ސްވިޒަލެންޑުގެ ލުއި ލިސްޓަށް ރާއްޖެ
ސްވިޒަލެންޑުގެ ލުއި ލިސްޓަށް ރާއްޖެ

ކޮވިޑް-19 އާ ގުޅިގެން ސްވިޒަލެންޑުން ލުއި ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނަން ނިންމައިފި އެވެ.

އެ ގައުމުން ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާ ގައުމުތަކާއި ލުއިދޭން ނިންމާފައިވާ ގައުމުތައް އިއުލާން ކޮށްފަ އެވެ. މީގެ ތެރެއިން ލުއި ދޭން ނިންމި ގައުމުތަކުގެ ތެރެއިން ޓޫރިސްޓު މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އެކަންޏެވެ.

މި ލުއިތަކާއެކު، އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ރާއްޖެ އިން ސްވިޒަލެންޑަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. މި ނިންމުމާ ގުޅިގެން އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

މިހާރު ރާއްޖެ އޮތީ ސްވިޒަލެންޑުގެ ލުއި ލިސްޓުން ނަގައިފަ އެވެ. އެހެންކަމުން ލުއި ދިނުމާ ހަމައަށް އެ ގައުމަށް ދާ މީހުން ކަރަންޓީން ވާން ޖޭހެނެ އެވެ.

ސްވިޒަލެންޑުން ލުއިދޭ ގައުމުތައް ކަނޑައަޅާނީ ގައުމުތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު ހުންނަ ވަރަކަށް ބެލުމަށް ފަހު އެވެ.

އެ ގައުމުން މިހާރުވެސް ރާއްޖެއަށް ދަތުރު ކުރެ އެވެ. އެޑަލްވައިސް އެއާލައިނުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ހަފުތާއަކު ދެ ދަތުރު ކުރެ އެވެ.

ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލައި ގިނަ ގައުމުތަކުން އަންނަނީ ރާއްޖެއަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅަމުންނެވެ. ނަމަވެސް ރާއްޖޭގައި އަނެއްކާވެސް ކުއްލި ގޮތަކަށް ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ.