އިންޑިއާ ތަރިން ރާއްޖެ ސަމާސާއަކަށް ހަދައިފި: ނަވާޒުއްދީން ސިއްދީގީ
އިންޑިއާ ތަރިން ރާއްޖެ ސަމާސާއަކަށް ހަދައިފި: ނަވާޒުއްދީން ސިއްދީގީ

އިންޑިއާ ތަރިން ދިވެހިރާއްޖެ ސަމާސާއަކަށް ހަދައިފި ކަމަށާއި ޗުއްޓީއަށް ދިވެހިރާއްޖެ އައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ބުނެ އިންޑިއާގެ އެކްޓަރު ނަވާޒުއްދީން ސިއްދީ، ރާއްޖެ އަންނަ އިންޑިއާގެ ތަރިންނަށް ފާޑުކިޔައިފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބޮލީވުޑްގެ ތަރިން މިހާރު ރާއްޖެ ސަމާސާއަކަށް ހަދައިފި ކަމަށާއި އެ މީހުންނާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ އޮތް ގުޅުމެއް ވެސް ސާފުނުވާ ކަމަށެވެ. އެކަމަކު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މުޅި ދުނިޔެ އޮތް ދަނޑިވަޅެއްގައި އަދި ވަކިން ހާއްސަކޮށް ކޮވިޑްގެ ހާލަތު އިންޑިއާގައި ބޮއްސުން ލާފައިވާ އިރު، ބޮލީވުޑްގެ ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އައިސް މަޖާ ނަގައި ހިތްއުފާކުރުން އިންސާނިއްޔަތާ ހިލާފު ކަމަށް ވެސް ނަވާޒުއްދީން ބުންޏެވެ.

އިންޑިއާ އަކީ މި ވަގުތު ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. މިކަމާ ގުޅިގެން އެ ގައުމުގެ ބައެއް ސިޓީތަކުގައި ލޮކްޑައުން ވެސް އިއުލާންކޮށް، އެތައް ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

"އެތައް ބަޔަކު މަރުގެ ތުންފަތްމަތީގައި ތިއްބައި ރާއްޖެ ގޮސް ސޯޝަލް މީޑިއާ ފޮޓޯތައް ލާއިރު އެންޓަޓައިމަންޓް އިންޑަސްޓްރީގެ ސެލެބްރިޓީން ލަދުގަންނަން ޖެހޭނެ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.

ނަވާޒުއްދީން ބުނި ގޮތުގައި ޗުއްޓީތަކަށްދާ އިންޑިއާގެ ސެލެބްރިޓީންގެ ފަރާތުން މިހާރު ފެންނަނީ އެ މީހުންނަކީ ހިތެއް ނެތްކަމެވެ. އެހެން ނޫން ނަމަ މި ބަލިމަޑުކަމުގެ ތެރޭގައި އެތައް ބަޔަކު މަރާ ހަނގުރާމަކުރަމުންދާ އިރު، އަމިއްލަ އެދުން ނުދައްކާނެ ކަމަށް ބުންޏެވެ.

"އެ މީހުންގެ ފަރާތުން އެ ފެންނަ އަމަލު މިހާރު ސިފަކުރެވެނީ ހާލުގައި ތިބި މީހުންނަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި،" ނަވާޒުއްދީން ބުންޏެވެ. "މި ސެލެބްރިޓީން އެބަޖެހޭ ތަސައްރަފު ފުދޭ ބަޔަކަށްވާން."

ރާއްޖެ ދިއުމުގެ ޕްލޭނެއް ނެތްތޯ ބޮލީވުޑް ހަންގާމާ އިން އެހުމުން އޭނާ ބުނީ އެކަހަލަ އެއްވެސް ވިސްނުމެއް ޕްލޭނެއް ނެތް ކަމަށެވެ.

"ހަނދާން ނައްތާލާ. އަހަރެން މިހުރީ އާއިލާއާ އެކު ބުދާނާގައި. އަހަރެންގެ ރާއްޖެ ދިޔައީކީ ނޫން." އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަވާޒުއްދީން ބުންޏެވެ.

އިންޑިއާ އަކީ ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އޭގެ ތެރޭގައި އެ ގައުމުގެ މަޝްހޫރު ސެލެބްރިޓީން ގިނަ އެވެ.