ކޮވިޑް ކޭސްތަކުގެ އަދަދު 27،000 ފަހަނަޅައިފި
ކޮވިޑް ކޭސްތަކުގެ އަދަދު 27،000 ފަހަނަޅައިފި

ރަށްރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 68 މީހަކާ އެކު މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑްގެ އިތުރު 164 ކޭސް ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 67 މީހެކެވެ. ރިސޯޓްތަކުން އިތުރު 24 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ސިނާއީ ރަށްރަށުން ތިން މީހަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

އިއްޔެ 253 މީހުން ޕޮޒިޓިވްވި އެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 27،084 އަރައިފަ އެވެ.

ރަށްރަށުގައި ހަލުވި ކަމާ އެކު ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭ އިން އަންނަނީ ބާރު އަޅަމުންނެވެ.

މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،939 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 90 މީހަކަށް ފަރުވާ ދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައި ވަނީ 71 މީހެކެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 1،609 މީހުންނަށް ކޮވިޑް-19 ގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ. އަދި ދެ ވަނަ ޑޯޒް 5،769 މީހުންނަށް ޖަހާފައި ވެ އެވެ. މިހާތަނަށް 287،171 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ.