25 އެޕްރީލް 2021 - 14:00

ނިއު ދިއްލީ (އެޕްރީލް 25) - އިންޑިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން ކޮންމެ ދުވަހަކު ވެސް ރެކޯޑް އަދަދުތަކުން މަތިވަމުންދާ އިރު ދިއްލީ ފަދަ ހާލަތު ގޯސް ސިޓީތަކުގައި އޮކްސިޖަން ނުލިބިގެން އެތައް ބަޔަކު މަރުވަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޖެހިޖެހިގެން ހަތަރު ދުވަހު ރެކޯޑް އަދަދުތަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އާދިއްތަ ދުވަހު އެކަނިވެސް ވަނީ ގާތްގަނޑަކަށް 350،000 މީހުން ޕޮޒިޓިވްވެ 2,761 މީހުން މަރުވެފަ އެވެ.
ހޮސްޕިޓަލްތަކުގެ އެނދުތައް ފުރިފައިވާ އިރު، ގިނަ ހޮސްޕިޓަލްތަކުން ބަލި މީހުންނަށް އިތުރަށް ފަރުވާ ނުދެވި އަނބުރާ ފޮނުވާލާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެންމެ ބޮޑަށް ހާލަތު ގޯސް ދިއްލީގައި އޮކްސިޖަން ނުލިބިގެން ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
ދިއްލީގެ ހޮލީ ފެމިލީ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ފުރިގެން، އިތުރަށް އެއްވެސް ބަލި މީހަކު މިހާރު އެޑްމިޓެއް ނުކުރެ އެވެ.
"ގިނަ ހޮސްޕިޓަލްތަކުގެ ހާލަތަކީ އެއީ. އޮކްސިޖަން ނުލިބިއްޖެ ނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް ބަޔަކު މަރުވާނެ. ގިނަ މީހުން ތިބީ ވެންޓިލޭޓަރުގައި،" ޑރ. ސުމިތު ރޭ ބުންޏެވެ.
ޖައިޕޫރު ގޯލްޑަން ހޮސްޕިޓަލްގެ ޑޮކްޓަރަކު ބުނީ ހުކުރު ދުވަހާ ހަމައަށް 3.6 ޓަނުގެ އޮކްސިޖަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ރެއާ ހަމައަށް ލިބުނީ އޭގެ ތެރޭން ބައެއް ކަމަށެވެ.
ދިއްލީގެ ލޮކްޑައުން މުއްދަތު މިހާރު ވަނީ އިތުރު ހަފުތާއަކަށް ދަންމާލައިފަ އެވެ.
އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެފައި މި ވަނީ އެ ގައުމުން ވަރަށް ބޮޑަށް ކޮވިޑް ކޮންޓްރޯލްކޮށްފައިވާ ކަމަށް ބެލެވިފައި ވަނިކޮށެވެ. ފެބްރުއަރީ މަހު 1 ވަނަ ދުވަހު ވަނީ ޕޮޒިޓިވް ރޭޓް 8،000 އަށް ވެސް ދަށްވެފަ އެވެ. ނަމަވެސް މާޗް މަހުން ފެށިގެން ކޭސްތައް އިތުރުވަމުން ގޮސް، ހިންދޫންގެ އެތައް މިލިއަން ބަޔަކު ޖަމާވި ކުމްބް މެލާ ފެސްޓިވަލުގެ އިތުރުން އާ ވޭރިއަންޓްތަކާ އެކު ތިން ދުވަހުން މިލިއަނެއް ވަނީ ޕޮޒިޓިވްވެފަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 17 މިލިއަން މީހުން ޕޮޒިޓިވްވެ 192,310 މީހުން މަރުވެފަ އެވެ.