25 އެޕްރީލް 2021 - 15:06

ކޮލަމްބޯ (އެޕްރީލް 25) - ކޮލަމްބޯ އަކީ ކޮވިޑުގެ ހައި ރިސްކް ޒޯނެއްގެ ގޮތުގައި ސްރީ ލަންކާ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަން (ޕީއެޗްއައި) އިން ކަނޑައަޅައިފި އެވެ.
ކޮލަމްބޯގެ އިތުރުން ވެސްޓަން ޕްރޮވިންސްގެ ގަމްޕަހާ އަދި ނޯތު ވެސްޓަން ޕްރޮވިންސްގެ ކުރުނެގަލަ ވެސް ވަނީ ހައި ރިސްކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ޕީއެޗްއައި ޔޫނިއަންގެ ރައީސް އުޕުލް ރޮހާނާ ވިދާޅުވީ ހައި ރިސްކް ޒޯންތައް ކަނޑައެޅީ ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދުތަކުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ބަލައިގެން ކަމަށެވެ. ގަމްޕަހާ ޑިސްޓްރިކްޓުން ހުކުރު ދުވަހު 236 ކޭސް، ކޮލަމްބޯ އިން 194 އަދި ކުރުނެގަލަ އިން 48 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ސްރީ ލަންކާގައި ކޮރޯނާވައިރަހުގެ ކޭސްތައް ފަހަކަށް އައިސް އިތުރުވެފައި ވަނީ ސިންހަޅަ އާ އަހަރުގެ ހަފުލާތަކަށް ފަހު އެވެ. ލަންކާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ އެއްލައްކަ ފަހަނަޅައިފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 895 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 638 މީހުން މަރުވެފަ އެވެ.
ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާތީ ލަންކާ އިން މިހާރު ވަނީ މެއި މަހުގެ 1 ވަނަ ދުވަހުގެ ރެލީތައް ނުބާއްވަން އަންގައިފަ އެވެ.