ރާއްޖޭގެ ޓީޓީ ކޯޗުން އިންޑިއާގައި ތަމްރީނު ކުރަނީ
ރާއްޖޭގެ ޓީޓީ ކޯޗުން އިންޑިއާގައި ތަމްރީނު ކުރަނީ

ރާއްޖޭގެ ޓީޓީ ކޯޗުން އިންޑިއާގައި ތަމްރީނު ކުރުމުގެ ފުރުސަތު ދޭން އިންޑިއާގެ ޓޭބަލް ޓެނިސް ފެޑްރޭޝަނުން ނިންމައިފި އެވެ.

ރާއްޖޭގެ ޓީޓީ ކޯޗުން އިންޑިއާގައި ތަމްރީނު ކުރަނީ
ރާއްޖޭގެ ޓީޓީ ކޯޗުން އިންޑިއާގައި ތަމްރީނު ކުރަނީ

މި މަހު ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ ޓީޓީ ފެޑްރޭޝަންގެ ރައީސް ވިވެކް ކޯލީ އާ ބައްދަލު ކުރައްވައި ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ވަނީ، އިންޑިއާގެ ޓީޓީ ފެޑްރޭޝަނަކާ އެކު އެމްއޯޔޫއެއް ހަދައިފަ އެވެ.

"މިއީ މިހާތަނަށް ރާއްޖޭގެ ޓިޓީ ހަޔާތުގައި ބޭރުގެ އިދާރާއަކާ ދެމެދު ހެދި އެންމެ ބޮޑު އެމްއޯޔޫ،" ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު "މިހާރަށް" ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވި ހުރިހާ ކަމެއް އެމްއޯޔޫގައި ހިމެނުނު އަދި އެކަންކަންކަމަށް އިންޑިއާގެ ފެޑްރޭޝަނުން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ކޯލީ ވިދާޅުވި."

ރާއްޖޭގެ ކޯޗުން އިންޑިއާގައި ތަމްރީން ކުރުމުގެ އިތުރަށް، އިންޑިއާގެ ކޯޗުން ރާއްޖެ އައިސް ޓްރޭނިން ޕްރޮގްރާމްތައް ހިންގުމަށް ވަނީ އެއްބަސްވެފަ އެވެ. އަލީ ވިދާޅުވީ އެކަމުގެ ސަބަބުން ސްކޫލްތަކުގައި ޓީޓީ އިތުރަށް ވަރުގަދަ ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އިންޑިއާ އިން އަންނަ ކޯޗިން ޓީމުގެ އެހީތެރިކަމާ އެކު ތަމްރީން ކުރާނީ ސްކޫލްތަކުގެ ޓީޓީ ކޯޗުންކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅުންތެރިނަށް، އިންޑިއާގެ ހައިޕާފޯމަންސް ސެންޓަރުތަކަށް ފޮނުވައިގެން ތަމްރީން ކުރުމުގެ ފުރުސަތު ދިނުމަށްވެސް ކޯލީ ވަނީ ނިންމަވައިފަ އެވެ. އަދިި އިންޑިއާގެ ގައުމީ ފެންވަރުގެ ކުޅުންތެރިން ރާއްޖެ ގެނެސް ދިވެހި ކުޅުންތެރިންނާ އެކު މެޗުތަކެއް ކުޅުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

އިންޑިއާގެ ހަރިއާނާ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރުކަން ކުރައްވާ ކޯލީ އަކީ، ކޮމަންވެލްތު ޓީޓީ ފެޑްރޭޝަންގެ ވެސް ޗެއާމަން އެވެ. އަދި އޭނާގެ އަމިއްލަ ސްޓޭޓް ހަރިއާނާގެ ޓީޓީ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވަ އެވެ.

ޓީޓީ އިންފްރާސްޓަރަކްޗާގެ ހުރި މައްސަލަތައް ހައްލު ކުރުމަށް ވެސް އިންޑިއާގެ ފެޑްރޭޝަންގެ އެހީތެރިކން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ލިބިފައިވާ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. އޯގަސްޓް މަހު އިންޑިއާގައި ބައްވަން ތާވަލު ކޮށްފައިވާ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ ޓީމުތަކަށް ވަރުގަދަ މެޗުތަކެއް ހޯދައިދިނުމަށްޓަކައި އިންޑިއާގެ ނެޝަނަލް ލެވަލްގެ ކުޅުންތެރިން ފޮނުވައިގެން ރާއްޖޭގައި މެޗުތަކެއް ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަޖައްސަން ޖެހޭނީ އިންޑިއާއިން އަންނަ ކުޅުންތެރިންނާއި ކޯޗުންގެ އެކޮމެޑޭޝަން،" އަލީ ވިދާޅުވި އެވެ. "އެހެން ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ ފެޑްޜޭޝަނުން."

ރާއްޖޭގެ ޓީޓީގައި އެންމެ ބޮޑު އަނެއް ގެންޖެހުމަކީ އެކަށީގެންވާ ވަރަށް ޓެކްނިކަލް އޮފިޝަލުން ނެތުމެވެ. އެ މައްސަލަ ހައްލު ކުރުމަށް ގޭމް އޮގަނައިޒިން އޮފިޝަލުންނާއި އަމްޕެޔަރުން ތަމްރީން ކުރުމުގެ ޕްރޮގާރްމެއް އިންޑިއާގެ އެހީގައި ކުރިއަށް ގެންދިއުމަށް ވެސް ކޯލީއާ އެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައި ވެއެވެ.

އިންޑިއާގެ މި ފުރުސަތުތައް ހަމަޖެހިގެން ދިއުމުގައި، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އަދާކުރެއްވި ދައުރު އަލީ ފާހަގަ ކުރެއްވި އެވެ. ރާއްޖޭގެ ޓީޓީ ޓީމަށް ގްރީކުގެ ކޯޗެއް ގެނެސްގެން މާޗް މަހު ޓްރޭނިންތައް ވަނީ ފަށައިފަ އެވެ.