25 އެޕްރީލް 2021 - 02:14

ޖަކާޓާ (އެޕްރީލް 25) - ފަންސާސް ތިން ފަޅުވެރިންނާ އެކު ބާލީގެ އައްސޭރިން މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ސަބްމެރިން ވަނީ މާފުނަށް ފެތިފައި ކަމަށާއި އެ ސަބްމެރިން ސަލާމަތް ނުކުރެވޭނެ ކަމަށް ސިފައިން ބުނެފި އެވެ.
އިންޑޮނީޝިއާ ސިފައިންގެ ވެރިޔާ ވިދާޅުވީ ސަބްމެރިންގެ ބައިތަކާ އެކު މުސައްލަތަކެއް، ސަބްމެރިން ގެއްލުނު ސަރަހައްދުން ފެނިފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ސަބްމެރިން އޮތީ 850 މީޓަރު (2،800 ފޫޓު) އަޑީގަ އެވެ. އެއީ ސަބްމެރިން ސަލާމަތް ކުރެވޭ ވަރަށް ވުރެ ފުނެވެ. ސަބްމެރިންގައި އޮކްސިޖަން ވެސް ހުރީ ތިން ދުވަހަށްވާ ވަރަށެވެ. އެހެންވެ ހޮނިހިރު ދުވަހުގެ ނިޔަލަށް ސަބްމެރިނުން އޮކްސިޖަން ވެސް ހުސްވެފައިވާނެ ކަމަށް ބެލެވެ އެވެ.
ޖަރުމަނުގައި އުފައްދާފައިވާ ކޭއާރްއައި ނަންގަލަ ސަބްމެރިނަކީ 40 އަހަރުވެފައިވާ އުޅަނދެކެވެ. އިންޑޮނީޝިއާ ސިފައިން ބުނެފައި ވަނީ ސަބްމެރިން އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ. އެކަމަކު ސަބްމެރިން ޑައިވް ކުރި ސަރަހައްދުން ތެޔޮ ފެނިފައިވާތީ ތެޔޮ ޓޭންކް ހަލާކުވެފައިވާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
"ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ނޫނީ ސަބްމެރިނުން ވަކިވެގެން، ނުނެއްޓޭނެ ފަދަ ބައެއް ބައިތައް ވަނީ ފެނިފައި،" ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މަރްގޮނޯ ވިދާޅުވި އެވެ.
ކަނޑުމަތިން ފެނިފައިވާ ތަކެތީގެ ތެރޭގައި ޕެރިސްކޯޕް ލުބްރިކޭޓް ކުރަން ބޭނުންކުރާ ގިރީސް ފުޅިއެއް ހިމެނެ އެވެ. އެ ފުޅި ފެނިފައި ވަނީ 10 މޭލު (18 ކިލޯ މީޓަރު) ގެ ރޭޑިއަސްއަކުންނެވެ. އެއީ އެއްވެސް އެހެން ބޯޓެއް ދަތުރުކޮށްފައިވާ ސަރަހައްދެއް ނޫނެވެ.