25 އެޕްރީލް 2021 - 01:51

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައްވައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފޮނުއްވި މެސެއްގައި ފާޅުކުރެއްވި ފަހުން، ރޭ ފުރަތަމަ ފަހަރަށް ދެ ބޭފުޅުން އެއްތަނަކުން ބައްދަލުވި ނަމަވެސް އޭގެ ސުރުޚީ ވެސް ނާޅުއްވަ އެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތުގެ މޭޒުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ޖެހިޖެހިގެން ތިއްބެވި ނަމަވެސް ބައްދަލުވުން ނިމުމާ ހަމައަށް ވެސް އެ ހޯލުން އޭގެ ވާހަކަތަކެއް ނީވެ އެވެ. ދެ ބޭފުޅުން ވެސް ތިއްބެވީ ވެރިކަމުގެ ނިޒާމުގެ ބަހުސާއި އެ ވާހަކަތަކުން ދުރުގަ އެވެ.
ނަޝީދުގެ މެސެޖުގައި އޮތީ ފެބްރުއަރީ 2023 ގައި ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، މިހާރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވައިލާ ގޮތަށެވެ. އަދި އެ އަހަރު ރިޔާސީ އިންތިހާބު ނުބާއްވައި، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ކަނޑައަޅަން ވާނީ ނަޝީދުގެ މެސެޖުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ.
އޭގެ ޖަވާބުގައި، ރައީސް އޮފީހުގެ ތަރުޖަމާން މެދުވެރި ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓާ އެކުގަ އެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.
ރައީސް އާންމުންނަށް ދެއްވި ޖަވާބާއެކު، ރައްޔިތުން މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ ތެރޭގައި ނުތަނަވަސްކަމާއި ހިޔާލު ތަފާތުވުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިނގި އެވެ. ތަފާތު ފެކްޝަންތައް ހަދައި އެ ބަޔަކު ބޭނުންވާ ނިޒާމެއް ޕްރޮމޯޓް ވެސް ކުރި އެވެ. ހާއްސަކޮށް ނަޝީދުގެ ފަހަތްޕުޅުގައި ތިބޭ މީހުންގެ އަޑު ވަކިން ގަދަކުރި އެވެ. ބަރުލަމާނީ ނިޒާމުގެ މޮޅު ވާހަކަ އާއި ފައިދާ ސޯޝަލް މީޑިއާގައި އޮއްސަމުން ދިޔަ އެވެ.
ސަރުކާރާއި މަޖިލީސް ހިންގާ މައި ޕާޓީގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ރޭ ކުރިޔަށް ގެންދިޔަ ގައުމީ ހިންގާ ކޮމިޓީގައި ދެ ރައީސުން ބައިވެރިވި ނަމަވެސް ބައްދަލުވުމުގައި ނިޒާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ.
"ދެ ރައީސުން ވަކިން އެ ވާހަކަ ދެއްކި ކަމެއް ނޭނގޭ. މި ބައްދަލުވުމުގައި ރަސްމީކޮށް އެފަދަ ހުށަހެޅުމެއް، މަޝްވަރާއެއް ނުހިނގާ،" އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.
މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ރަސްމީ ހަފުލާއަކު ފެނުނު ފުރަތަމަ ފަހަރެވެ. އިންތިހާބަށް ފަހު ވެސް ދެ ބޭފުޅުންގެ ސަޕޯޓަރުން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ އިސްތަށިފުޅުގައި ބައެއް ގޮނޑިތައް، ޚާއްސަކޮށް މާލޭގެ ނާކާމިޔާބީ އަޅުވަމުން ގެންދިޔަ އެވެ.
ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ނަޝީދު ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އެމްޑީޕީގައި އޮތް ބައިބައިވުން ވަރަށް ބޮޑަށް ސާފުވި ނަމަވެސް އޭގެ ފަހުން ފުރަތަމަ ފަހަރަށް ރައީސާއި ނަޝީދު އެއްތަނަކުން ބައްދަލުވި މާހައުލުން އޭގެ އެއްވެސް ވާހަކައެއް ނީވުނަސް ފަހަތުގައި އަދިވެސް އޮތީ އޭގެ ކޯޅުމެވެ.