25 އެޕްރީލް 2021 - 20:41

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮއްވައި، ޕެންޝަން ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު އަނބުރާ ގެންގޮސްފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ޝިޔާން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޕެންޝަނާ ބެހޭ ބިލް އަނބުރާ ނަންގަވާ ކަމަށެވެ. އެ ސިޓީގައި ބިލް އަނބުރާ ގެންދަވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ޝިޔާން ހުށަހެޅުއްވި ބިލްގައިވާ ގޮތުން، އެކި މަގާމުތަކުގައި އުޅުމަށް ފަހު ރިޓަޔާވާ މީހުންނަށް އެ މީހުން އަދާކުރި މަގާމާ ގުޅޭ ގޮތުންް ތަފާތުވާ ގޮތުގައި ދޭ ޕެންޝަަންތައް ކަނޑާލުމުގައި އިސްތިސްނާކުރާނީ ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށެވެ.
އަދި ދައުލަތުގެ މަގާމެއް އަދާކުރުމަށް ފަހު ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރާ މަގާމަކަށް އަންނަ ހިސާބުން ފެށިގެން، އޭނާއަށް ޕެންޝަން ލިބުނުން ހުއްޓޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
އެ ބިލުގައި އިސްތިސްނާކޮށްފައިވާ މުއައްސަސާތައް ފިޔަވައި އެހެން ތަންތަނުގައި މަސައްކަތްކޮށް ރިޓަޔާވެފައިވާ މީހުންނަށް ވެސް ޕޭކޮމިޝަން މެދުވެރިކޮށް، ޕެންޝަނުގެ އަދަދުތައް އަލުން ކަނޑައަަޅަން ހިމަނާފައިވެ އެވެ. އަދި ޕޭކޮމިޝަނަށް ލާޒިމްކޮށްފައި އޮތީ ބިލު ގާނޫނަކަށް ވާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ސިޔާސަތުތައް ކަނޑައެޅުމަށެވެ.
މި ބިލް މަޖިލީހަށް ހުށެޅުއްވުމާއެކު މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ބިލަށް ކަންބޮޑުވުން ފާޅުކުރައްވަމުން، މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ވަނީ ދައުލަތަށް އެތައް އަހަރެއް ވަންދެން ހިދުމަތްކުރާ މީހުންނަށް އަޅައި ނުލައި ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަދާކުރާ މަގާމުގައި މީހުން އިހުލާސްތެރިވާ މިންވަރު ގުޅިފައި އޮންނާާނީ ވެސް އެ މީހުން ކުރާ މަސައްކަތް ބަލައިގަންނަ މިންވަރަށް ކަމަށް ހާރޫން ވިދާޅުވެ އެވެ.
އެ ބިލަށް މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވެސް ފާޑުވިދާޅުވެފައިވެ އެވެ. އެގޮތުން ސަރުކާރުތަކުންް ޕެންޝަން ގާނޫނަށް ގެންނަމުންދާ އިސްލާހުތަކުގެ ސަބަބުން ޕެންޝަނަރުން ވެސް ނިކަމެތިވަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ގެންނަ އެ އިސްލާހަކީ ސަރުކާރަށް ފައިސާ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ތުހުމަތު ކުރައްވައިފައިވެ އެވެ.