23 އެޕްރީލް 2021 - 10:14

ބާސެލޯނާ (23 އޭޕްރީލް) - ހަގީގީގަތަކަށް ވުމުގެ ކުރިން ނާކާމިޔާބު ވެފައިވާ ޔޫރަޕިއަން ސުޕަ ލީގުން ވަކި ނުވާން، އެފްސީ ބާސެލޯނާއިން ނިންމައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އިއުލާން ކުރި، ސުޕަ ލީގުގެ ފައުންޑިން 12 ކްލަބުގެ ތެރެއިން 10 ކުލަބަކުން ވަނީ އެ މުބާރާތުން ވަކިވެފަ އެވެ. އެންމެ ފުރަތަމަ އެ މުބާރާތުން ވަކިވީ، އިނގިރޭސި ހަ ކްލަބެވެ. އޭގެ ފަހުން އިޓަލީގެ ތިން ކްލަބުންނެވެ. އަދި ބުދަ ދުވަހު އެތުލެޓިކޯ މެޑްރިޑުންވެސް ވަނީ އެ މުބާރާތުން ވަކިވެފަ އެވެ. އެ މުބާރާތުގައި މިހާރު ދެމިއޮތީ ބާސާ އާއި ވާދަވެރި ރެއާލް މެޑްރިޑް އެކަންޏެވެ.
ބާސާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސުޕަ ލީގުން ވަކިވާން ނިންމައިފިނަމަ އެކަން ވާނީ ތާރީހީ ގޮތުން ހެދޭ ބޮޑު ގޯހަކަށް ކަމަށެވެ. އެ ބަޔާނުގައި ވަނީ ސުޕަ ލީގަށް ފާޑު ކިޔާ ފަރާތްކަށް ރައްދު ދީފަ އެވެ. އެ ކްލަބުން ބުނެފައިވަނީ ސުޕަ ލީގުގައި ހަގީގީ ކުލަ ނުޖެހުނީ އާދަޔާ ހިލާފަށް ދިން ހަރުކަށި އިންޒާރުތަކުގެ ސަބަބުން ކަމަށެވެ.
ބާސާގެ ރައީސް ޔޮއާން ލަޕޯޓާ އިއްޔެ ވިދާޅުވީ ފުޓްބޯޅައިގެ ކޮލިޓީ އާއި ރީތި ޕްރޮޑެކްޓެއް ސަޕޯޓަރުންނަށް ގެނެސް ދިނުމަށްޓަކައި ސުޕަ ލީގަކީ ބޭނުންތެރި މުބާރާތެއް ކަމަށެވެ.
ފުޓްބޯޅައިގެ މާލީ ނިޒާމު ދެމެހެއްޓެނިވި އެއްޗެއްގެ ގޮތުގައި ބޭއްވުމަށް ފުޓްބޯޅައިގެ އޮނިގަނޑަށް އިސްލާހްތަކެއް ބޭނުންވާކަމަށް ބާސާގެ ބަޔާނުގައި ވެއެވެ.
ސްޕެއިންގެ ޓީވީ ތިނަކަށް ދިން އިންޓަވިއުގައި ލަޕޯޓާ ވިދާޅުވީ، ސުޕަ ލީގަކީ ހިތްގައިމު މުބާރަތަކަށް ވާނެ ކަމަށެވެ.
"ސްޕޯޓިން ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ މުބާރަތަކީ ހިތްގައިމު މުބާރާތަކަށް ވާނެ،" ލަޕޮޓާ ވިދާޅުވި އެވެ. "ނެޝަނަލް ލީގުވެސް އަހަރެމެން ސަލާމަތް އެބަ ކުރަން އަދި އަހަރެމެން މިއޮތީ ޔޫއެފާ އާއެކުވެސް ހުޅުވިފައިވާ މަޝްވަރާތަކަށް ދާގޮތަށް. ފުޓްބޯޅަ އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި އިތުރު ވަސީލަތްތައް ބޭނުންވޭ. އެ މުބާރާތުން ރަނގަޅު އިންވެސްޓެމެންޓްތަކެއް ކުލަބުތަކަށް ހެދޭނެ. ރަނގަޅު މުސާރަތައް ދެވޭނެ. އަދި ސްޕޯޓިންގެ ނަޒަރުންވެސް ރަނގަޅު ޕްރޮޑެކްޓަކަށް ވާނެ."
އޭނާ ވިދާޅުވީ، ބައެއް ކުލަބުތަކަށް ކުރިމަތިވި ޕްރެޝަރާ އެކު ނަން އަނބުރާ ގެންދިޔަ ނަމަވެސް ސުޕަ ލީގުގެ ޕްރަޕޯސަލްގެ ސައްހަކަން އަދިވެސް އޮންނާނެ ކަމަށެވެ.