ޕޯޗުގަލް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށަނީ
ޕޯޗުގަލް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށަނީ

ޕޯޗުގަލްގެ އަޒޯސް ސްޓޭޓްގެ އެއާލައިން ސާޓާ އިން ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ޓްރެވަލް އޭޖެންސީ، އިން މޯލްޑިވްސް އާއި ޕޯޗުގަލްގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސާޓާގެ ޗާޓަރު ދަތުރުތައް ފަށަނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ. މި ދަތުރުތައް ރަސްމީކޮށް ފެށުމަށްޓަކާއި އަންނަ މަހުގެ 20 ވަނަ ދުވަހު ސާޓާގެ ފުރަތަމަ ޗާޓަރު ފްލައިޓް ރާއްޖެ އަށް އަންނާނެ އެވެ. މި ދަތުރުގައި ޕޯޖުގަލްގެ ޓްރެވަލް އޭޖެންޓުންނާއި އިންވެސްޓަރުންނާއި މުއްސަދިން އަންނާނެ ކަމަށް އިން މޯލްޑިވްސް އިން ބުންޏެވެ.

ޕޯޗުގަލްގެ ވެރިރަށް ލިޒްބޮން އިން ރާއްޖެއާ ދެމެދު ޖުލައި މަހުން ފެށިގެން ކޮންމެ ހަފުތާއަކު އެއް ދަތުރު ކުރާނެ އެވެ. ޕޯޗުގަލް އަކީ ރާއްޖޭގެ ހައި-އެންޑް އަދި މިޑްލް ރޭންޖް ރިސޯޓުތަކަށް ޓޫރިސްޓުން އަންނަ ގައުމެކެވެ.

އިން މޯލްޑިވްސް އިން ބުނިގޮތުގައި، ރާއްޖޭގެ އޮފް ސީޒަންގައި މިފަދަ ދަތުރުތަކެއް ފެށުމުން ރިސޯޓުތަކާއި ޓޫރިޒަމްގެ ހިދުމަތްދޭ އެހެން ތަންތަނަށް ވެސް ފައިދާވާނެ އެވެ. ސާޓާގެ ދަތުރުތައް ހުއްޓުމެއް ނެތި ރާއްޖެ އަށް ކުރާނެ ކަމަށް އިން މޯލްޑިވްސް އިން ބުނެ އެވެ.

ޕޯޗުގަލް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށުމުން ސްޕެއިނާއި މޮނާކޯ ފަދަ ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް ފަސޭހަވާނެ އެވެ.

ކޮވިޑްގެ ހާލަތަށް ފަހު ޕޯޗުގަލްގެ ބޯޑަރު ހުޅުވައިލީ މިދިޔަ ހަފުތާގަ އެވެ. އެ ގައުމުގައި އައް ލައްކަ އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެ އެވެ. ނަމަވެސް މި ވަގުތު ކޮވިޑްގެ ހާލަތު އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.