ޔާމީންގެ މަރަށް ހަތަރު އަހަރު، އަދިވެސް ފަހަތުގައި ތިބި މީހުން ހޯދުމުގައި
ޔާމީންގެ މަރަށް ހަތަރު އަހަރު، އަދިވެސް ފަހަތުގައި ތިބި މީހުން ހޯދުމުގައި

ބްލޮގަރު، ޔާމީން ރަޝީދަށް ހަމަލަދީ އޭޕްރީލް 23، 2017 ގައި މަރައިލިތާ މިއަދަށް ހަތަރު އަހަރު ފުރުނުއިރު، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް ނަތީޖާއެއް ނެރެވޭ ވަރެއް ނުވެ އެވެ.

ސ. ފޭދޫ ޗަނބޭލީގޭ ޔާމީން، މާލޭގައި ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

މި މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވީ ނަމަވެސް އަޑުއެހުންތައް ކުރިއަށް ގެންދަނީ ވެސް ހަލުވި ސްޕީޑުގައެއް ނޫނެވެ. އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހު ކަމަށް ވާއިރު، ހެކިން ހާޒިރުކުރުމާއި ހެކި ބަސް ނެގުމާއި ވަކީލުން ހާޒިރުކުރުމުގައި ވެސް މައްސަލަތައް ދިމާވެފައި ވެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ވެސް ޔާމީންގެ މަރާ ގުޅިގެން ހޯދުނު ހޯދުންތަކުން މާ ބޮޑު ކުރިއެރުމެއް ނެތެވެ. އޭނާގެ މަރަށް ހަތަރު އަހަރު ފުރުމާ ދިމާކޮށް މިއަދު ނެރނު ބަޔާނުން ވެސް އެކަން އެނގެ އެވެ.

އެ ބަޔާނުގައި ބުނީ، އެ ދައުވާގެ ޝަރީއަތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެ ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް ޕީޖީގެ ލަފައާއެކު، ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް، ޔާމީންގެ މަރައިލުމުގެ އަޑީގައި ތިބީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ކޮމިޝަނުން ކުރާ ކަމަށް ބަޔާނުގައި ބުންޏެވެ،

"ކޮމިޝަންގެ އެދުމަކީ މި މައްސަލައާ ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާ ވެސް އަވަހަކަށް ނިމި، ޔާމީންގެ ރަޝީދުގެ އާއިލާ އަށް އިންސާފު ލިބުމެވެ،" ކުރު ބަޔާނުގައި ރިޔާސީ ކޮމިޝަނުން ބުންޏެވެ.

ޔާމީން މަރައިލި މައްސަލައިގައި ފަހަތުގައި ފޮރުވިފައި ތިބި މީހުން އަދިވެސް ނުހޯދި، އޭގެ އަޑިއަށް ދެވޭ ވަރަށް ތަހުގީގު ކުރިއަށް ނުދިއުމަކީ އޭނާގެ އާއިލާ އާއި އިންސާފަށް ލޯބިކުރާ އެތައް ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ.