އިންޑިއާ ޓޫރިސްޓުންނާ މެދު ގޮތެއް ނިންމަން މަޝްވަރާކުރަނީ
އިންޑިއާ ޓޫރިސްޓުންނާ މެދު ގޮތެއް ނިންމަން މަޝްވަރާކުރަނީ

އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ އެ ގައުމުގެ ޓޫރިސްޓުންނާ މެދު ގޮތެއް ނިންމުމަށް ކަމާބަހޭ އިދާރާތަކުން މަޝްވަރާކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރުު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ޓޫރިސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓަށް ބަލާއިރު ވަކި ގައުމަކުން އަންނަ ޓޫރިސްޓުން ޕޮޒިޓިވްވާ މިންވަރު އިތުރުކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އިތުރު ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ ބައެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން ގިނަ އަދަދެއްގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ އިންޑިއާ އިން އަންނަ މީހުންނަށް ދީފައިވާ ލުއިތައް ވެސް އުވާލައި ކަރަންޓީން ވާން އަންގައިފަ އެވެ.

މިކަމުގެ ސަބަބުން ރާއްޖެއިން ވެސް ވަނީ އިންޑިއާ އިން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން މީހުން ކަރަންޓީނުވާން ޖެހޭ ގޮތަށް ނިންމައިފަ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޓޫރިސްޓުން ވެސް ކަރަންޓީނުވާން ޖެހޭ ގޮތަށް ނިންމަން ޖެހޭ ކަމަށް ބުނެ ހިޔާލު ފާޅުކުރަމުންނެވެ.

މައުސޫމް ވިދާޅުވީ ރާއްޖޭގައި ވެކްސިން ނެތް އިރު ވެސް ޓޫރިސްޓުންނަށް ލުއި ދީގެން ހިދުމަތް ދެވުނު އިރު މިހާރު ވެސް އެގޮތަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މިހާރު ޓޫރިޒަމް ދާއިރާގެ ބޮޑު ބަޔަކަށް ވެކްސިން ދީފައި ވާއިރު ކުރިއާ އަޅާބަލާއިރު ރައްކާތެރިކަން ބޮޑު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވެކްސިން ނެތް އިރު ވެސް ރައްކާތެރިކަމާ އެކު ހިދުމަތް ދެވުނު. އަދި މިހާރު ގާތްގަނޑަކަށް މި ދާއިރާގެ އެންމެނަށް ވެކްސިން ދީފައިވާރު މާބޮޑަށް ރައްކާތެރިވާނެ ނޫންތޯ. ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ސްޓާފުން ވަރަށް ފަރިތަވެފައި ތިބީ މިހާރު ވެސް ރައްކާތެރިކަމާ އެކު ހިދުމަތް ދޭން،" މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޓޫރިސްޓުންނަށް ދެވޭ ތަކުލީފު ކުޑަކޮށްފައި ރައްޔިތުންނާއި ޓޫރިސްޓު ސްޓާފުންނަށް އެންމެ ބޮޑަށް ރައްކާތެރިކަން ދެވޭގޮތަށް ހިދުމަތް ދޭން."

ރާއްޖޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މައުސޫމް އެދިވަޑައިގެންނެވި އެވެ. އެގޮތުން، އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބައި ސިއްހީ ހިދުމަތްތެރިން ދޭ ނަސޭހަތްތައް އަޑުއެހުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެން ވެސް ތިބެން ޖެހޭނީ ކޮންމެ މީހެއްގެ ގައިގައިވެސް މި ބަލި ހުރެދާނެ ކަމަށް ބަލައިގެން. ޓޫރިސްޓަކާ ބައްދަލު ވިޔަސް އެހެން މީހަކާ ބައްދަލުވިޔަސް އެ އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ތިބޭ ކަމަށްވާނަމަ ބަލި ނުއެއް ފެތުރޭނެ،" މައުސޫމް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑެތި ސްޓޭޓްތަކުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ހާލު ސީރިއަސްވާ މީހުން ގިނަވުމުގެ ސަބަގުން އޮކްސިޖަން ލިބުމުގައި ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެ ގައުމަކީ މިހާރު ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ.