ކޮމޮލިކާގެ ދަރިން އެދެނީ އޭނާ އަލުން ކައިވެނިކުރަން
ކޮމޮލިކާގެ ދަރިން އެދެނީ އޭނާ އަލުން ކައިވެނިކުރަން

ދެ ދަރިންނާއި އާއިލާ މީހުން ވެސް ބޭނުން ވަނީ އޭނާ އަލުން ކައިވެނިކޮށް އުފާވެރި ޒަވާޖީ ހަޔާތެއް ހޭދަކުރަން ކަމަށް ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ކޮމޮލިކާގެ ރޯލު ކުޅެގެން މަޝްހޫރުވި އުރްވަޝީ ދޮލާކިއާ ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި، 41 އަހަރުގެ ބަތަލާ ބުނީ އޭނާގެ ކައިވެނީގެ ވާހަކަ ދަރިންނާއި އާއިލާ އިން ތަކުރާރުކޮށް ދައްކާތީ އެކަމާ ގިނަ ފަހަރަށް އަންނަނީ ހިނި ކަމަށެވެ.

"އެ ވާހަކަ ދެއްކީމަ އަބަދު ވެސް އަހަންނަށް ޖަހާލެވެނީ ހިނިގަނޑެއް،" އުރްވަޝީ ބުންޏެވެ. "އަހަންނަށް ހީވަނީ އަހަރެންގެ އެ ޒަމާން މިހާރު ހިނގައްޖެއްހެން. އެހެންވެ ކައިވެނި ކުރާށޭ ބުނެ ދައްކާ ވާހަކަތަކާ ދޭތެރޭ އަހަރެން އެހާ ސީރިއަސްކޮށެއް ނުވިސްނަން."

އޭނާ ކައިވެނިކުރީ އެންމެ 16 ގަ އަހަރު އެވެ. އަދި އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނީ 17 އަހަރުގަ އެވެ. ދެ ކުދިން ވެސް މިހާރު ތިބީ ބޮޑުވެފަ އެވެ. އެއީ 25 އަހަރުގެ ސާގަރް އާއި ޝިތިޖް ދޮލާކިއާ އެވެ.

އުރްވަޝީ ބުނި ގޮތުގައި އޭނާ އަލުން ކައިވެނިކުރަން ނުވަތަ ލޯބީގެ ގޮތުން މީހަކާ ގުޅެން ދަރިން އަބަދު ވެސް ވަރަށް ބާރުއަޅަ އެވެ. އަދި އެއީ ދަރިން އޭނާ ދެކެ ލޯބިވާތީ ދައްކާ ވާހަކައެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު އަބަދު ވެސް ހިރަށް ހިތަށް އަރަނީ ކީއްވެހޭ އަހަރެން ދެން އެކަހަލަ ކަމަކާ ދޭތެރޭ ވިސްނަންވީ؟ ދަރިން ވެސް ބޮޑެތިވެއްޖެ. ދަރިން ރަނގަޅު ގޮތުގައު ތަރުބިއްޔަތުކުރުމުގެ އުފާ ވެސް އަހަންނަށް ލިބިއްޖެ،" އުރްވަޝީ ބުންޏެވެ. "އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރި. މިސްވާ ވަކި ކަމެއް ނެތް."

އޭނާ ބުނީ އަލުން ކައިވެނިކުރުމާއި ލޯބީގެ ގޮތުން މީހަކާ ގުޅުމާ ދޭތެރޭ ނުވިސްނި ނަމަވެސް އެކަން ވާން އޮތިއްޔާ ވާނެ ކަމަށެވެ.

"އަހަރެންގެ ހަޔާތުގައި އެފަދަ ކަމެއް އަލުން ވާން އޮތިއްޔާ ވާނެކަންނޭނގޭ. ދެން އެހެން ނޫނަސް އަހަންނަކީ ދިރިއުޅުމުގައި އަބަދު ވެސް ވަރަށް އިންޑެޕެންޓެންޑް އަންހެނެއް. ހަޔާތަށް އަލުން ބައިވެރިޔަކު އަންނަ ކަމަށް ވަންޏާ އެ ގޮތުގައި އަހަރެން ބަލައިގަންނާނެ މީހަކު ބޭނުން ވާނީީ ވެސް،" އުރްވަޝީ ބުންޏެވެ. "މީހަކަށް އަހަރެން އެހެން މީހަކަށް ބަދަލުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. އަދި އެކަހަލަ ގުޅުމެއް އަހަރެން ބޭނުމެއް ވެސް ނޫން."

ކައިވެނި ރޫޅުނު ފަހުން އުރްވަޝީ ޓީވީ އެކްޓަރަކާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވި އެވެ. އެއީ 2019 ގައި ސްޓާ ޕްލަސް އިން ގެނެސްދިން ޑާންސް ޝޯ "ނަޗްބަލިޔޭ" ސަޒަން 9 ގައި އޭނާއާ އެކު ވާދަކުރި އަނޫޖް ސަޗްދޭވް އެވެ. އެ ދެ މީހުން ވަކިވި ނަމަވެސް އަބަދު ވެސް ވަރަށް ގާތް އެކުވެރިކަމެއް އޮވެ އެވެ.

އުރްވަޝީ އަކީ "ކަސޯޓީ" ގެ އިތުރުން ވެސް ކާމިޔާބު ސިލްސިލާތަކެއް ކުޅުނު ބަތަލާއެކެވެ. އޭގެ ތެރޭގައި "ދޭބް ބާއީ ދޭކް"، "ޝަކްތީމާން"، "ކަބީ ސޯތަން ކަބީ ސަހޭލީ"، "ތުމް ބިން ޖައޯ ކަހޯ"، "ކަހީ ތޯ ހޯގާ" އަދި "ޗަންދުރަކަންތާ" ހިމެނެ އެވެ.