ކޮވިޑް-19: ރަށްރަށުގެ އެކްޓިވް ކޭސްތައް 1،100 އިން މައްޗަށް
ކޮވިޑް-19: ރަށްރަށުގެ އެކްޓިވް ކޭސްތައް 1،100 އިން މައްޗަށް

މާލެ ފިޔަވައި އެހެން ރަށްރަށުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 1،000 އިން މައްޗށް އަރައިފި އެވެ.

މި ދުވަސްވަރު ކޮވިޑް އެންމެ ހަލުވިކަމާއެކު ފެތުރެނީ މާލެ ފިޔަވައި އެހެން ރަށްރަށުގައި ކަމަށް ވާއިރު، ބައެއް ރަށްރަށުގެ އަދަދުތައް 100 އިން މައްޗަށް ވެސް ވަނީ ގޮސްފަ އެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާ ގޮތުން، ރަށްރަށުގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ 833 އެވެ.

އެންމެ ފަހުން ޑޭޝްބޯޑު އަޕްޑޭޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު އެއީ އެންމެ ފަހުގެ މައުލޫމާތެއް ލިބޭތާ ކޮންމެ ދެ ގަޑިއިރެއްގެ ތެރޭގައި އަޕްޑޭޓްކުރާނެ ކަމަށް ބުނެފައިވާ ޑޭޝްބޯޑެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 833 އެކްޓިވް ކޭސް ޑޭޝްބޯޑުން ދައްކާއިރު ހުކުރު ދުވަހު ރަށްރަށުން 182 ކޭސް އަދި ހޮނިހިރު ދުވަހު 135 ކޭސް ފެނިފައިވެ އެވެ. މިއާ އެކު ރަށްރަށުގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 1،150 އަށް އަރައިފަ އެވެ.

ކޮވިޑް ފެނުމާ ގުޅިގެން 21 ރަށަކަށް އަރައިފޭބުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެއީ ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، އދ. މާމިގިލި، ތ. ވިލުފުށި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ ތ. ގާދިފުށި، ތ. މަޑިފުށި، ތ. ތިމަރަފުށި، އއ. ބޮޑުފޮޅުދޫ، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. ގުޅި، ކ. މާފުށީގެ އިތުރުން އއ. މަތިވެރި އާއި ލ. ގަމާއި ފޮނަދޫ އާއި ގދ. ތިނަދު އެވެ.

ރަށްރަށުގެ ހާލަތު ގޯސްވަމުން ދާއިރު، ބައެއް ރަށްރަށުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން އޭދަފުށި ފަދަ ބޮޑެތި ރަށްރަށުން ވަނީ ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް މީހުން ނުކުތުން މަނާކޮށްފަ އެވެ.