26 އެޕްރީލް 2021 - 12:29

ނިއު ދިއްލީ (އެޕްރީލް 26) - ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރެކޯޑް އަދަދުތަކުން އިތުރުވެ އޮކްސިޖަނަށް ޖެހިފައިވާ އިންޑިއާ އަށް ދުނިޔޭގެ އެކި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އިނގިރޭސި ވިލާތުން ވަނީ ވެންޓިލޭޓަރާއި އޮކްސިޖަން ކޮންސެންޓްރޭޓަރު ޑިވައިސް ފޮނުވަން ފަށައިފަ އެވެ. އިނގިރޭސި ވިލާތުގެ އެހީގެ ފުރަތަމަ ޝިޕްމަންޓް އަންގާރަ ދުވަހު އިންޑިއާ އަށް ލިބޭނެ އެވެ. އަދި އިތުރު އެހީ މި ހަފުތާގެ ފަހުކޮޅު ފޮނުވާނެ އެވެ. އެހީގެ ތެރޭގައި 495 އޮކްސިޖަން ކޮންސެންޓްރޭޓަރު ހިމެނެ އެވެ. އެއީ ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެއްޖެ ހާލަތެއްގައި، ވައިގެ ތެރޭން އޮކްސިޖަން ދަމައިގަންނަ ޑިވައިސްއެކެވެ. އަދި 120 ނަން-އިންވޭސިވް ވެންޓިލޭޓަރާއި 20 މެނުއަލް ވެންޓިލޭޓަރު ހިމެނެ އެވެ. އީޔޫގެ ގައުމުތަކުން ވެސް ވަނީ އެހީ ފޮނުވަން ތައްޔާރުވެފަ އެވެ. ފްރާންސް އިން ވަނީ އޮކްސިޖަން ފޮނުވާނެ ކަމަށް ބުނެފަ އެވެ. ޔޫރަޕިއަން ކޮމިޝަނުން ވެސް ވަނީ އޮކްސިޖަނާއި ބޭސް އިންޑިއާ އަށް ފޮނުވާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާ އިން ވަނީ އެކްސްޕޯޓް ކުރުން ކުރިން ހުއްޓުވި ވެކްސިންގެ ރޯ މެޓީރިއަލް އަލުން އިންޑިއާ އަށް ފޮނުވާނެ ކަމަށް ބުނެފަ އެވެ. އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން ވެސް ވަނީ ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްގެ އެކްސްޕޯޓް ހުއްދަ އަށް އެމެރިކާގައި އެދިފަ އެވެ.
އިންޑިއާއާ ގުޅުން ރަނގަޅު ނޫން އަވަށްޓެރި ޕާކިސްތާނުން ވެސް ވަނީ މެޑިކަލް އެކުއިޕްމަންޓް ފޮނުވަން ހުށަހަޅައިފަ އެވެ. ބޮޑުވަޒީރު އިމްރާން ޚާން ވަނީ އިންޑިއާ އަށް "އަވަސް ޝިފާއަކަށް" އެދި ޓްވީޓް ކުރައްވައިފަ އެވެ. ޕާކިސްތާނުގެ "އެދި" ފައުންޑޭޝަނުން ވަނީ 50 އެމްބިއުލެންސް އިންޑިއާ އަށް ފޮނުވަން ހުށަހަޅައިފަ އެވެ.
އިންޑިއާ ސަރުކާރުން މިހާރު ވަނީ ގައުމުގެ އެކި ހިސާބުތަކުގައި ހުރި އޮކްސިޖަން ޖެނެރޭޝަން 500 ޕްލާންޓުން ސަޕްލައި އިތުރު ކުރެވޭނެ ޕްލޭންތައް ހަދައިފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާ އިން ވަނީ އާ ރެކޯޑެއް ކަމަށްވާ 354,531 މީހުން ޕޮޒިޓިވްވެ 2،806 މީހުން މަރުވެފަ އެވެ. ވިހި މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީގެ ހޮސްޕިޓަލްތައް ފުރިގެން މިހާރު ބަލި މީހުން އެޑްމިޓެއް ވެސް ނުކުރެ އެވެ.
އިންޑިއާގެ ސިއްހީ އޮފިޝަލުން ބުނަނީ ހަލުވިކަމާ އެކު ބަލި ފެތުރެނީ އާ ވޭރިއަންޓްތަކުގެ ސަބަބުން ކަމަށެވެ. އެކަމަކު ގިނަ ބަޔަކު ބުނަނީ ދީނީ ފެސްޓިވަލްތަކަށް އެތައް ބަޔަކު އެއްވެ ގައިގޯޅިވެ އުޅުމުގެ ސަބަބުން ބަލި ފެތުރުނީ ކަމަށެވެ. ދެވަނަ ރާޅަކަށް އިންޑިއާ ތައްޔާރުވެފައި ނެތް ކަމަށް ބުނެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވެސް ދަނީ ފާޑުކިޔަމުންނެވެ. އިންޑިއާ އިން ކޮވިޑުގެ ފުރަތަމަ ރާޅު ކޮންޓްރޯލް ކުރި އިރު މިދިޔަ ފެބްރުއަރީ މަހު ކޭސްތައް ވަނީ 8،000 އަށް ވެސް ދަށްވެފަ އެވެ.