ނަޝީދު އުޅުއްވަނީ އަދިވެސް ހައިބަތު ބޮޑުކުރަންވެގެން: ރީކޯ މޫސަ
ނަޝީދު އުޅުއްވަނީ އަދިވެސް ހައިބަތު ބޮޑުކުރަންވެގެން: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ބޮޑުވަޒީރަކަށް ވެވަޑައިގެން އިތުރަށް "ހައިބަތު" ބޮޑުކުރައްވަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ) މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މޫސަ ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ރައްޔިތުން ގޮތް ނިންމާފައިވަނިކޮށް، އަނެއްކާ ވެސް އެ ނިޒާމު ބަދަލުކުރުމަށް ނަޝީދު މަަސައްކަތް ކުރައްވާތީ ފާޑުވިދާޅުވެފަ އެވެ.

ހުޅު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް "ނުގޮވާކަށް އެއްޗެއް" ނެތް ކަމަށެވެ. އެގޮތުން ފިއްކަނޑައިގެންދާ ވަރަށް ވަގަށް ގޮވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ވެސް ގޮވީ އެހެން ކަމަށާއި އެއިން އެއްވެސް ކަމަކަށް މަޖިލީހުން ނުވެސް ބަލައި ކަމަށެވެ. އަދި މަޖިލީހުން ކުރަންޖެހޭ ބައިވަރު މަސައްކަތްތައް ވެސް ހުރިއިރު، މޫސަ ވިދާޅުވީ ކުއްލިއަކަށް މި ދައްކަން ފެށީ ބޮޑު ވަޒީރަކު ގެނައުމުގެ ވާހަކަ ކަމަށެވެ.

"ދެން އަޅުގަނޑަށް އޭތި ހެއްވާ ކަމަކަށް ވަނީ. މިސާލަކަށް އަންނި ސިޓީއެއް ލިޔެލާފައި އެ މެސެޖެއް ކޮށްލަނީ، ސޯލިހު (ރައީސް އިބްރާހިމް މުހައްމަދު ސޯލިހު) ކަލެއަށް ވެސް ދެން ލައްކަ ދުވަހު މިހާރު ވެރިކަމުގައި ހުރެވިއްޖެޔޭ. އަހަންނަށް ދެން ވަަރަށް އުނދަގުލޭ މިހެން އިންނަން. ދެން ކޮބައިތޯ އުނދަގޫވެފައި. ބޮޑު ސިންގާ މަސައްކަތެއްގައި ހައިބަތުގައި މި އިންނަނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އޭނާއަކީ ކުރިން އެކަންކަމަށް ޖޯކުޖެހި މީހެއް ކަމަށެވެ. އެގޮތުން ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމް ވަޑައިގަންނަވާއިރު މަތިން ހެލިކޮޕްޓަރު އަދި ތިރިން "ޓޭންކަރު"، ދެ އަރި މަތިން ސައިކަލު އަންނާތީ އެކަމަށް ޖޯކު ޖެހި ކަމަށާއި އެކަމަކު މިހާރު ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް މޫސަ ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ހާލަތަކީ ވެސް ހަމަ އެއީ އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ވިދާޅުވީ ނަޝީދު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވާއިރު ވެސް 15 ވަރަކަށް މީހުން އެއްވަރަށްދާ ކަމަށެވެ.

"ގާތްގަނޑަކަށް ބުންނަންޏާ ސިފައިންގެ ދެބައި ކުޅަ އެއްބައި މީހުން ދުވަމުންދޭ. ހަމަ ވަރަށް އުފާވެރިކޮށް މެދުގައި ހުންނަވައިގެން ހިނިފުޅުވަޑުއްވަމުން ދުވެވަޑައިގަންނަވާނެ. ހައިބަތު ބޮޑެއް ނޫންތޯ. އަދިވެސް ކުޑަވެގެން އަދިވެސް އޭގެ ތެރެއަށް އިތުރަށް ބޮޑު ވަޒީރުކަން ލީމަ މުސާރަ ވެސް ތިން މުސާރަ. ދެން އެވަރުވީމަ މީހުން ޖޯކު ޖަހާނެދޯ،" ނަޝީދަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ނަޝީދު، ރައީސަށް ފޮނުއްވި މެސެޖާ އެކު އެމަނިކުފާނަށް އޭނާ ގުޅުއްވި އެވެ. އަދި އެކަމުގައި ވާހަކަ ދެއްކެވުމުން ރައީސް ވިދާޅުވީ މިއީ އެމަނިކުފާނާއި ރައީސް ނަޝީދާ ވާހަކަފުޅު ދައްކަވައިގެން ނިންމެވޭ ކަހަލަ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ނިޒާމު ބަދަލުކުރާ ވާހަކަ ދައްކަވަމުން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި ކަމަށް މޫސަ ވިދާޅުވެ އެވެ.

"ވެރިކަމާ ހެދި ވަކި ހިސާބަށް ދިޔައިމަ ކަންކަމުގަ ދަހިވިޔަސް ކުޑަ ތަންކޮޅެއް ބޮޑުވާނެ. މިވެސް ގައުމެއް."

މޫސަ ވިދާޅުވީ އެމްޑީޕީ އެންމެ ފުރަތަމަ ނުކުތީ ހަނގުރާމައަކަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި ދެމިގެން އައި ހުދުމުހުތާރު ވެރިކަމާއި ވިރާސީ ރަސްކަމުގެ ސިފަތައް ބަދަލުކުރަން އެ ޕާޓީން ނުކުތްއިރު ރާއްޖޭގައި ބާއްވާނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ނުނިންމާ ކަމަށް ވިދާޅުވި އެވެ. އަދި ބަރުލަމާނީގެ ވާހަކަ އައީ އޭގެ މާފަހުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މިހާރު މަޖިލީހުގައި އޮތްއިރު ބަރުލަމާނީ ނިޒާމު ގެންނަން އެޖެންޑާ 19 ގައި ހިމަނައިގެން މަސައްކަތް ނުކުރީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. މޫސަ ވިދާޅުވި ގޮތުގައި އެގޮތަށް އެކަން ނުކުރީ އެމްޑީޕީގެ ސިޔާސަތު ނޫންވީމަ އެވެ.

"މެދު ތެރެއިން އިންތިހާބެއް ނުބާއްވާ، ވެރިކަމުގެ ބާރުތަކުން ތިމަންނައަށް ލިބޭ ބައި މަދުވީމަ ދެންތޯ ފުންމައިގެން ނުކުމެ ސޯލިހާ ދިމާލަށް އޭ ބްރޯ މަށަށް ދީބަލާށޭ ބޮޑުވަޒީރުކަން. އެހެން ކުރާ ކަމެއް ހެއްޔޭ މިއީ. ހެއްވާ ކަމަކަށް ވަނީ،" އެމްޑީޕީގެ މިހާރުގެ ސިޔާސަތު ނޭނގިދާނެ ކަމަށް ވިދާޅުވެ މޫސަ ވިދާޅުވި އެވެ.

ރައީސް ސޯލިހަށް މި މަހުގެ 18 ވަނަ ދުވަހު ފޮނުއްވި އެސްއެމްއެސްއެއްގައި ވާ ގޮތުން ނަޝީދު ބޭނުންފުޅު ވަނީ ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާށެވެ. އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގެން "ބާކީ ވެގެން" ދުރުގައި ހުންނަވަން ބޭނުންފުޅެއް ނޫނެވެ.

އެ މެސެޖުގައިވާ ވަނީ ފެބްރުއަރީ 2023 ގައި ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، މިހާރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވައިލާ ގޮތަށެވެ. އަދި އެ އަހަރު ރިޔާސީ އިންތިހާބު ނުބާއްވައި، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ކަނޑައަޅަން ވާނީ، ނަޝީދުގެ އެސްއެމްސްގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުންނެވެ.

ނިޒާމު ބަދަލުކުރާ ނަމަ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވުމާ އެކު، ނަޝީދު ވެސް ވަނީ އެކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފަ އެވެ.