03 ޖޫން 2016 - 22:55

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކައިރީގައި ބާއްވަން އުޅުނު މާހެފުމަށް ފުލުހުން ހުރަސްއަޅައިފި އެވެ.

ފުލުހުން ބުނާ ގޮތުގައި މަގުމަތީގައި މާހެފުން ބޭއްވިޔަ ނުދިނީ، ހުއްދަ ނުނަގައި އެކަން ކުރިއަށް ގެންދިއުމުންނެވެ.
އެމްޑީޕީގެ 13 ދާއިރާއަކުން އިންތިޒާމްކުރި މާހެފުން ތައްޔާރުކުރީ ސޯސަން މަގުގަ އެވެ. އެމްޑީޕީ އޮފީސް ކުރިމަތީގައި މޭޒުތައް އެތުރުމާ އެކު ފުލުހުން އައިސް ވަނީ އެ މޭޒުތައް ދުވާރު މައްޗަށް އަރުވައިފަ އެވެ. އަދި މަގުމަތީގައި މާހެފުން ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދީ ފުލުހުންގެ ސަފުތައް ވަނީ، މާހެފުމުގެ ބައިވެރިންނަށް މަގުމައްޗަށް ނުނިކުމެވޭ ގޮތަށް ދުވާރު ކައިރީ އެތުރިފަ އެވެ.
އެ ސަރަހައްދުގައި ސައުންޑް ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު އެ ސައުންޑް ސިސްޓަމް ވެސް ފުލުހުން ގެންދިޔަ އެވެ. އެކަމަކު އެމްޑީޕީ އޮފީހުގައި ހުރި ސްޕީކަރަކުން ލަވަ ޖެހުން ކުރިއަށް ގެންދިޔަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ މިރޭ މާހެފުން ބާއްވަން އުޅޭކަން ހައުސިން މިނިސްޓްރީ އާއި ފުލުހުންނަށް ވެސް އެންގި ކަމަށެވެ. ފުލުހުން ފުރަތަމަ އައިސް އެންގީ، އެމްޑީޕީ އޮފީސް ކައިރީގައި އޮންނަ ގޯޅި ތެރެއަށް ކާއެއްޗެހި ވައްދަން ކަމަށާއި އޭގެ ފަހުން އައިސް މޭޒުތައް ނެގީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގެ އެކި މަގުތަކުގައި ވަރަށް ގިނަ ފަރާތްތަކުން މާހެފުން ބާއްވާ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެމްޑީޕީ އަށް ހުއްދަ ނުލިބެނީ، މާހެފުމަކަށް ވިއަސް ޖަލްސާއަކަށް ވިއަސް،" ނިޔާޒް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެމްޑީޕީގެ މާހެފުން ކުރިއަށް ގެންދިޔައީ ހުއްދަ ނުނަގައި ކަމަށެވެ. މަގުތަކުގައި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް އެއްވެސް ކަމެއް ހުއްދަ ނުނަގާ ކުރިއަށް ނުގެންދެވޭނެ ކަން އެމްޑީޕީ އަށް ފުލުހުން އަންގާފައިވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
"ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް ހުރި ތަކެތި ފުލުހުން ވާނީ ނަގާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީން މިދިޔަ އަހަރު ވެސް ސޯސަންމަގުގައި މާހެފުމެއް ބާއްވަން މަސައްކަތް ކުރި އެވެ. އެކަމަކު އެ ފަހަރު ވެސް ފުލުހުން އެކަން ހުއްޓުވި އެވެ.