ވީއޭއެމްގެ ކޮމިޝަންތަކުގެ ޗެއާމަނުންނަށް ޝުއައިބު އަދި ތުއްތު
ވީއޭއެމްގެ ކޮމިޝަންތަކުގެ ޗެއާމަނުންނަށް ޝުއައިބު އަދި ތުއްތު

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ ރެފްރީސް ކޮމިޝަންގެ ޗެއާމަން ކަމަށް ރެފްރީ އަހްމަދު ނަޝީދު (ތުއްތު) އަދި ކޯޗާސާ ކޮމިޝަންގެ ޗެއާމަން ކަމަށް ޝުއައިބު އަހްމަދު އިންތިހާބު ކޮށްފި އެވެ.

ރެފްރީސް ކޮމިޝަންގެ ޗެއާމަން ކަމަށް އިންޓަނޭޝަނަލް ރެފްރީ ތުއްތު، އިއްތިހާބު ކުރީ 56 ވޯޓާއެކު އެވެ. އެ މަގަމަށް އޭނާ ހޮވަން ނުފެންނަ ކަމަށް ފަސް ފަރާތަކުން ވަނީ ވޯޓް ދީފަ އެވެ.

ހަ މެންބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާ ރެފްރީސް ކޮމިޝަންގެ މެންބަރު ކަމަށް ޖުމުލަ 11 ރެފްރީން ކުރިމަތިލި އެވެ. ހެންވޭރު ބޯޅަގޭގައި ހުންނަ ނެޝަނަލް ސްޕޯޓްސް އިންސްޓްޓިޔިޓްގެ ސެމީނާ ރޫމުގައި ބޭއްވި އިންތިހާބުގައި ރެފްރީސް ކޮމިޝަންގެ މެންބަރުކަން ކާމިޔާބު ކުރި ހަ ރެފްރީންނަކީ މުހައްމަދު އުނައިޝް، ކުނޑި އަހްމަދު ސަލީމް، އަބްދުﷲ ޒުހުރީ، މުހައްމަދު އަނީސް، މުހައްމަދު ސާމިން އަދި އާދަމް ސިޔާދު އެވެ.

އަހްމަދު ނަޝީދު (ޗެއާމަން) ފެންނަ ކަމަށް 56 ވޯޓް ނުފެންނަ ކަަމަށް ފަސް ވޯޓް

މުހައްމަދު އުނައިޝް - (މެންބަރު) 56 ވޯޓް

އަހްމަދު ސަލީމް ކުނޑި (މެންބަރު) 51 ވޯޓް

އަބްދުﷲ ޒުހުރީ (މެންބަރު) 45 ވޯޓް

މުހައްމަދު އަނީސް (މެންބަރު) 45 ވޯޓް

މުހައްމަދު ސާމިން (މެންބަރު) 44 ވޯޓް

އާދަމް ސިޔާދު (މެންބަރު) 36 ވޯޓް

ރެފްރީސް ކޮމިޝަންގެ ޗެއާމަން ނަޝީދު ވިދާޅުވީ، ތަމްރީން ފުރިހަމަކޮށްފައިވާ، ރެފްރީން ރާއްޖޭގައި ގިނަ ކަމަށާއި މައްސަލަ އަކީ އެކްޓިވް ރެފްރީން މަދުވުން ކަމަށެވެ.

"ރެފްރީންގެ ކުރިއެރުމަށް ވަރަށް ބޮޑު އިސްކަމެއް ދިގެން ކުރަން ޖެހޭ ކަމެއް މިއީ އެހާ ބައިވަރު ރެފްރީން ތިބި އިރު ވެސް އެކްޓިވް ރެފްރީން މަދުވަނީ ކީއްވެތޯ ބެލުން،" ތުއްތު ވިދާޅުވި އެވެ. "ފަހަރެއްގައި ވެދާނެ އެސޯސިއޭޝަންގެ މައްސަލައަކުން ކަމަށް ވެސް ނޫނީ އެވަރަށް މުބާރާތްތަކުން ފުރުސަތު ނުލިބުނީ ކަމަށް ވެސް. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެކަންކަން ދެނެގަންނަން މަސައްކަތް ކުރާނަން. ތަމްރީން ވެފައި ތިބި ރެފްރީން އިތުރަށް ޑިވްލަޕް ކުރެވޭނީ ވެސް އެންމެ ފުރަތަމަ ކަމަކަށް އެ ރެފްރީން އެކްޓިވް ކޮށްގެން. އާ ރެފްރީން ތަމްރީން ކުރާއިރު ވެސް އަޅުގަނޑުމެން ބާރު އަޅާނަން އެކްޓިވް ވާން."

ކޯޗާސް ކޮމިޝަންގެ ޗެއާމަން ކަމަށް، ޝުއައިބު އިންތިހާބު ކުރީ 100 ޕަސެންޓް އަގްލަބިއްޔަތާ އެކު އެވެ. ކޯޗާސް ކޮމިޝަނަށް ވޯޓް ދޭން ޝަރުތު ހަމަވާ 20 ފަރާތުން ވެސް ވަނީ އެ މަގަމަށް ޝުއައިބު ހޮވަން ފެންނަ ކަމަށް ވޯޓް ދީފަ އެވެ.

ކޯޗާސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާފައި ވަނީ ވެސް ހަ ކަނޑިޑޭޓުންނެވެ. އެހެންވެ އެ ކޮމިޝަންގެ މެންބަރުން އިންތިހާބު ކުރި ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ޝުއައިބު އަހްމަދު (ޗެއާމަން) 20 ވޯޓް

އަހްމަދު އަދީލް (މެންބަރު) 19 ވޯޓް

ފަތުހުﷲ ވަހީދު (މެންބަރު) 18 ވޯޓް

މުމްތާޒު އަލީ (މެންބަރު) 18 ވޯޓް

ހުސައިން ޝަރީފް (މެންބަރު) 17 ވޯޓް

މުހައްމަދު ނަދީމް (މެންބަރު) 17 ވޯޓް

މުހައްމަދު ހަމީދު (މެންބަރު) ފެންނަ ކަމަށް 16 ވޯޓް، ނުފެންނަ ކަމަށް އެއް ވޯޓް

ކޯޗާސް ކޮމިޝަންގެ ޗެއާމަން ޝުއައިބު ވިދާޅުވީ، ކޯޗުންގެ ކަންތައްތަކާ އަޅާނުލެވި ދިޔަ ދުވަސްތަކެއް ފާއިތުވެފައިވާ ކަމަށެވެ. އެކަން ބަދަލުކޮށް ވީއޭއެމްގެ ދަށުން ކޯޗުންގެ ކަންކަމަށް އިސްލާހުތަކެއް ގެނައުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝްގެ ވިސްނުމަކީ ވޮލީ ތަރައްގީ ކުރުމުގެ މަސައްކަތް ލާމަރުކަޒީ ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

"ލާމަރުކަޒީ އުސޫލުން މުޅި ރާއްޖެ އެއްކޮށް މި ބަހާލަނީ. ތިން ސަރަހައްދަކަށް ބަހާލައިގެން ކައުންސިލުތަކާ ގުޅިގެން އަތޮޅުތެރޭގައި ތިބި ކޯޗުން އިތުރަށް ތަމްރީން ކުރުމަށް ސީނިއާ އިންޓަނޭޝަނަލް ކޯޗުން ބޭނުންކޮށްގެން ކުރިއަށް ދާނީ،" ޝުއައިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް [ކޯޗާސް ކޮމިޝަނަށް] އޮންނާނީ ވީހާ ވެސް ބޮޑަކަށް ކޯޗުންގެ ކަންކަން އިސްލާހުކޮށް އެ މަސައްކަތްތައް އަޕްގުރޭޑް ކުރުން އަދި އާ ކޯޗުން ތަމްރީން ކުރުމަށް އަޅުގަނޑުމެން ބޮޑު އިސްކަމެއް ދޭނަން."

ގާތްގަނޑަކަށް 18 މަސް ދުވަހު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ވީއޭއެމްއަށް އެކަމުން އަރައިގަނެވުނީ މިމަހުގެ އެއް ވަނަ ދުވަހު ބޭއްވި އިންތިހާބަށް ފަހު އެވެ. ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު މެދުވެރިވެ، ސްޕޯޓްސް ކޮމިޝަނާ އިސްނަގައިގެން އޭރުގެ ރައީސް މުހައްމަދު ލަތީފްގެ އެކްސްކޯ ބާރު ކަނޑުވާލައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ވީއޭއެމް ހިންގަން ހަވާލު ކުރީ ޖޫން 2019 ގަ އެވެ. ނަމަވެސް، ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީން މައްސަލައިގެ ތެރެއަށް ވަދެ މޯލްޑިވްސް އެޑްހޮކް ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އެކުލަވާލި އެވެ. އެޑްހޮކް ކޮމިޝަންގެ ބެލުމުގެ ދަށުން، މައްސަލަތައް ހައްލު ކުރުމަށް ފަހު ބޭއްވި އިންތިހާބު ރަނޭޝް ކާމިޔާބު ކުރީ އިލްޔާސް އަހްމަދާ ވާދަ ކުރައްވައިގެންނެވެ.