ބޮލީވުޑްގެ ބަތަލާއެއް ޕައިލެޓަކަށް ވެއްޖެ
ބޮލީވުޑްގެ ބަތަލާއެއް ޕައިލެޓަކަށް ވެއްޖެ

ފިލްމީ ބަތަލާ ގުލް ޕަނާންގް ފިލްމު ކުޅެމުން ސިޔާސީ މައިދާނަށް ވަނެވެ. ނަމަވެސް 2014 ވަނަ އަހަރު އާމް އާދްމީ ޕާޓީގެ ފަރާތުން ގުލް ކުރިމަތިލި ގޮނޑި ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން އޭނާ ބޭނުންވީ ޕައިލެޓްކަމުގެ ލައިސަންސް ހޯދުމަށެވެ. މިކަން ކާމިޔާބުވެ ނޮވެމްބަރު 10 ވަނަ ދުވަހު އޭނާއަށް ވަނީ ސަޓިފައިޑް ޕައިލެޓެއްގެ ދަރަޖަ ލިބިފަ އެވެ.

ގުލް ވަނީ ޕައިލެޓް ޔުނީފޯމްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށް އޭނާއަށް ލައިސަންސް ލިބުނުކަން އިއުލާންކޮށްފަ އެވެ.

ސިޔާސީ ކަންކަމުގައި އުޅޭތީ އާއި ޕައިލެޓްކަން ދަސްކުރުމުގައި އުޅޭތީ ބޮލީވުޑުން ގުލް ނުފެންނަތާ މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ގުލް ވަނީ 1999 ވަނަ އަހަރު އެވެ. އެ އަހަރު މިސް އިންޑިއާގެ ފަޚުރުވެރި ތާޖު ހާސިލްކުރި އެވެ. އަދި މިސް ބިއުޓިފުލް ސްމައިލްގެ އެވޯޑު ވެސް ލިބުނެވެ.

ފިލްމީ މަސައްކަތް އޭނާ ފެށީ 2003 ގައި ނުކުތް "ދޫޕް" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން 2015ގައި ނުކުތް "އަމްބަރްސާރިޔާ" އާ ހަމައަށް 17 ވަރަކަށް ފިލްމު ކުޅެފައިވެ އެވެ. އަދި ބައެއް ޓީވީ ސިލްސިލާތަކުގައި ވެސް އޭނާ ބައިވެރިވެ ބައެއް ޝޯތަކުގައި ޕްރެޒެންޓަރެއްގެ ހައިސިއްޔަތުން ވެސް މަސައްކަތްކޮށްފައިވެ އެވެ.

ގުލްގެ ފިރިމީހާ ރިޝީ އަޓާރީ އަކީ ވެސް ޕައިލެޓެކެވެ.