23 އެޕްރީލް 2021 - 16:48

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެ ކުރަން މަނާކުރަން ނިންމި އިރު އޭގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ހިމެނުނެވެ. މިއީ، ސުޕާރީއަށް ދެވިހިފާފައި ތިބޭ ގިނަ ދިވެހިން ވަރަށް މާޔޫސްވި ކަމެކެވެ.

ސިއްހަތަށް އެއްވެސް ފައިދާއެއް ނުކުރި ނަމަވެސް، މިއީ ކޮންމެ ކަންމަތީ ފިހާރައަކުން ލިބެން ހުންނަ އެއްޗެކެވެ. އެކަމަކު އަންނަ ޖޫން މަހުގެ ފަހުން، ކުދި ސުޕާރީ ކޮތަޅު ނުވިއްކޭތީ އޭގެ އަގު ވަނީ ވަރަށް މައްޗަށް ޖެހިފަ އެވެ. ސުޕާރީއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، ބައެއް މީހުން ގަނޑުކޮށް ގަނެފައި ފޮރުވާ ވެސް ހަދަ އެވެ.

އެކަމަކު ދެން ސުޕާރީ ހުސްވެދާނެ ކަމުގެ ބިރު ހީވާކަށް ނުޖެހޭނެ އެވެ. ޕްލާސްޓިކް ކޮތަޅުގައި ހުންނަ ސުޕާރީގެ ބަދަލުގައި މިހާރު ގިނަ ފިހާރަތަކުން ފެންނަނީ ބިއްލޫރި ފުޅީގައި ހުންނަ ސުޕާރީ އެވެ.
ސުޕާރީ ކޮތަޅު އެތެރެ ކުރުން މަނާކުރަން ނިންމި ދުވަސްވަރު، ސޯޝަލް މީޑިއާގައި ދެން ސުޕާރީ ފެންނާނީ ފުޅީގައިި ކަމަށް ބުނެ މީހުން ޖޯކް ވެސް ޖެހި އެވެ. އެކަމަކު އެ ޖޯކު ޖެހިގޮތަށް، މިހާރު ފިހާރަތަކުގެ ހަރުގަނޑުތަކުގައި ބަރި ޖަހާލާފައި ހުރީ، އެކި ބްރޭންޑްތަކުގެ ސުޕާރީ ފުޅިތަކެވެ.
އެއް ގޮތަކަށް ހަދާފައި ހުންނަ 110 ގްރާމްގެ ސުޕާރީ ފުޅިއެއް ވިއްކަނީ 80 ރުފިޔާ އަށެވެ.
މިއީ ޕްލާސްޓިކާ ދުރަށް ދާން ދިވެހިން ކުރަމުންދާ މަސައްކަތުގައި ލިބުނު ކާމިޔާބެކެވެ. ފަހަރެއްގައި، ޖީބަށް ސުޕާރީތައް އަޅާލައިގެން އެންމެންނަށް ބަހަމުން ދެން ނުދެވިދާނެ އެވެ. އެކަމަކު ގައިމު ވެސް، މާލޭގައި ވިއްސާރަވާއިރު، ފެނާއެކު ކާނުތަކުގެ ދޭތެރެއިން ނުކުންނަ ސުޕާރީ ހުސްކުރި ކޮތަޅެއް ދެން ނުފެންނާނެ އެވެ. މިއީ ޔަގީނުން ވެސް އުފާވެރި ހަބަރެކެވެ.