އިންޑިޔާގެ ދަތުރުތަކަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި
އިންޑިޔާގެ ދަތުރުތަކަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި

އިންޑިޔާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ގައުމަށް ކުރާ ދަތުރުތަކަށް ރާއްޖެ އިން ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މި ފިޔަވަޅުތައް އަޅާފައި ވަނީ އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވެ، ގިނަ ގައުމުތަކުން ފިޔަވަޅު އެޅި ނަމަވެސް ރާއްޖެ އިން އެއްވެސް ފިޔަވަޅެއް ނާޅާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މި ވަގުތުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިންޑިޔާ އިން ރާއްޖެ އާދެވޭނީ 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަ ފަރާތްތަކަށް ކަމަށާއި އެނބުރި އެ ގައުމަށް ދިޔުމުގެ ކުރިން ވެސް ކޮވިޑް ޓެސްޓް ހަދަން މަޖުބޫރުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިންޑިޔާ އިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ އެ ގައުމުގެ ރައްޔިތުން 24 ގަޑިއިރު ތެރޭގައި ޕީސީއާރް ޓެސްޓް ހެދުމަށް ފަހު 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިންޑިޔާގެ މައްސަލާގައި ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމައިފަ އެވެ. އެގޮތުން ރާއްޖޭގެ ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ސިޓީ ހޮޓާތަކުގައި އިންޑިއާ ޓޫރިސްޓުން ބޭތިއްބުން މަނާ ކުރަން އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިޔާ އިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 22 ޕަސަންޓަކީ އިންޑިޔާ ރައްޔިތުންނެވެ. ނަަމަވެސް މި ފިޔަވަޅުތަކާ އެކު އެ އަދަދު ދަށް ވާނެ ކަމަށް ބެލެވެ އެވެ.