23 އެޕްރީލް 2021 - 22:58

ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ 6:00 އިން ފެށިގެން މިރޭ އިރުއޮއްސި 6:00 އަށް މާލޭގައި 108 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެކި ރަށްރަށުން 182 މީހުންނާއި ރިސޯޓުތަކުން 21 މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި ސިނާއީ ރަށްތަކުން ޕޮޒިޓިވްވި މީހުން ހިމަނައިގެން ޖުމުލަ 319 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
މި ދުވަސްވަރު މާލޭގެ އިތުރުން ތިން ރަށެއްގައި ވަރަށް ހަލުއިކަމާ އެކު ކޮވިޑް ފެތުރެމުން އެބަ ދެ އެވެ. އެއީ އއ. މަތިވެރި އާއި ކ. މާފުށީގެ އިތުރުން ބ. އޭދަފުއްޓެވެ.
ރާއްޖޭގައި މި ވަގުތު ކޮވިޑްގެ ބަލީގައި ތިބީ 3207 މީހުންނެވެ. އަދި ހޮސްޕިޓަލުތަކުގައި 98 މީހުން އެ ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެ އެވެ. އަދި 71 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.
މިއަދު ރެކޯޑް އަދަދަކަށް ކޮވިޑް ކޭސް އިތުރުވެފައިވާއިރު ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުންނަނީ 100-200 ދެމެދުގަ އެވެ. އެއީ 2000-3000 މީހުން ޓެސްޓުކޮށްގެން ޕޮޒިޓިވްވާ އަދަދެވެ. މިއަދު ވެސް ކޮވިޑަށް ޓެސްޓުކޮށްފައި ވެސް ތިންހާހެއްހާ މީހުންނެވެ.