އެއްކައުވަންތަކަމުގެ ޢަޤީދާ ގަބޫލު ނުކުރާނީ ޖާހިލުން
އެއްކައުވަންތަކަމުގެ ޢަޤީދާ ގަބޫލު ނުކުރާނީ ޖާހިލުން

ދީނަށް ތަބާވުމަކީ މޮޔައިން ނޫނީ ނުކުރާނެ ކަމެއް ކަމަށްވާ ނަމަ، ނުވަތަ އެއީ ނަސްލީ އިމްތިޔާޒުގެ ބާރުހިންގުމެއް ކަމަށްވާ ނަމަ، ނުވަތަ އެއީ މީހާ ނިކަމެތިކުރުވާ ކަމެއް ކަމަށްވާ ނަމަ، ނުވަތަ އެއީ ނަފްސަށް ދަތި ފޯރުވާ ކަމެއް ކަމަށްވާ ނަމަ ކޮންމެ މީހަކު ވެސް އެކަމުން ދުރުހެލިވެވޭތޯ މަސައްކަތް ކުރަންޖެހޭނެ އެވެ. ނަމަވެސް ނަބީންނާއި ރަސޫލުން ގެނެސްދެއްވި ހައްގު ދީން ކަމުގައިވާ އިސްލާމް ދީނަށް ތަބާވުމަކީ ހަމަކަށަވަރުން ވެސް މިފަދަ ކަމެއް ނޫނެވެ. ހައްގާއި ބާތިލު އޮޅުވާލައި އޭގެ ތެރެއިން ބާތިލަށް އެއީ ދީނޭ ކިޔަސް ދޮގު ދައުވާއަކަށް ނޫނީ އެކަން ވެގެންނުދާނެ އެވެ.

ދީނަށް ތަބާވުމުގައި ދުނިޔޭގައި މީސްތަކުން ތަފާތު ދަރަޖަތަކުގައި ތަފާތު ބައިތަކަށް ބެހިގެންވެ އެވެ. މިގޮތުން އުލޫހިއްޔަތު އެކީ އިންކާރުކޮށް މިކައުނުގައި އިލާހެއް ނުވާކަމަށް އެއްބަޔަކު ގަބޫލު ކުރެ އެވެ. އަނެއްބަޔަކު އެއްކައުވަންތަކަން އެއްފަރާތްކޮށް ޝަރީކު ކުރުމާ އެކު އުލޫހިއްޔަތު ގަބޫލު ކުރެ އެވެ. އަނެއްބަޔަކު އެ މީހުންނާއި އެ މީހުންގެ ކާބަފައިން އިލާހުންނޭ ކީ ތަކެއްޗަށް އީމާންވެ އެގޮތުގައި ދެމިތިބެ އެވެ. ހައްދަވައި ބޮޑު ކުރެއްވި ފަރާތެއްގެ ގޮތުގައި ﷲ އާއި، ދީނެއްގެ ގޮތުގައި އިސްލާމް ދީނާއި، ނަބިއްޔަކާއި ރަސޫލެއްގެ ގޮތުގައި މުޙައްމަދު ﷺ ބަލައިގަނެ އެގޮތަށް ރުހޭ މީހުން، އާދެ މުސްލިމުން، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައިހާ ވެ އެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި ވެސް ސައްހަ ޢިލްމާއި ސުންނަތާއި ހިދާޔަތުން ބޭރުގައި ޖާހިލުކަމާއި ބިދުޢަޔާއި ހަވާނަފްސަށް ތަބާވެ އުޅޭ މީހުންވެސް އެބަތިއްބެވެ.

މިގޮތަށް މީސްތަކުން ތިބި ނަމަވެސް މިފަދަ މީސްތަކުންނަށް އިސްލާމް ދީން ހުށަހަޅައިދެވެނީ އެންމެ ރަނގަޅަށޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ މިކަމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުގެ ޢަމަލުތައް ހުންނަ ގޮތުން ހަމަބުއްދި ލިބިފައިވާ މީހަކަށް ވެސް އިސްލާމް ދީނާ މެދު ނަފްރަތު އުފެދެން މެދުވެރިވާތީ އެވެ. މިގޮތުން މިސާލަކަށް ދައުލަތެއްގެ ފަރާތުން އެތަނުގައި ތިބި ޣައިރު މުސްލިމުންނަށް ހައްގު ދީނަށް ދައުވަތު ދިނުމަށް ފަހު އެ ދައުވަތު ގަބޫލު ނުކޮށްފި ކޮންމެ މީހަކު ޖަލަށްލައި ބޯކަނޑާލައި ހަދާ ނަމަ އެފަދަ މީހުން ހަގީގީ އީމާންވުމަކުން އީމާންވާނެ ހެއްޔެވެ؟ މަދީނާގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާ އިދިކޮޅަށް އެތަނުގައި އުޅުނު ޣައިރު މުސްލިމުންނަށް މިނިވަންކަމާ އެކު ފާޑުކިޔައި ބަސްބުނެ އުޅުމުގެ މިނިވަންކަން ލިބިފައި އޮތެވެ. ހަމައެއާ އެކު އެ މީހުންނަށް އިސްލާމީ ދަޢުވަތު ހުށަހެޅުމަށްފަހު އީމާން ނުވެ ތިބިނަމަވެސް "ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަހަރެމެންނަށް އަހަރެމެންގެ ދީނެވެ." މި ޝިޢާރުގެ ދަށުން މިނިވަންކަން ދެވުނެވެ. އިސްލާމީ ގޮތަކީ މިއީ އެވެ. ހަމަ މި ބީދައިން ދީނުގެ ޢިލްމުތައް ހުށަހަޅައިދޭ މީހުން އިސްލާމް ދީން ހުށަހަޅައި ދެނީ އެ ދީނަކީ ވަރަށް ހަރުކަށި، ޒަމާނަށް ނުފެތޭ، ޢިލްމާއި ހުނަރާއި މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ފުރުސަތުތައް ބަންދުވެފައިވާ ދީނެއްގެ ގޮތުގައި ކަމަށް ވާނަމަ މިފަދަ ދީނަކަށް ޝައުގުވެރިކަން ހުންނާނީ ވަރަށް އާދަޔާ ޚިލާފު ފިކުރުތަކެއް ގަބޫލުކުރާ ބައެއް އެކަންޏެވެ.

މިކަންކަން މިހެން އޮތް ނަމަވެސް ﷲ އަށް އީމާންނުވާ އެކަލާނގެ ވަޙީ ގަބޫލު ނުކުރާ އަދި އާޚިރަތުގައި އެކަލާނގެއާ ބައްދަލުނުވާނެ ކަމަށް ދެކޭ މުލްޙިދު ކާފިރުން އެތިބީ ހަމަ ހައްގު މަގުގައި ބާވަ އެވެ؟ އައްޝައިޚް މުޙައްމަދުލް ޣަޒާލީ ވިދާޅުވާ ގޮތުގައި މިފަދަ މީހުންނަކީ ވިސްނުމާއި ފިކުރުގައި ބަލިމަޑުކަމެއް ހުރި ބައެކެވެ. ހައްދަވައި ބޮޑުކުރެއްވި ކަލާނގެ އަށް އިޢުތިރާފު ނުވުމަކީ ދުނިޔެ އަށް އުފަންވުމަށް މެދުވެރިވި އޯގާތެރި މައިންބަފައިން އިންކާރު ކުރުން ފަދަ ކަމެކެވެ. މިފަދަ ބައެއް މީހުންނަށް ފުން ޢިލްމަކާއި ހުނަރެއް ލިބިފައި ހުރެދާނެ އެވެ. އެކަމަކު މީގެ ސަބަބުން އެ މީހުންގެ ދަރަޖައިގެ މަތިވެރިކަން ވަކި އުފުލިގެން ނުދާނެ އެވެ. އެމެރިކާގެ ނިއުކްލިއަ ސައިންޓިސްޓެއް އޭނާގެ މަސައްކަތުގެ ބައެއް ސިއްރުތައް ރަޝިޔާ އަށް ހާމަކޮށްދިނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އޭނާ ބެލެވިގެން ދިޔައީ ގައުމާއި ވަތަނަށް ޚިޔާނާތްތެރިވި ބޮޑު މުޖުރިމެއްގެ ގޮތުގަ އެވެ. ވަތަނާއި ގައުމަކީ ކުޑަ ބިންކޮޅަކާއި މީހުންގެ ކުޑަ ޖަމާއަތެއް ކަމަށް ވާ ހިނދު، އުޑުތަކާއި ބިންތަކާއި އެންމެހާ އިންސާނުންނާއި އެނޫންވެސް ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެ އަށް ޚިޔާނާތްތެރިވީމާ މުޖުރިމަކަށް ނުވާންވީ ކީއްވެހެއްޔެވެ؟ ކެންސަރު ޖެހިފައިވާ މީހެއްގެ ލޮލުގެ ފެނުން ކިތަންމެ ތޫނު ވިޔަސް އެއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ހަމަކަށަވަރުންވެސް ﷲ މަޢުރިފާކޮށް އެކަލާނގެ ބާވާލެއްވި މަންހަޖު އިންކާރު ކުރާ މީހާ ވަކި ފަންނެއްގައި ކިތަންމެ އަރާހުރި ކަމުގައިވިއަސް އޭނާގެ ޒަމީރު އެވަނީ ބަލިމަޑުކަމެއްގަ އެވެ. ފިކުރު އެވަނީ ހަމަމަގުން ބޭރުގަ އެވެ. މިފަދަ މީހެކޭ ހައިވާނެކޭ ތަފާތެއް ނެތެވެ. މިފަދަ މީހަކު އަޅުވެތިވާނީ އެމީހެއްގެ ހަވާނަފްސަށެވެ. އޭނާއަށް އާޚިރަތުގައި ހުރީ ހުސް ގެއްލުމެވެ. އޭނާގެ ތޫނުފިލިކަން އެއީ އޭނާއަށް މަންފާހުރި އެއްޗަކަށް އެހާރުން އެ ނުވީ އެވެ. މިފަދަ މީހުންގެ ތެރެއިން ގިނަމީހުން އަޑުއަހާކަމަށް ނުވަތަ ވިސްނާކަމަށް ކީރިތި ރަސޫލާ ﷺ ހީފުޅު ކުރައްވަނީތޯ ސުވާލުކުރައްވައި ﷲ ވަޙީކުރައްވަނީ "ޖަނަވާރުންތަކެއް ފަދައިން މެނުވީ އެއުރެން ނުވެތެވެ. އަދި ކިއެއްތަ، އެއަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ." މިފަދައިންނެވެ. (އަލްފުރްޤާން 43-44).

އާދެ މިއީ ﷲ ވޮޑިގެންވާކަން އިންކާރު ކުރާމީހުންގެ ހާލަތެވެ. ނަމަވެސް ޖާހިލުކަމަކީ އަދި މިކަން އެކަންޏެއް ނޫނެވެ. މުސްލިމުން ކަމަށް ވިއަސް ދިރިއުޅުމުގެ ހަޔާތުގެ އެކި މައިދާންތަކަށް އިސްލާމް ދީން ވައްދަން ބޭނުންނުވާ، ލާދީނިއްޔަތަށް ނިސްބަތްވާ މީހުންނަކީ ވެސް ހަމަ ޖާހިލު ބައެކެވެ. އެއީ މިފަދަ މީހުންގެ ދިރިއުޅުމުގެ ކަންކަން ތަރުބަވީ މައިދާނާއި ސިޔާސީ މައިދާނާއި އިޖުތިމާއީ މައިދާނާއި އިގުތިސާދީ މައިދާން ފަދަ މައިދާންތަކުގައި އިންތިޒާމު ކުރާއިރު އިސްލާމީ އެއްވެސް ކުލަވަރެއް އޭގައި ޖެހެން ބޭނުން ނުވާތީ އެވެ. އަދި ގަދައަޅައި އެކަން އިންކާރު ކުރާތީ އެވެ. އެއީ ކަޓު ކަމެއް ކަމުގައި ބަލާތީ އެވެ. ނަމަވެސް އެންމެ ހެއްވާ ކަމަކީ އެހެންބަޔަކު ހަމަ އެމީހުންގެ ދީން ބޭނުންކޮށްގެން މުޅި ދިރިއުޅުމުގެ ހަޔާތަށް ވަދެ ބިންތަކާއި މުދާތަކަށް އަރައިގަންނަމުން ދާއިރުވެސް އެ މީހުންގެ އެ އަމަލުތައް އެއީ ތަރައްގީ އާއި ކުރިއެރުމާއި ހިކުމަތް ކަމުގައި މިފަދަ މީހުން ދެކޭތީ އެވެ. މައްސަލައަކަށް މިވަނީ ދިރިއުޅުމުގެ މައިދާންތަކުގައި އިސްލާމް ދީނުގެ އަސާސްތައް މުގުރާނުލައި ދަމަހައްޓައިދޭން ބުނާ ބުނުން އެކަންޏެވެ. މިފަދަ މީހުންނަށް މުޙައްމަދުގެފާނަކީ އަގެއްހުރި ޝަޚުޞިއްޔަތެއް ނޫނެވެ. އެކަމަކު އެހެން ދީނެއްގައި މަރުވެފައިވާ އިންސާނަކު ކަލަކަށް ހަދައިގެން އުޅުނަސް އެކަން މައްސަލައަކަށް ނުވެ އެވެ.

އިސްލާމްދީނާއި އެ ދީނުގެ ނަބިއްޔާއާ މެދު މިފަދައިން ވިސްނުން ހުރި ކޮންމެ މީހަކީ ވެސް ޖާހިލުކަމެއްގެ ތެރޭގައިވާ މީހެކެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ޢަޤީދާތަކުގައި ނަޤުލީ ދަލީލުތަކުގެ އިތުރުން ބުއްދީގެ ހަމައިން ވެސް ބަލައިނުގަނެވޭނެ އެތައް ކަމެއް އެބަހުއްޓެވެ. އެކަމަކުވެސް އިންސާނުންގެ ހައިސިއްޔަތުން އެމީހުންނަށް އިޙުތިރާމު ކުރަން އިސްލާމް ދީން އަންގަ އެވެ. އެ މީހުންގެ ފަރާތުން މުސްލިމުންގެ މައްޗަށް ޢުދުވާނެއް ނާންނަހާ ހިނދަކު އެމީހުންގެ ދީނުގެ މަތީ ތިބުމަށް މިނިވަންކަން ދެ އެވެ. ނަމަވެސް މީގެ މާނައަކީ އެމީހުން ތިބީ ހައްގުގެ މަތީގައޭ ބުނާކަށް އަދި އެމީހުންގެ އެ ޢަޤީދާ ތަކަކީ އިސްލާމް ދީން ފަދައިން ސައްހަވެދާނެ ޢަޤީދާ ތަކެކޭ ބުނާކަށް އިސްލާމް ދީން ފުރުސަތެއް ނުދެ އެވެ. އެހެނީ ދީނަށް ތަބާވުމަކީ ކުޅިވަރު ކުޅޭ ޓީމަކަށް ތާއީދު ކުރުން ކަހަލަ ކަމަކަށް ނުވާތީ އެވެ. ނުވަތަ ސިޔާސީ ޕާޓީއަކަށް ވަނުން ކަހަލަ ކަމަކަށް ނުވާތީ އެވެ. މިދައްކަނީ ހައްގާއި ބާތިލުގެ ވާހަކަ އެވެ. ވީއިރު ހައްގަށް ވާސިލު ނުވެވޭ ކޮންމެ މީހަކީ ބާތިލު ގޮތުގައި ހުރި މީހެކެވެ. ހައްގާ މެދު ޖާހިލުވެފައިވާ މީހެކެވެ. މި ޖާހިލުކަން އެމީހެއްގެ ކިބައިން ފިލުވާލެވިއްޖެ ކޮންމެ މީހަކު އިސްލާމް ދީން ގަބޫލު ކުރާނެ އެވެ. އަދި އިސްލާމްދީނުގައިވާ ހަރުދަނާ އުސޫލުތަކުން ބޭރުނުވެ ދެމިހުންނާނެ އެވެ.