އެންމެ ބިޒީ އެއާޕޯޓްގެ މަގާމު 22 އަހަރު ފަހުން އެޓްލާންޓާ އެއާޕޯޓަށް ގެއްލިއްޖެ
އެންމެ ބިޒީ އެއާޕޯޓްގެ މަގާމު 22 އަހަރު ފަހުން އެޓްލާންޓާ އެއާޕޯޓަށް ގެއްލިއްޖެ

ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓްގެ މަގާމު 22 އަހަރު ވަންދެން ހިފަހައްޓަމުން އައި އެމެރިކާގެ ހާޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރު އެ މަގާމު ގެއްލިއްޖެ އެވެ.

މިދިޔަ އަހަރު އެންމެ ބިޒީ އެއާޕޯޓްގެ އެއް ވަނަ މަގާމު އެ އެއާޕޯޓަށް ގެއްލި މިހާރު އޮތީ އެންމެ ބިޒީ 10 އެއާޕޯޓްގެ ދެވަނައިގަ އެވެ. މިދިޔަ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑު ހުއްޓުމެއް އައި އަހަރެކެވެ. އަނެއްކޮޅުން އެމެރިކާ އަކީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެއް ގައުމަށް ވާތީ، އެ ގައުމުގެ ބޯޑަރު ވަރަށް ގިނަ ދުވަސްތަކެއް ބަންދުކޮށް، ދަތުރުފަތުރުގެ ދާއިރާ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ ދަތުރުތަކެވެ.

އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ބިޒީ އެއާޕޯޓްގެ މަގާމު 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ގެއްލުނީ ވެސް އެ ސަބަބާ އެކީގަ އެވެ. އެޓްލާންޓާ އެއާޕޯޓްގެ މިދިޔަ އަހަރުގެ ދަތުރުވެރިންގެ ނިސްބަތަކީ 42.9 މިލިއަނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު އެއާ ޓްރެފިކްގެ 61 ޕަސަންޓް ވެއްޓުމެކެވެ.

މިދިޔަ އަހަރު އެންމެ ބިޒީ 10 އެއާޕޯޓްގެ ލިސްޓަަށް ބަލާ އިރު، އޭގެ ތެރެއިން ހަތް އެއާޕޯޓަކީ ކޮވިޑް އުފަންވުމުގެ އަސްލު ކަމަށް ގިނަ ބަޔަކު ބުނާ ޗައިނާގެ އެއާޕޯޓްތަކެވެ. އެއް ވަނައިގައި އޮތީ އެ ގައުމުގެ ގުއަންޒޫ ބައިޔުން އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއީ 43.8 މިލިއަން ދަތުރުވެރިންނާ އެކީގަ އެވެ. އެ ނިސްބަތަކީ 2019 ވަނަ އަހަރާ އަޅާ ބަލާ އިރު އެއާ ޓްރެފިކްގެ 40 ޕަސަންޓް ދަށްވުމެކެވެ.

ލިސްޓްގެ ތިން ވަނައިގައި 40.7 މިލިއަން ދަތުރުވެރިންނާ އެކު ޗެންޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޮތް އިރު، 39.4 މިލިއަން ދަތުރުވެރިންނާ އެކު ހަތަރު ވަނައިގައި އޮތީ އެމެރިކާގެ ޑަލަސް ފޯޓް ވޯތު އިންޓަނޭޝަލް އެއާޕޯޓެވެ.

ލިސްޓްގެ ބާކީ ތަރުތީބުކުރާ އިރު ފަސް ވަނައިގައި ޗައިނާގެ ޝެންޒެން އިންޓަނޭޝަނަލް އެއާޕޯޓް (37.9 މިލިއަން ދަތުރުވެރިން) ހަ ވަނައިގައި ބެއިޖިން އިންޓަނެޝަނަލް އެއާޕޯޓް (34.5 މިލިއަން ދަތުރުވެރިން) ހަތް ވަނައިގައި އެމެރިކާގެ ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓް (33.7 މިލިއަން ދަތުރުވެރިން) އަށް ވަނައިގައި ޗައިނާގެ ކުންމިން އިންޓަނެޝަނަލް އެއާޕޯޓް (33 މިލިއަން ދަތުރުވެރިން) ނުވަ ވަނައިގައި އެ ގައުމުގެ ޝަންހާއީ އިންޓަނެޝަނަލް އެއާޕޯޓް (31.2 މިލިއަން ދަތުރުވެރިން) އަދި 10 ވަނައިގައި ޗައިނާގެ ޒިއާން އިންޓަނޭޝަނަލް އެއާޕޯޓް (31.1 މިލިއަން ދަތުރުވެރިން) އެވެ.

އެއާޕޯޓްސް ކައުންސިލް އިންޓަނެޝަނަލް (އޭސީއައި) ގެ ވޯލްޑްސް ވައިސް ޕްރެޒިޑެންޓް ފޯ އިކޮނޮމިކްސް ޕެޓްރިކް ލޫކަސް ވިދާޅުވި ގޮތުގައި އެޓްލާންޓާ އިންޓަނެޝަނަލް އެއާޕޯޓަށް އެންމެ ބިޒީ އެއާޕޯޓްގެ މަގާމު ގެއްލިފައި އޮތުމަކީ މާ ގިނަ ދުވަހަކަށް ދެމިއޮންނާނެ ކަމެއް ނޫނެވެ.

"އެއީ ވަރަށް ކުރު މުއްދަތަކަށް ވަގުތީ ކަމަކަށް ވާނީ. އަލުން ވަރަށް އަވަހަށް އެންމެ ބިޒީ އެއާޕޯޓްގެ މަގާމަށް އެތަން ރުޖޫއަވާނެ ކަމާ ދޭތެރޭ ޝައްކެއް ނެތް،" އޭނާ ވިދާޅުވި އެވެ.