ޗެލްސީ އަށް މުހިންމު މޮޅެއް
ޗެލްސީ އަށް މުހިންމު މޮޅެއް

ލަންޑަން (24 އޭޕްރީލް) - ޖަރުމަންގެ ފޯވަޑް ޓީމޯ ވާނާ ޖެހި ލަނޑާއެކު، އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް އަތުން 1-0 އިން މޮޅުވެ، ޗެލްސީ ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ވާނާ ލަނޑު ޖެހީ ބެން ޗިލްވެލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ފެބްރުއަރީ މަހުގެ ފަހުން ޗެލްސީ އަށް ވާނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ގަދަ ހަތަރެއްގެ ރޭހުގައި އޮތް ވާދަވެރި ވެސްޓް ހޭމް އަތުން މޮޅުވުމުން، ޗެލްސީ އަށް ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓެވެ. ޗެލްސީ ތާވަލްގެ ހަތަރު ވަނައިގައި އޮތީ 58 ޕޮއިންޓާއެކު އެވެ. ވެސްޓް ހޭމް ފަސް ވަނައިގައި އޮތީ 55 ޕޮއިންޓާއެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހަ ވަނައިގައި އޮތީ 54 ޕޮއިންޓާއެކު އެވެ.

މި މޮޅާއެކު، ޗެލްސީން ދެން ތައްޔާރުވާނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް މި ހަފުތާގައި ކުޅޭ މެޗަށެވެ.

މެޗަށް ފަހު ވާހަކަދައްކަމުން، ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މޮޅާއެކު، ރެއާލް މެޗުގެ ކުރިން ޗެލްސީގެ ކުޅުންތެރިންގެ "ކޮންފިޑަންސް" އިތުރުވާނެ ކަމަށެވެ.

"ރެއާލް އަކީ ފާއިތުވި 10 އަހަރަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ޓީމު. އެހެންވީމަ އެ ޓީމާ ދެކޮޅަށް ނުކުންނައިރު، ކޮންފިޑަންސާއި އިތުބަރާއެކު ޓީމު އޮތުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ޓުޗެލް ބުންޏެވެ.

މި މެޗުން ބަލިވިޔަސް، ވެސްޓް ހޭމް ތާވަލްގެ ފަސް ވަނައިގައި އޮތީ ލީގުގައި މިރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުނުވުމުންނެވެ. ލިވަޕޫލްގެ ދަނޑުގައި މިރޭ ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

މެޗުގެ ކުރީކޮޅު މުހައްމަދު ސަލާހް ޖެހި ލަނޑާއެކު ލިވަޕޫލް މޮޅުވަމުން ދަނިކޮށް، ނިއުކާސަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގައި ޖޯ ވިލޮކް ޖެހި ލަނޑުންނެވެ.

މި މެޗުން ލިބުނު މުހިންމު ޕޮއިންޓާއެކު، ތާވަލްގެ 15 ވަނައިގައި އޮތް ނިއުކާސަލް އިން ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިއެރުމެއް ހޯދައިފަ އެވެ. -- އޭއެފްޕީ