"ޓިއުބުލައިޓް"ގައި ޝާހްރުކެއް ނޫޅޭ: ކަބީރް ޚާން
"ޓިއުބުލައިޓް"ގައި ޝާހްރުކެއް ނޫޅޭ: ކަބީރް ޚާން

ސަލްމާން ޚާންގެ އާ ފިލްމު "ޓިއުބުލައިޓް"ގައި ޝާހްރުކް ޚާން މެހެމާނެއްގެ ރޯލު އަދާކުރާ ކަމަކަށް މީޑިއާތަކުން ފަތުރާފައިވާ ޚަބަރަކީ ހަގީގަތެއް ނޫންކަމަށް ފިލްމުގެ ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.

މި ފިލްމުގައި ޝާހުރުކު އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށީ ޝޫޓިން ހިނގަމުންދިޔަ ތަނަކަށް ޝާހްރުކް ގޮސް ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމުންނެވެ. ނަމަވެސް ކަބީރް ޚާން ބުނީ އޭނާގެ ފިލްމުގައި ޝާހްރުކް އެއްވެސް ރޯލެއް އަދާކުރާކަން އެނގިފައި ނުވާ ކަމަށާއި އެނގިއްޖެ ނަމަ އެކަން ހާމަކުރާނެ ކަމަށެވެ.

މި ފިލްމުގެ ލީޑް އެކްޓަރު ސަލްމާނާއި ކަބީރް ގުޅިގެން ވަނީ ބްލޮކްބަސްޓާ ފިލްމުތަކެއް އުފައްދާފަ އެވެ. އެއީ "އޭކް ތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އެވެ.

މި ފިލްމުގެ ޝޫޓިން ތެރޭގައި ކަބީރާއި ސަލްމާނާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ކަބީރް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމެއްގެ ޝޫޓިން ކުރިއަށް ދާއިރު ބައެއް މަންޒަރުތަކާ މެދު ބަހުސް ކުރެވުމަކީ އަބަދުވެސް އާދަ ކަމަށާއި އޭގެ މާނައަކީ މައްސަލަ ޖެހުން ނޫން ކަމަށެވެ.

ބައެއް ފިލްމީ މަޖައްލާތަކުން ބުނެފައިވާ ގޮތުގައި މަނާލީގައި ކުރިޔަށްދިޔަ "ޓިއުބުލައިޓް"ގެ ޝޫޓިންގައި ސަލްމާނާއި ކަބީރްގެ އަރާރުން ހޫނުވެ ސަލްމާނާ އެކު އިތުރު ފިލްމެއްގައި މަސައްކަތް ނުކުރަން ކަބީރް ވަނީ ނިންމާފަ އެވެ. ނަމަވެސް ކަބީރް ބުނީ މިއީ އެއްވެސް ހަގީގަތެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

"ޓިއުބުލައިޓް"ގެ ވާހަކަ ބިނާކޮށްފައި ވަނީ 1969 ގައި ހިނގި އިންޑިއާ-ޗައިނާ ހަނގުރާމަ އަށެވެ. އެ ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ސިފައިންގެ މީހަކާއި ޗައިނާ އަންހެންކުއްޖެއްގެ މެދުގައި ހިނގާ ލޯބީގެ ހާދިސާތަކެއް މި ފިލްމުން ފެނިގެން ދާނެ އެވެ.

ޗައިނާގެ ޒޫ ޒޫ ބަތަލާގެ ރޯލު އަދާކުރާ މި ފިލްމު ރިލިޒްކުރާނީ އަންނަ ކުޑަ އީދުގަ އެވެ.