ރީލޯޑާއި ރާސްޓަސް ވިޔަފާރީގެ ކުރީ ސަފުގައި ލޯފަން މީހެއް
ރީލޯޑާއި ރާސްޓަސް ވިޔަފާރީގެ ކުރީ ސަފުގައި ލޯފަން މީހެއް

ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅޭ އެތައް ސަތޭކަ ބަޔަކަށް ކޮންމެ ދުވަހަކު ރީލޯޑާއި ރާސްޓަސް ކުރުމަކީ ލޯފަން މީހަކަށް ކުރެވިދާނެ ކަމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް އެނގޭނީ ބ. އޭދަފުށީ މުހަންމަދު އަފާޒަށެވެ. އޭނާ އަކީ، އޭގެ ބޮޑު ނެޓްވޯކެއް ގެންގުޅޭ މީހެކެވެ.

ރީލޯޑާއި ރާސްޓަސް ވިޔަފާރީގެ ކުރީ ސަފުގައި ލޯފަން މީހެއް
ރީލޯޑާއި ރާސްޓަސް ވިޔަފާރީގެ ކުރީ ސަފުގައި ލޯފަން މީހެއް

"ތިޔައީ ކޮންމެ މީހަކު ވެސް އަހަންނާ ކުރާ ސުވާލު. ކިހިނެއް ހެއްޔޭ ތިކަން ތި ކުރަނީ،" 42 އަހަރުގެ މުހަންމަދު ބުންޏެވެ.

ރީލޯޑާއި ރާސްޓަސް ވިޔަފާރީގެ ކުރީ ސަފުގައި ލޯފަން މީހެއް
ރީލޯޑާއި ރާސްޓަސް ވިޔަފާރީގެ ކުރީ ސަފުގައި ލޯފަން މީހެއް

އެ ސުވާލަށް ދޭނެ ޖަވާބެއް އޭނާގެ ވެސް ނެތެވެ؛ ބުނެވެން އޮތީ "މި ކުރަނީ ނޫން ހެއްޔޭ" އެވެ.

މުހައްމަދު އެންމެ ފުރަތަމަ މީހުންނަށް ރީލޯޑް ކޮށްދޭން ފެށީ 2010 ވަނަ އަހަރު އެވެ. އޭރު އެކަން ކުރީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކޮންމެވެސް ކަމެއް ކުރަން ބޭނުންވެގެންނެވެ.

"މިއީ މާ ބޮޑު މަސައްކަތެއް ކުރަން ޖެހޭ ކަމެއް ނޫން. އެހެންވެ މިކަން ފެށީ،" އޭނާ ބުންޏެވެ.

މި މަސައްކަތުގައި ހޭދަވި 11 އަހަރުގެ ތަޖުރިބާ އޭނާ ކިޔާދިނީ ވަރަށް އުފަލުން ހުރެ އެވެ. އޭނާ ބުނީ ދުވަހަކު ވެސް ނުބައި ނަންބަރަކަށް، އަދި ނުބައި އަދަދެއްގެ ރީޗާޖެއް ކޮށްފައި ނުވާނެ ކަމަށެވެ.

"ގުޅައިގެން ވެސް، ވައިބާ އަށް މެސެޖުކުރީމަ ވެސް ރީޗާޖުކޮށްދެން. އެއްވެސް ނަންބަރަކަށް އޮޅިގެން ނުފޮނުވަން. އޮޅިގެން ފޮނުވިފަ އޮތަސް އޮންނާނީ ނުބައި ނަންބަރެއް ފޮނުވާ މީހަކަށް،" އޭނާ ޔަގީންކަމާ އެކު ބުންޏެވެ.

އެކަމަކު އޭނާ އަކީ ލޯފަން މީހަކަށް ވާތީ، އޭގެ ނާޖާއިޒު ފައިދާތައް އެހެން މީހުން ނަގާފައި އެބަހުއްޓެވެ. މިސާލަކަށް 10ރ. ދީފައި އެއީ 20ރ. ކަމަށް ބުނެ އެ އަދަދުން އޭނާ ލައްވާ ރީޗާޖު ކުރުވާފައި އެބަހުއްޓެވެ. އޭގެ ބައެއް ވާހަކަތައް އޭނާ ވަރަށް ދެރަވެފައި ކިޔައިދިނެވެ.

"މިހާރުގެ ނޫޓު ނެރުމުގެ ކުރިން ފައިސާގައި އަތް ލިޔަސް އެއީ ކިހާވަރެއްކަމެއް ނޭނގެ. އެހެންވެ ކުރިން އެކަހަލަ ބައެއް ލަނޑުތައް ލިބިފައި އެބަހުރި. މިހާރުގެ ފައިސާގައި އަތް ލީމަ އެއީ ކިހާވަރެއްކަން އެނގޭތީ މިހާރަކު އޮޅުވައެއް ނުލެވޭނެ،" އޭނާ ކިޔައިދިނެވެ.

"ބައްތި ފޯނަކުން އެކަން ކުރަނީ. އޭގެ ފިތްތަކުން އެނގޭނެ އަތްލެވެނީ ކޮން ފިތެއްގައި ކަން. އަނެއްކާ ޓެކްސްޓް މެސެޖްތައް ވެސް ކިޔައިދޭނެ."

އެންމެ ޕީކް މަސްތަކުގައި މުހަންމަދު ވަނީ، 70،000-80،000ރ. ގެ ރީލޯޑް/ ރާސްޓަސް އަޅައިދީފަ އެވެ. އޭނާ އެކަން ކުރަނީ ބައްތި ފޯނަކުންނެވެ.

އުފަންވީ އިރު ވެސް މުހަންމަދަކަށް ނުފެނެ އެވެ. އެކަމަކު އޭނާގެ އުމުރުން ވިއްސަކަށް އަހަރު ވަންދެން ކޮންމެވެސް ވަރަކަށް ހިޔަނި ފެންނަ ކަމަށް އޭނާ ބުނެ އެވެ. ކުލަ ކޮންމެވެސް ވަރަކަށް ވަކިވެ އެވެ. އެކަމަކު މިހާރު ދެ ލޯ ވެސް ހަމައެއްކޮށް އަނދިރި އެވެ. ލޮލަށް ނުފެންނާތީ އޭނާ ސްކޫލަކަށް ނުދެ އެވެ. ކިޔެވި އެއްޗެއް ކިޔެވީ، އޭނާ ބުނާ ގޮތުން މަންމަ ކައިރިންނެވެ.

އެކަމަކު 2،000ގެ ކުރީކޮޅު ދިވެހިންގެ ތެރެއަށް މޯބައިލް ފޯނު ތައާރަފްވެ، މުޅި ރާއްޖެ ބަދަލުކޮށްލި އިރު، މުހަންމަދުގެ ދިރިއުޅުން ވެސް ބަދަލުކޮށްލީ އެވެ. އޭނާގެ ހަޔާތުގެ އެންމެ ގާތް ބައިވެރިއަކަށް ވީ، މޮބައިލް ފޯނެކެވެ.

"ދުވަހަކު ވެސް އުންމީދެއް ނުކުރަން މިގޮތަށް ފޯނުން އިންޓަނެޓް ބޭނުންކޮށް ހެދޭނެ ކަމަށް. މިހާރު އެހެން މީހުންނެކޭ އެއްގޮތަށް ފޭސްބުކް، ވައިބާ ވެސް ބޭނުންކުރަން،" އޭނާ ބުންޏެވެ.

މުހައްމަދު މިގޮތަށް ސޯޝަލް މީޑިއޯ ޕްލެޓްފޯމުތައް ބޭނުން ކުރަނީ ލޯފަން މީހުންނަށް ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މޯބައިލް ފޯނާއި އަދި މި އެޕްލިކޭޝަން އަހުލުވެރިވުމުގައި ބްލައިންޑް އެސޯސިއޭޝަނުން ބޮޑު އެހީތެރިކަމެއް އޭނާއަށް ލިބުނެވެ.

ލޯފަން އެހެން ބައެއް މީހުންނާ މުހަންމަދާ ތަފާތުތަކެއް އެބަހުއްޓެވެ. އޭނާ ގަބޫލު ކުރަނީ ނުފެނުނަސް، އަމިއްލަ އަށް ދިރިއުޅުން އުޅެވިދާނެ ކަމަށެވެ. އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް ކުޅިވަރު ކުޅެ ހަދަ އެވެ. ބައެއް ފަހަރު އޭނާ ހުންނަނީ ގޯލްކީޕަރަށެވެ. ފިހާރައިގައި ވެސް މަސައްކަތް ކުރެ އެވެ. ބައެއް ފަހަރު އޭނާ ކޭޝިޔަރަކަށް ވެސް އިނދެ އެވެ. މީހުންގެ އަޑުތައް އޭނާ ވަރަށް ފަސޭހައިން ދެނެގަނެ އެވެ.

ނަމަވެސް، ދިރިއުޅުމުގައި އޭނާ ހާސިލް ކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން ފުރިހަމަވެ، އެހެން މީހުންނެކޭ އެއްގޮތަށް މުއާމަލާތް ކުރެވޭ އިރު ވެސް އޭނާ އަށް ހަޔާތުގެ ބައިވެރިޔަކު ނުވި ކަމެވެ. މުހަންމަދު ބުނާ ގޮތުން އޭނާ އަންހެން ކުއްޖަކު ދެކެ ވަރަށް ލޯބިވެ، ކައިވެންޏާ ހަމައަށް ވެސް ދިޔަ އެވެ.

"2008 ހިސާބުގައި ކައިވެނި ކުރަން އުޅުނިން. އެކަމަކު އޭރު ވީގޮތަކީ އުޅޭނެ އަމިއްލަ ތަނެއް ނެތުމުން މަޑުޖައްސާލީ،" އޭނާ ކިޔައިދިނެވެ.

އޭގެ ފަހުން ވެސް އޭނާ މީހަކާ އިންނަން އެކި ފަހަރު މަތިން މަސައްކަތް ކުރި އެވެ. އެކަމަކު އޭނާ ބުނާ ގޮތުން އަންހެން ކުއްޖާގެ އާއިލާ ހުރަސް އަޅާތީ އެކަން ނުވަނީ އެވެ.

"އަސްލު އަދިވެސް ބައެއް މީހުންނަށް ހީވަނީ ލޮލަށް ނުފެނުމަކީ ދިރިއުޅުމަށް އޮތް ހުރަހެއް ކަމަށް. އެގޮތަށް އާއިލާތަކުން ބޭނުން ނުވާތީ އެކަން ނުވަނީ،" އޭނާ ބުންޏެވެ.

މިހެން ކަންކަން ހުއްޓަސް މުހައްމަދު އަދިވެސް ޒަވާޖީ ހަޔާތެއް ފަށައި ދިރިއުޅުމެއް ފެށުމުގެ ހުވަފެންދެކެ އެވެ. އޭނާ ބުނީ ކުރިއަށް ވުރެ މިހާރު މުޖުތަމައުގައި މީހުން ބަލައިގަންނަ ވަރު ބޮޑު ކަމަށެވެ.

"ކުރިން ގެއިން ނުކުތުން ވެސް މީހުން ދެކެނީ ގޯސް ކަމެއް ކަމަށް. ނުކުންނަ ފަހަރެއްގަ ވެސް ބައެއް މީހުން ފާޑުފާޑުގެ އެއްޗެހި ބުނާނެ. އެހެންވެ ވީ ވަރަކުން ގެއިން ނުނުކުމެ އުޅުނީ. އެކަމަކު މިހާރު ކަންކަން ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެފަދަ އެއްވެސް ކަމެއް ދިމަލެއް ނުވޭ،" މުހައްމަދު ބުންޏެވެ.

މުހަންމަދުގެ ދެން އޮތް އެންމެ ބޮޑު ހުވަފެނަކީ އޮންލައިން ވިޔަފާރިއެއް ފެށުމެވެ. އެކަން އޭނާ ކުރާނެ އެވެ؛ ނުވާންވީ އެއްވެސް ސަބަބެއް، ހުރަހެއް ހަގީގަތުގައި ނެތެވެ.