25 އެޕްރީލް 2021 - 22:23

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ޖުމްލަ 253 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ފާއިތުވި ދުވަސްތަކުގައި މާލޭގެ ކޮވިޑްގެ ކޭސްތަކަށް ވުރެ ރަށްރަށުގެ ކޭސްތަކުގެ އަދަދުތައް ގިނަ އެވެ. އެކަމަކު އަނެއްކާ ވެސް މިވަނީ މާލޭގެ ކޮވިޑްގެ ކޭސްތައް މައްޗަށް އަރައިފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،549 ސާމްޕަލެއް ނަގާފައިވާއިރު ޕޮޒިޓިވްވީ 253 މީހުންނެވެ. އޭގެ ތެރެއިން ރަށްރަށުން ޕޮޒިޓިވްވީ 35 މީހެކެވެ. އަދި މާލެއިން 147 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 31 ގަ އެވެ. ސިނާއީ ރަށްތަކުން ވެސް 40 މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 27،874 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،309 އެކެވެ. އަދި އެކްޓިވް ކޭސްގެ އަދަދަކީ 3'485 އެވެ.
ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދުތައް ވެސް ވަނީ 123 އަށް މައްޗަށް އަރައިފަ އެވެ. އަދި ރާއްޖެއިން މިހާތަނަށް ކޮވިޑްގައި 71 މީހަކު މަރުވެފައިވެ އެވެ.