ކޮވިޑް-19- އިންޑިއާ އަށް ދަތުރުކުރުން ގިނަ ގައުމުތަކުން މަނާކޮށްފި
ކޮވިޑް-19- އިންޑިއާ އަށް ދަތުރުކުރުން ގިނަ ގައުމުތަކުން މަނާކޮށްފި

ދުނިޔޭގައި ރެކޯޑް އަދަދަކަށް އިންޑިއާގައި ކޮވިޑް ކޭސްތައް އާދަޔާ ހިލާފަށް އިތުރުވަމުން ދާތީ، އެ ގައުމަށް ދަތުރުކުރުން ގިނަ ގައުމުތަކުން މަނާކޮށްފި އެވެ.

އެހެން ގައުމުތަކުން މިފަދަ ފިޔަވަޅުތައް އަޅާއިރު، އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ރާއްޖޭގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އަނެއްކާވެސް މައްޗަށެވެ.

އިންޑިއާ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ އާއި އިނގިރޭސި ވިލާތާއި ސިންގަޕޫރާއި ހޮންގްކޮންގް ފަދަ ގައުމުތައް ހިމެނެ އެވެ. ޔޫއޭއީން ވަނީ މިދިޔަ 14 ދުވަހުގެ ތެރޭ އިންޑިއާގައި ޓްރާންސިޓްވި ނަމަވެސް އެ ގައުމަށް ނޭރޭނެކަން އިއުލާނުކޮށްފަ އެވެ.

އިނގިރޭސި ވިލާތުން ވަނީ ކޮވިޑް ޓްރެވަލް "ރެޑް ލިސްޓް" ގައި އިންޑިއާ ހިމަނައިފަ އެވެ. ކޮވިޑް ޓްރެވަލް "ރެޑް ލިސްޓް" ގެ ސަބަބުން އިންޑިއާ އިން ދާ އެއްވެސް ގައުމެއްގެ މީހަކަށް އިނގިރޭސި ވިލާތަކަށް ދެން ނޭރޭނެ އެވެ.

މިއަދުން ފެށިގެން ރެޑް ލިސްޓަށް އަމަލުކުރަން ފަށާފައިވާ އިރު އިނގިރޭސި ވިލާތުގައި ކިޔަވާ އިންޑިއާގެ ދަރިވަރުންގެ ތެރެއިން މި ވަގުތު އިންޑިއާގައި ޗުއްޓީ ހޭދަކުރާ އެތައް ކުދިންނަކަށް އިނގިރޭސި ވިލާތަށް ނުދެވި ތިބެން ޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ސިންގަޕޫރުން ވެސް ވަނީ އިންޑިއާ އިން ދާ މީހުން އިތުރު ހަތް ދުވަސް ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ބުނެފަ އެވެ. މީގެ ސަބަބުން މިހާރު ވެސް ކަރަންޓީނުގައި ތިބެން ޖެހޭ 14 ދުވަހާ އެކު އިންޑިއާ އިން ސިންގަޕޫރަށް ދާ ދަތުރުވެރިން 21 ދުވަހުގެ ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. ހޮންގްކޮންގުން ވެސް ވަނީ އިންޑިއާ އިން ދާ މީހުން އެތެރެވުން މަނާކޮށްފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ، އެ ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 16 މިލިއަނަށް އަރައިފަ އެވެ. އެ ގައުމުން އަންނަނީ ބަލިން ރައްކާތެރިވުުމުުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވެސް އަޅަމުންނެވެ. ބައެއް ސިޓީތައް ވަނީ ދަތުރުފަތުރު ނުކުރެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް އިންޑިއާ އިން ރާއްޖެ އަށް 40،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާގެ ހާލަތު ގޯސްވެ ގައުމުތަކުން ދަތުރުކުރުމުގައި ފިޔަވަޅުތައް އަޅަމުން އާއި ނަމަވެސް އަދި މިހާތަނަށް ރާއްޖެ އިން އިންޑިއާ އިން އަންނަ މީހުންނަށް އެއްވެސް ޓްރެވަލް ރެސްޓްރިކްޝަނެއް ކަނޑައެއްނާޅަ އެވެ.

އިންޑިއާގައި ތިބެފައި މެދުއިރުމަތީގެ ގައުމުތަކަށް ދާ މީހުންގެ ކަރަންޓީނުގެ މަންޒިލަކަށް ވެސް މިހާރު ރާއްޖެ ވަނީ ހަދައިފަ އެވެ. ރާއްޖޭގެ ބައެއް ގެސްޓް ހައުސްތަކުން ވަނީ އިންޑިއާގެ މީހުންނަށް އަމާޒުކޮށް، "ކަރަންޓީން ޕެކޭޖު" ވެސް އިއުލާންކޮށްފަ އެވެ.