ ކަންބޮޑުވުންތަކާއި ހިންހަމަނުޖެހުންތަކުންނެވެ. ކަައުންސިލަރުންގެ މުސާރަ އެތައް ގުނައަށް އިތުރުވެފައިވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މިއީ، ހަދާ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ވަނީ، އިންތިހާބުވާ އެންމެންނަށް "ބިޔަ" މުސާރަ ލިބެން ޖެހެނީ ކޮން އަސާސެއްގެ މައްޗަށްތޯ ސުވާލުކޮށްފަ އެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިވިލް ސާވިސް މުވައްޒަފުން ނަށް އެހާ ކުޑަ މުސާރައެއް ދޭ އިރު ކައުންސިލަރުންގެ މުސާރަ މިހާ ބޮޑު ކުރުމެވެ.

"ދެން ކައުންސިލްތަކުގައި ތިބޭ އިދާރީ މުވައްޒަފުުން ބުރަކޮށް މަސައްކަތްކޮށްފަ ހެޔޮތާ އަނގަޔާ އަތާދިމާނުވިޔަސް،" އޭނާ ބުނެފައިވެ އެވެ.

އެހެން މީހަކު ބުނީ، ޑިގްރީ އާއި މާސްޓާސް ހަދައިގެން ތިބޭ ޓީޗަރުންނަށް ވެސް އެލަވަންސްތަކާ އެކު ލިބެނީ 14،000ރ. ކަމަށެވެ. މިހެން ވުމުގެ ސަބަބުން މިއީ އެއްވެސް އިންސާފެއް ނޫން ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅު ކުރި އެވެ. ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ބޮޑު މުސާރަ ދީފައި ސިވިލް ސާވިސްގެ ޓެކްނިކަލް މަސައްކަތްތަކާއި އިދާރީ މަސައްކަތްތަކުގައި އުޅޭ މީހުންގެ މުސާރަ އެހާ ކުޑަވުމަކީ ބޭއިންސާފު ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތުން މޭޔަރަކަށް 40،000ރ.، ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ.، އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ.، ޑެޕިއުޓީ އަށް 15،000ރ.، އަދި މެމްބަރަކަށް 12،000ރ. ވަނީ ހަމަޖައްސައިފަ އެވެ. މި މުސާރަތަކަކީ، މިހާރު ދޭ މުސާރަތަކަށް ވުރެ ބޮޑު މުސާރަ އެކެވެ.

ކުރިން ރަށު ކައުންސިލްގެ ރައީސަކަށް ލިބެނީ 15،000ރ. އެވެ. އަދި ކައުންސިލް މެންބަރުންނަށް ލިބެނީ 11،000ރ. އެވެ.

ބައެއް މީހުން ވަނީ، އެވަރުގެ މުސާރައެއް އެ މީހުންނަށް ދެނީ ކޮން ކަމެއް ކުރާތީތޯ ސުވާލުކޮށްފަ އެވެ.

"މިނިވަން ވޭޖް ހަދާލަން ނުކެރުނު ބައެއް. ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި މި މީހުންނަށް ވޯޓް ބޯކޮށް ލިބޭނެ،" މަޖިލީހުގެ މެމްބަރުންނަށާއި ސަރުކާރަށް އިޝާރާތްކޮށް މީހަކު މަލާމާތް ކޮށްލި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ މިނިމަމް ވޭޖްގެ ވައުދާ އެކު އެވެ. މިިނިމަމް ވޭޖް އެކުލަވާއިލުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން 2019 ވަނަ އަހަރު ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން އޮތީ މަޑުޖެހިފަ އެވެ. މިދިޔަ އަހަރު މިނިމަމް ވޭޖާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ވެސް އިސްލާހެއް ގެނެސްފައިވެ އެވެ. މި އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖެއް ތަންފީޒު ކުރަން ގާނޫނުގައި މިހާރު ލާޒިމްކޮށްފައިވެ އެވެ.

މިނިމަމް ވޭޖާ ގުޅޭ ބިލްގައިވާ ގޮތުން ތަފާތު ކެޓަގަރީއަކުން 4،000ރ-8،000ރ. އަށް ކަނޑައަޅަން ވަނީ ހުށަހަޅައިފަ އެވެ. މި ބަދަލު ނުގެނެސް ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަކީ އެއްވެސް އިންސާފެއް އޮތް ކަމެއް ނޫން ކަމަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންދާ ގިނަ ބަޔަކު ބުނެފައިވެ އެވެ.

"އެހާ ބޮޑު މުސާރަ އެދެނީ ރައީސް ކިޔާތީވެ. ނަސީބެއްނު ރައީސުލްޖުމްހޫރިއްޔާގެ މުސާރައާ އެއްވަރު ނުކުރިކަން. މިއީ މި ކުޑަ ގައުމަކަށް އޮބި އޮންނަވަރެއް ނޫން. ޕާޓީތަކުގެ މީހުންވީމާ އޯކޭވާނެދޯ. ބަލަ ބޮޑު މިނިސްޓްރީއެއްގެ ޑީޖީ އަށްވުރެ ބޮޑު މުސާރަ ތިޔަދެނީ ކޮން އުސޫލަކުން. ތިޔަތާ ގިނަ ވާނީ އަމިއްލައަށް ޕްރޮޕޯޒަލްއެއް ހަދާނުލެވޭވަރުގެ މީހުން،" މިހާރުގައި ލިޔެފައިވާ އާޓިކަލްއަަކަށް ކޮމެންޓް ކުރި މީހަކު ބުނެފައިވެ އެވެ.

ކައުންސިލަރުގެ ގޮތުގައި ހޮވިފައިވާ ގިނަ މީހުންނަކީ ތައުލީމީ ފެންވަރު ދަށް ބައެއް ކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި މީހަކު ބުނީ ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ރަނގަޅު ނުކޮށް ސިޔާސީ މީހުންނަށް މުސާރަ ބޮޑުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"ރުފިޔާޗާފްކުރަށް މަޖިލިހުން ފާސްކޮށްފައި އެ ރުފިޔާކޮޅު ސިޔާސީ މީހުންނަށް ދީ ހުސްކޮށްލައިފައި. ރަށްއިތުންނަށް އޮތީ ކޯއްޗެއް؟" ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި އެހެން މީހަކު ސުވާލުކުރި އެވެ.