24 އެޕްރީލް 2021 - 09:44

ޖަޕާނުން ލަކުޑި ސެޓެލައިޓް ހަދަން ނިންމައި 2023 ގައި މީގެ ސެޓެލައިޓް ލޯންޗްކުރަން އަމާޒު ހިފާފައި ވަނިކޮށް ފިންލޭންޑް ކުންފުންޏަކުން ވެސް މި މަސައްކަތް ފަށައި، މި އަހަރުގެ ފަހުކޮޅު ލަކުޑި ސެޓެލައިޓް ލޯންޗްކުރަން ނިންމައިފި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ފިންލެންޑްގެ އާކްޓިކް އެސްޓްރޮނޯޓިކްސް އާއި ހަލްޑް ގުޅިގެންނެވެ. އެ ދެ ފަރާތް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުން ލަކުޑިން ތައްޔާރުކުރާ ސެޓެލައިޓް "ވިސާ ވުޑްސެޓް" އަހަރުގެ ފަހުކޮޅު ލޯންޗްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
"ވިސާ ވުޑްސެޓް" ސެޓެލައިޓަކީ އާކްޓިކް އެސްޓްރޮނޯޓުން ސިފަކުރާ ގޮތުގައި "ކިޓްސެޓް އެޑިއުކޭޝަނަލް ސެޓެލައިޓް" އެވެ. އެގޮތުން ޓެސްޓަކަށް ލޯންޗްކުރާ ފުރަތަ ލަކުޑި ސެޓެލައިޓް ވާނީ، ޖައްވީ މަސައްކަތުގެ ތެރއިން މިހާތަނަށް ކުރެވޭ ވަށް ތަފާތު އަދި އާ މައުލޫމާތުތަކެއް ސާފުކުރެވޭނެ މަޝްރޫއެއް ކަމަށް ބުންޏެވެ.
ލަކުޑި ސެޓެލައިޓަ އަކީ ކިލޯއަކަށް ވުރެ ލުއި އަދި އޮން-ބޯޑް ސެންސާތަކާއި ދެ ކަމެރާ އިންނާނެ އެއްޗެކެވެ. އޭގެ ތެރެއިން އެއް ކެމެރާ ސެޓެލައިޓްގެ އެތެރޭގައި އަދި އަނެކަތި އިންނާނީ ބޭރުގަ އެވެ. އާކްޓިކް އެސްޓްރޮނޯޓިކްސް އިން ބުނި ގޮތުގައި ލަކުޑި ސެޓެލައިޓް ލޯންޗްކުރުމުގެ ޕްރޮގްރާމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީ ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން ސެޓެލައިޓަށް ބޭނުންވާ ނަވަލް ސެންސާތަކެއް އެތަނުން ފޯރުކޮށްދޭނެ އެވެ. ލަކުޑި ސެޓްލައިޓް ހަދަނީ ލަކުޑި އަށް ހާއްސަ ކުންފުނި ޔޫޕީއެމް ޕްލައިވުޑާ ވެސް ގުޅިގެންނެވެ.
"އަހަރެމެންނަށް ވަރަށް ޔަގީންކަން އެބައޮތް މި ޕްރޮޖެކްޓްގެ ތެރެއިން އުފާވެރިކަން ގެނުވައިދޭ ކަހަލަ މައުލޫމާތުތަކެއް ލިބި، ލަކުޑި ސެޓެލައިޓަކީ ކާމިޔާބު އެއްޗަކަށް ވާނެ ކަމަށް،" އާކްޓިކް އެސްޓްރޮނޯޓިކްސްގެ "ވިސާ ވުޑްސެޓް" މިޝަންގެ މެނޭޖަރު ޖާރީ މަކިނެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލަކުޑި ސެޓެލައިޓާ އެކު މި މިޝަންގެ ތެރެއިން ލަކުޑި ސެޓެލައިޓްގެ އެހީގައި ރޭޑިއޯ އެމެޗާ ސެޓެލައިޓް، ކޮމިއުނިކޭޝަން އަދި އެތަކެއް ސެކަންޑަރީ ޓެކްނޮލޮޖީތަކެއް ވެސް ތަޖުރިބާކޮށްލެވޭނެ އެވެެ.
"ވިސާ ވުޑްސެޓް" އަހަރުގެ ފަހުކޮޅު ލޯންޗްކުރާނީ ނިއު ޒީލެންޑްގެ މާހިއާ ޕެނިންސިއުލާ ކޮމްޕްލެކްސްގަ އެވެ. އެކަމަކު ސީދާ ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. ލަކުޑި ސެޓެލައިޓް ލޯންޗްކުރާނީ ރޮކެޓް ލެބްސްގެ އިލެކްޓްރޯންގަ އެވެ.
އެތަނުގެ ގްލޯބަލް ލޯންޗް ސާވިސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ލާޒް ހޮފްމަން ވިދާޅުވީ މި މިޝަންގައި ހިއްސާވުމަކީ ބޮޑު ފަހުރެއް ކަމަށާއި މިކަން ކާމިޔާބުކުރަން ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށެވެ.
މުޅިން އަލަށް ލަކުޑި ސެޓްލައިޓް ޖައްވަށް ދޫކުރުމަކީ ޖައްވަށް ދޫކުރާ ސެޓެލައިޓްތައް އިތުރުވެ އޭގެ ސަބަބުން އުފެދޭ ކުންޏާއި ނުރައްކާތަކުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ކުރާ ކަމެކެވެ. ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ޖައްވުގެ ތެރޭގައި މިހާރު 6،000 ގާތް ކުރާ އަދަދަކަށް ސެޓެލައިޓްތައް އެބަހުއްޓެވެ. އަދި އޭގެ ތެރެއިން 60 ޕަސަންޓަކީ "ސްޕޭސް ޖަންކް" އެވެ.
ރިސާޗް ފާމެއް ކަމަށްވާ ޔޫރޯކޮންސަލްޓުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން 2028 އާ ހަމައަށް އަންނަ އިރު ދުނިޔޭގެ އޯބިޓްގައި 15،000 ސެޓެލައިޓް އުޅޭނެ އެވެ. އަދި އަހަރަކު މަދުވެގެން 990 ސެޓެލައިޓް ލޯންޗްކުރެވެ އެވެ.