25 އެޕްރީލް 2021 - 19:36

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ފަސް ކޯހެއް ހިންގުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ހާއްސަ ޕްރޮގްރާމް "ސްކިލްސް ފޮ އަ ރެޒީލިއެންޓް ވޯކްފޯސް" ގެ ދަށުން ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުން ހަވާލުކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން އެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ހިންގުމަށް ހަވާލުކޮށްފައިވާ ފަސް ކޯހަކީ ބޯޓް އޮޕަރޭޝަނާއި ޖުވެލަރީ ޑިޒައިން އަދި ސްނޯކެލިން ގައިޑާއި ސްޕޯޓްސް ފިޝިން ގައިޑް އަދި ސާފް ގައިޑެވެ. މިއީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ފަސް ކޯހުން 100 ދަރިވަރުން ތަމްރީނުކުރަން ހަމަޖެހިފައިވެ އެވެ.
ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ހާއްސަ ޕްރޮގްރާމްގެ ދަށުން އެ ކޯސްތައް ކުރިއަށް ގެންދާއިރު މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމު މެދުވެރިކޮށް އެކި ސިނާއަތްތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކުރެވޭނެ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކި ދާއިރާތަކުން 1،200 މީހުން ތަމްރީނު ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން 600 އަދި އައިސީޓީ ދާއިރާއިން 200 މީގެ އިތުރުން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރާނެ އެވެ.
މިނިސްޓްރީން ބުނީ ތަމްރީނު ލިބިގެންދާ ޒުވާނުންގެ 33 ޕަސެންޓަކީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ބައިތަކެއްގެ ގޮތުގައި ވުމަކީ އެ ޕްރޮގްރާމްގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އަދި ދިވެހިން ބައިވެރިވާ ވާދަވެރި ވަޒީފާ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ދަށްކުރުން ހިމެނެ އެވެ.