ފޮރުވާފައިވާ ހަޒާނާއަކުން 46،000 ޑޮލަރު
ފޮރުވާފައިވާ ހަޒާނާއަކުން 46،000 ޑޮލަރު

އާއިލާއެއްގެ ތެރޭގައި ތުންތުންމަތިން ކިޔައި އުޅުނު ގޮތުގައި، އެ މީހުން ދިރިއުޅޭ ގޭގެ ކޮންމެވެސް ދިމާލެއްގައި ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައިވެ އެވެ. އެހެންވެ، ގެ ވިއްކައިލުމުގެ ކުރިން އެ ހަގީގަތަކަށް ވެދާނެތޯ ބަލަން އާއިލާ އިން ބޭނުންވި އެވެ. އެހެންވެ، ރައްކާކޮށްފައި ހުންނަ ހަޒާނާތައް ހޯދައިދޭ ކަމަށް މަޝްހޫރު ތަޖުރިބާކާރެއްގެ އެހީގައި ވަނީ ގޭގެ އެއްވެސް ތަނެއްގައި "ހަޒާނާއެއް" އޮތްތޯ ބަލައިފަ އެވެ. ސަބަބަކީ ކާފަގެ ޒަމާނުގައި ގޭގެ ކޮންމެވެސް ތަނެއްގައި ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައިވާ ކަމަށް ބުނާތީ އެކަމުގެ އެއްވެސް ވަރެއްގެ ހަގީގަތެއް އޮތްތޯ ބެލުމެވެ.

އެމެރިކާގެ ކަނެކްޓިކަޓްގެ ގެއެއްގެ "ހަޒާނާ" ހޯދަން އެ ގޭގެ އާއިލާ އިން ހަވާލުކުރީ ކީތު ވިލީ ކިޔާ މެޓަލް ޑިޓެކްޓަރު/ޓްރެޝާ ހަންޓާއާ އެވެ. އޭނާ އެ ހޯދަމުން ދަނިކޮށް ގޭގައި ލަކުޑި ތަޅުމުން ހަދާފައިވާ ދިމާލަކުން ލިބުނު ސިގްނަލާއެކު، އެ ދިމާ ރޫޅައި ބެލި އެވެ. އަޑިން ފާހަގަވާން އޮތީ ރިހި ކުލައިގެ ކުޑަވަރެއްގެ ފޮއްޓެކެވެ. ފޮށި އޮތީ ނެގި އިރު ވަރަށް ރަނގަޅަށް ތަޅު ވެސް ލައިފަ އެވެ.

އެ ހުޅުވައި، ބެލި އިރު ހުރީ ޑޮލަރު ބޮނޑިތަކެވެ. ޑޮލަރުގެ ޖުމުލަ އަދަދު 46،000 ޑޮލަރު (710,700ރ.) އަށް އަރަ އެވެ.

އެ ފައިސާ ދައްކައިލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ.

މި "ހަޒާނާ" ފެނުމަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. އެ މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ތުންތުން މަތިން ދެއްކެވުނު ވާހަކަ ހަގީގަތަކަށް ވުމުން ހައިރާންވުމުގެ އިތުރަށް ބޮޑު އުފަލެއް ވެސް އާއިލާއެއް ލިބިފައިވާ ކަމަށެވެ.

"ފޮށި ފެނުނީމާ އަހަރެމެން ފުރަތަމަ އުންމީދުކޮށްގެން ތިބީ އެ އޮތް ގޮތުން ވެސް އޭގައި ހުންނަނީ ފޮޓޯތަކެއް ކަމަށް. އެކަމަކު ޑޮލަރު ބޮނޑިތައް ފެނުމުން ވަރަށް ބޮޑު ޝޮކަކަށްވީ،" އާއިލާ އިން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

އެކަމަކު އެ އާއިލާގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ބައެއް މީހުން ވަނީ މީގެ ސައްހަކަމާ ދޭތެރޭ ވެސް ސުވާލު އުފައްދައިފަ އެވެ.

"ހަޒާނާ" ހޯދި ކީތު ބުނެފައިވާ ގޮތުގައި ޑޮލަރު ބޮނޑިތަކުގައި ހުރީ ޑިސެމްބަރު 19، 1958 ހިސާބުގެ ޑޮލަރެވެ. އެ އެއްޗެހި ހުރީ އެއްވެސް ގެއްލުމެއް ނުލިބި ވަރަށް ރީތީކޮށެވެ.

އޭނާ މީޑިއާތަކަށް ބުނީ "ޑޮލަރު ހަޒާނާ" އަކީ ފޭކެއް ނޫން ކަމަށާއި އެކަމަކު އެ އާއިލާގެ ޕްރައިވެސީއަށްޓަކައި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެވޭނެ ކަމަށެވެ.