26 އެޕްރީލް 2021 - 11:44

ރޯމް (25 އޭޕްރީލް) - ސެރީ އާގެ ބޮޑު ތިން ކްލަބު ކަމަށްވާ، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ ލީގުގެ 11 ކްލަބުކުން ގޮވައިލައިފި އެވެ.
ނާކާމިޔާބާ ކުރިމަތިވެފައިވާ، ޔޫރަޕިއަން ސުޕަ ލީގުގައި، އިޓަލީގެ އެ ތިން ކްލަބުން ވަނީ ބައިވެރިވެފަ އެވެ. ސެރީ އާގެ 11 ކްލަބަކުން ވަނީ އެ ލީގުގެ ރައީސް ޕައޮލޯ ޑަލް ޕީނޯއަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އެ ކްލަބުތަކުން އެދިފައި ވަނީ ސުޕަ ލީގުގައި ބައިވެރިވި އެ ތިން ކްލަބަށް ފިޔަވަޅު އަޅައިދިނުމަށެވެ.
ކްލަބުން ފޮނުވި ސިޓީގައި އެދިފައި ވަނީ، އެ ތިން ކްލަބުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ އަށް ލިބުނު ހުތުރު ނަމާއި ލިބުނު ގެއްލުތައް ދެނެގަތުމަށް ލީގުގެ 20 ކްލަބުގެ މަންދޫބުން ހިމެނޭ ބައްދަލުވުމެއް ބާއްވައި ދިނުމަށެވެ.
މިލާން އާއި ޔުވެންޓަސް އަދި އިންޓަ އިން ސުޕަ ލީގުން ވަކި ވެއްޖެ ކަމަށް އަޑު ފެތުރުނު ނަމަވެސް، ކްލަބުތަކުން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އިޓަލީން ބައިވެރިވި ކްލަބުތަކުގެ ތެރެއިން ބައެއް ކްލަބުތަކުން އަދިވެސް ރަސްމީކޮށް ސުޕަ ލީގުން ވަކިވެފައި ނުވާ ކަމަށެވެ.
"އެކަމުން ދޭހަ ކޮށްދެނީ ކުރިއަށް އޮތްތާންގައި ވެސް އެ ޕްރޮޖެކްޓް އިއުލާން ކުރުމަށް އެ ކްލަބުތަކުން ސިއްރިޔަތުގައި ރާވަމުންދާ ކަމެވެ." އެގާރަ ކްލަބުގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އެ ސިޓީގައި ސޮއިނުކުރާ މަޝްހޫރު ކްލަބުތަކަކީ ނަޕޯލީ، ލާޒިއޯ، ފިއޮރެންޓިނާ، އެޓަލާންޓާ އަދި ވެރޯނާ އެވެ.
ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ކްލަބުން ވަނީ އެ ލީގުން ވަކިވެފަ އެވެ. އިންޓަ އާއި އެތުލެޓިކޯ މެޑްރިޑް ވެސް ވަނީ ލީގުން ވަކިވެފަ އެވެ. ޔުވެންޓަސް އާއި މިލާން ވަކިވެފައިވާ ކަމަށް އަޑު ފެތުރުނުނަމަވެސް ރަސްމީކޮށް އެ ދެ ކްލަބުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. އަދި ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް އެ ލީގުން ވަކިވި ކަމަކަށް ނުބުނެ އެވެ.