23 އެޕްރީލް 2021 - 17:23

ނިއު ދިއްލީ (އެޕްރީލް 23) - ކޮރޯނާވައިރަހުގެ ކޭސްތައް އާދަޔާޚިލާފަށް އިތުރުވެ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެއްޖެ އެވެ.

ދިއްލީގެ ހޮސްޕިޓަލްތަކުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގެ އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ އިރު އޮކްސިޖަންގެ ކިޔޫގައި ތިބި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
މެކްސް ހެލްތުކެއާ އިން ބުނެފައި ވަނީ އޮކްސިޖަންގެ ސަޕްލައި އަށް އިންތިޒާރުކުރާތާ ހަތް ގަޑިއިރު ވެއްޖެ ކަމަށެވެ. އަދި އެ ތަނުން އޮޕަރޭޓް ކުރާ ދެ ހޮސްޕިޓަލްގައި ކޮވިޑުގެ 700 މީހުން އެޑްމިޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެން ތިން ސްޓޭޓް ކަމަށްވާ ގުޖުރާތު، އުއްތަރަ ޕްރަދޭޝް އަދި ހަރިޔާނާ އިން ވެސް ވަނީ އޮކްސިޖަން ސަޕްލައި ހުސްވުމުގެ ބިރު ބޮޑު ކަމަށް ބުނެފަ އެވެ. އަަނެއް ކޮޅުން މަހާރާޝްތުރާގެ ހާލަތު މާބޮޑަށް ގޯހެވެ.
ދިއްލީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ބައެއް ސްޓޭޓްތަކުން ވަނީ އަނެއް ބައި ސްޓޭޓްތަކަށް އޮކްސިޖަން ސަޕްލައި ކުރަން ދެކޮޅު ހަދައިފައި ކަމަށެވެ. ދިއްލީ އަކީ އިންޑިއާގައި އެންމެ ރަނގަޅު ސިއްހީ ނިޒާމް ގާއިމްކޮށްފައިވާ އެއް ސިޓީ އެވެ. ނަމަވެސް ކޮވިޑުގެ ބަލި މީހުން އިތުރުވުމުގެ ސަބަބުން ދިއްލީގެ ސިއްހީ ނިޒާމް ވެސް ވަނީ ފެއިލްވުމުގެ މަގުމަތީގަ އެވެ.
ދެ ވަނަ ރާޅާ އެކު އިންޑިއާގައި މިހާރު ދަނީ ކޮންމެ ދުވަހަކު ވެސް ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވަމުންނެވެ. ހުކުރު ދުވަހު އިންޑިއާ އިން ވަނީ 332،730 މީހުން ޕޮޒިޓިވްވެ 2،263 މީހުން މަރުވެފަ އެވެ. ބުރާސްފަތި ދުވަހު ވެސް ވަނީ 315،000 މީހުން ޕޮޒިޓިވްވެ 2،100 މީހުން މަރުވެފަ އެވެ.
އިންޑިއާ އިން ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވަމުންދާއިރު އެ ގައުމުގެ މީހުން ބައެއް ގައުމުތަކަށް އެތެރެވުން މިހާރު ދަނީ މަނާކުރަމުންނެވެ. އިނގިރޭސި ވިލާތުގެ ރެޑް ލިސްޓަށް އިންޑިއާ ލާފައިވާ އިރު ކެނެޑާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އިންޑިއާގެ ފްލައިޓްތައް ސަސްޕެންޑްކޮށްފަ އެވެ. ސިންގަޕޫރުން ވެސް ވަނީ އިންޑިއާ މީހުން އެ ގައުމަށް ދަތުރު ކުރުމުގައި ހަރުކަށިކޮށްފަ އެވެ.