25 އެޕްރީލް 2021 - 11:50

ލަންޑަން (25 އޭޕްރީލް) ޕްރިމިއާ ލީގާއި އިނގިރޭސި އަންހެން ލީގުގެ ކްލަބުތައް ހިމެނޭ ގޮތަށް ތިން ދުވަހަށް ސޯޝަލް މީޑިއާ ބޮއިކޮޓް ކުރަން، އިނގިރޭސި ކްލަބުތަކުން ނިންމައިފި އެވެ.
އެ ގޮތަށް ނިންމީ، ކުޅުންތެރިންނާ ދެކޮޅަށް ނަސްލީ ގޮތުން ދިމާކުރުން އޮންލައިން މީޑީއާ ޕްލެޓްފޯމްތަކުގައި އިތުރުވަމުން ދާތީ އެކަމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މާކޯސް ރަޝްފޯޑް، އެ ކްލަބުގެ އަންހެން ޓީމުގެ ލޯރެން ޖޭމްސް، މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އަދި ލިވަޕޫލްގެ އެލެގްޒެންޑާ އާނޯލްޑް ރިޕޯޓްކޮށްފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނަސްލީ ގޮތުން ދިމާކުރުން އިތުރުވެފައިވާ ކަމަށެވެ.
ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކުރުން، ސޯޝަލް މީޑިއަގައި އިތުރުވުމުން، ޕްރިމިއާ ލީގާއި އިނގިރޭސި އެފްއޭ އިން ވަނީ އެކަންކަމާ ދެކޮޅަށް އަޅާ ފިޔަވަޅު މިހާރަށް ވުރެ ހަރުކަށި ކުރުމަށް ފޭސްބްކް އަދި ޓްވިޓާގެ ކިބައިން ފެބްރުއަރީގައި އެދިފަ އެވެ.
މި ބޮއިކޮޓް ފަށާނީ ހުކުރު ދުވަހު (ރާއްޖޭ ގަޑިން އެރޭ 8 ޖަހާއިރު) އެވެ.
"އިނގިރޭސި އެންމެ މަޝްހޫރު ހަތަރު ލީގުން ސޯޝަލް މީޑިއާ ބޮއިކޮޓް ކުރުމުން ދޭހަ ކޮށްދެނީ 'އޮންލައިން ހޭޓް' ނައްތާލުމަށް ސޯޝަލް މީޑިއާ ކުންފުނިތަކަށް ބާރު އެޅުމުގައި ކްލަބުތަކުގެ މެދުގައި އޮތް ބަދަހިކަމެވެ." ކްލަބުތަކުގެ ފަރަތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕްރިމިއާ ލީގު، އިނގިރޭސި ޗެމްޕިއަންޝިޕް، އަންހެން ސުޕަ ލީގު އަދި އަންހެން ޗެމްޕިއަންޝިޕުގެ ކްލަބުތަކުން މި ބޮއިކޮޓްގައި ބައިވެރި ވާނެ އެވެ.