23 އެޕްރީލް 2021 - 16:40

ނިއު ދިއްލީ (އެޕްރީލް 23) - އިންޑިއާގެ މުމްބާއީއާ ކައިރީގައިވާ ހޮސްޕިޓަލެއްގައި ކޮވިޑުގެ ބަލި މީހުންތަކަކަށް ފަރުވާ ދޭ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި އަލިފާން ރޯވެ 13 މީހުން މަރުވެއްޖެ އެވެ.
ހުކުރު ދުވަހު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ސަލާމަތްވި ހަތަރު މީހަކު ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އިންޑިއާގައި މި ހާދިސާގައި ހިނގާފައި މި ވަނީ އެ ގައުމުގައި ރެކޯޑް އަދަދަކަށް ކޮވިޑުގެ ބަލި މީހުން އިތުރުވަމުންދާ ދުވަސްވަރެއްގަ އެވެ. ބަލި މީހުން އިތުރުވެ ބައެއް ހޮސްޕިޓަލްތަކުން ވަނީ އޮކްސިޖަން ހުސްވެފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސް މަހާރާޝްތުރާ ސްޓޭޓުގެ ވިރާރު އޭރިއާގެ ވިޖޭ ވައްލާބް ހޮސްޕިޓަލުގަ އެވެ. އެއީ ބޮމްބޭގެ އުތުރުން 43 މޭލު ދުގައި ހުންނަ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލްގައި އަލިފާން ރޯވީ ކީއްވެ ކަމެއް ނޭނގެ އެވެ. މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ވަނީ އެ ހާދިސާ ތަހުގީގު ކުރުމަށް އަންގަވައިފަ އެވެ.
ހުކުރު ދުވަހު އިންޑިއާ އިން ވަނީ 332،730 މީހުން ޕޮޒިޓިވްވެ 2،263 މީހުން މަރުވެފަ އެވެ. އިންޑިއާ އިން ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވަމުންދާތާ މިހާރު ތިން ދުވަސްވެއްޖެ އެވެ. ބުރާސްފަތި ދުވަހު ވެސް ވަނީ 315،000 މީހުން ޕޮޒިޓިވްވެ 2،100 މީހުން މަރުވެފަ އެވެ.