ރޭޕްކުރުމާއި ޖިންސީ ގޯނާ އިތުރުވާތީ މަޖިލީހަށް ގަރާރެއް
ރޭޕްކުރުމާއި ޖިންސީ ގޯނާ އިތުރުވާތީ މަޖިލީހަށް ގަރާރެއް

ޖިންސީ ގޯނާކުރުމާއި ރޭޕްކުރުން، ރާއްޖޭގައި އިތުރުވަމުންދާތީ އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތެއް ރޭވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، މަޖިލީހަށް ހުށަހެޅުއްވި، ގަރާރުގައި ވަނީ ޖިންސީ ގޯނާކުރުމާއި ރޭޕްކުރުން ފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގައި މީހުންނަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ވެސް ގޮވާލައިފަ އެވެ.

އެ ގަރާރުގައި ބުނީ، ރާއްޖޭގައި ޖިންސީ ގޯނާ އާއި ރޭޕް އިތުރުވެފައިވަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށެވެ. އެގޮތުން އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި އިންސާފު ލިބުން ލަސް ކަމަށް ބުނެފައިވެ އެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާ ފަދަ މައްސަލަތަކުގައި ދައުވާ ނުކުރުމާއި އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ކަމަކީ އެފަދަ އަމަލުތައް ގިނަވަމުން އަންނަ ސަބަބެއް ކަމަށާއި މުޖުތަމުއުގައި ބިރުވެރިކަން އުފެދި، މަގުމައްޗަށް ނުކުންނަން ފަސްޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންވެ، ޖިންސީ ގޯނާ އާއި ރޭޕްކުރުން ފަދަ މައްސަލަތައް، މަދުކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމަށާއި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފައިވެ އެވެ.

އެފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅިއިރު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މާލޭގެ މަގުމަތިން އަންހެނަކު ނަގައިގަނެގެން ގޯޅިއަކަށް ވައްދައި، "ރޭޕް" ކުރަން އުޅުނު ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި 18 އަހަރު ނުވާ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުން ފަދަ ކަންކަން ދިމާވަމުން އަންނަ މިންވަރު އިތުރުވެ، އިއްޔެ ރޭ މާލޭގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.