ލީގުގައި ވަރުގަދަ ޓީމަކަށް ލީޑްސް ދަނީ ބަދަލުވާނެ: ބިއެލްސާ
ލީގުގައި ވަރުގަދަ ޓީމަކަށް ލީޑްސް ދަނީ ބަދަލުވާނެ: ބިއެލްސާ

އިނގިރޭސި ޕްރިމިއާ ލީގުގެ ވަރުގަދަ ޓީމަކަށް ލީޑްސް ޔުނައިޓަޑް ބަދަލުވަމުންދާ ކަމަށް އެ ޓީމުގެ ކޯޗު މާސެލޯ ބިއެލްސާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ލީޑްސް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

މި އަހަރު ފެށުނު ފަހުން، ލީޑްސް އިން ވަނީ ގަދަ ހައެއްގައި އޮތް ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރިފަ އެވެ. ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ގަދަ ހަތަރެއްގައި އޮތް ލެސްޓާ ސިޓީ އަތުން ލީޑްސް ވަނީ މޮޅުވެފަ އެވެ. މީގެ އިތުރުން ޗެލްސީ އާއި ލިވަޕޫލް އަތުން ވެސް ޕޮއިންޓެއް ހޯދި އެވެ.

"އަހަރަމެން މެޗު ޑޮމިނޭޓްނުކުރިޔަސް، މާބޮޑު ތަފާތެއް ދެ ޓީމުގެ މެދުގައި ނުފެނު،" މިރޭގެ މެޗާ ގުޅޭ ގޮތުން ބިއެލްސާ ބުންޏެވެ. "އަހަރަމެން މި ދަނީ (ވަރުގަދަ ޓީމަކަށް) ބަދަލުވަމުން."

ބިއެލްސާ ބުނީ ބޮޑެތި ކްލަބުތަކާ ދެކޮޅަށް ކުޅެ، ލީޑްސް އިން ނެރިފައިވާ ނަތީޖާތަކާ ގުޅިގެން ކުޅުންތެރިން ރޫހު ވެސް ރަނގަޅުވެފައިވާ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް، އަހަރަމެންނަށް އެނގޭ މި ފެންވަރުގެ (ގަދަ ހައެއްގައި އޮތް) ޓީމުތަކާ ދެކޮޅަށް ކުޅޭއިރު މުޅި މެޗު ކޮންޓުރޯލްނުކުރެވޭނެކަން،" ބިއެލްސާ ބުންޏެވެ. "އެކަމަކު މި ކަހަލަ މޮޅެތި ކުޅުންތެރިން ތިބި ޓީމުތަކާ ދެކޮޅަށް ކުޅެން (ލީޑްސް)ގެ ކުޅުންތެރިން މިހާރު ދަސްކޮށްފި."

މި މެޗުގެ ނަތީޖާއާއެކު، ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް ޔުނައިޓަޑާދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެހެންކަމުން ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ދެން ކުޅެންޖެހޭ މެޗުން ސިޓީ މޮޅުވެ، ލިވަޕޫލާ ދެކޮޅަށް ދެން ކުޅޭ މެޗުން ޔުނައިޓަޑް ބަލިވެއްޖެނަމަ، ސިޓީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ ބުނީ ޕޮއިންޓަކާއެކު ފުއްދާލަން ޖެހުނީ މެޗުގައި ޔުނައިޓަޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ. އަދި މި މެޗުން ޕޮއިންޓެއް ލިބުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެން މި މެޗަށް ނުކުތީ މެޗުން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ސިޓީއާދެމެދު އޮތް ފަރަގުކުޑަކުރަން. އެކަމަކު އެކަމެއް މިއަދު ނުވި،" ސޮލްސަޔާ ބުންޏެވެ.