25 އެޕްރީލް 2021 - 00:43

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންނަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ފާސްކޮށްފި އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، އެފަދަ މީހުންނަށް އެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް ހެދުމަށް ހުށަހެޅީ މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
.އަންނަ މަހު 29 ގައި ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ އެކި މަގާމުތަކަށް ކުރިމަތިލެވޭ ޝަރުތުތަކެއް އޭނާ ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބޮންޑޭގެ ހުށަހެޅުއްވުމުގައި ވެ އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވެސް އެ އިންތިހާބުގައި ބައިވެރިއެއް ނުވެވެ އެވެ.
އަދި މީހުން މެރުމާއި ރޭޕް ކުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ކޮށްފައިވާ މީހުންނަށް ވެސް އެމްޑީޕީގެ އެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތް ހެދުމަށް ބޮންޑޭގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވަނީ ބޮންޑޭގެ އެ ހުށަހެޅުއްވުންތައް ފާސްކޮށްފަ އެވެ. އެހެންވެ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ކަންކަމަށް އަމަލުކުރަން ޖެހޭއިރު، ބޮޑު ހިޔާނާތުގައި އެމްޑީޕީގެ ބައެއް މީހުންގެ ބައިވެރިވުން ބޮޑު ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.