16 ނޮވެމްބަރ 2016 - 16:10

ބަޣުދާދު (ނޮވެމްބަރު 16) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފަން ހަތަރު ހަފުތާ ކުރިން އިރާގު ސިފައިން ފެށި އޮޕަރޭޝަނުގައި އެ ސިޓީގެ އިރުމަތިން ތިންބައިކުޅަ އެއްބައި ހިފާފައިވާ ކަމަށް ދާޚިލީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
މޫސަލް ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ. މޫސަލް ހިފުމަށް އިރުމަތިން ހަމަލާ ދެމުންދަނީ އެލީޓް ކައުންޓާ-ޓެރަރިޒަމް ސާވިސްގެ ސިފައިންނެވެ. އަދި މޫސަލްގެ ދެކުނުން ހަމަލާދޭ ލަޝްކަރު ވެސް އެއާޕޯޓާ ހަމައަށް ކައިރިވެފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން އައިއެސް އިން ވަނީ މޫސަލް އާއި ބަޣުދާދުގެ އުތުރާއި ހުޅަނގުން ބޮޑު ސަރަހައްދެއް ހިފައިފަ އެވެ. އައިއެސްގެ ޚިލާފަތު އިއުލާން ކުރީ ވެސް މޫސަލްގަ އެވެ. ނަމަވެސް އޭގެ ފަހުން އިރާގު ސިފައިން ވަނީ އައިއެސްގެ ބާރުގެ ދަށުގައިވާ ތަންތަން އަނބުރާ ހޯދައިފަ އެވެ. މޫސަލް އަކީ އިރާގުން އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ އެވެ.