ކޮވިޑް ވެކްސިނުން ލޭގަނޑުވާ ވާހަކައިން ޝައްކު ބޮޑުވީ ދޭތެރެދުރުކުރާ ބޭހާ މެދު
ކޮވިޑް ވެކްސިނުން ލޭގަނޑުވާ ވާހަކައިން ޝައްކު ބޮޑުވީ ދޭތެރެދުރުކުރާ ބޭހާ މެދު

ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް-އެސްޓްރަޒެނެކާ އިން އުފެއްދި ވެކްސިނާއި ކޮވިޑްގެ އެހެން ބައެއް ވެކްސިންތަކުން ވެސް ވަރަށް ނާދިރު ހާލަތެއްގައި ލޭ ގަނޑުވެ ނުރައްކާވުމުގެ ފުރުސަތު އޮންނަކަން ހާމަވުމާ އެކު މިހާރު އެންމެ ބޮޑު ޝައްކެއް އުފެދިފައިވަނީ ވިހެއުމުގެ ދޭތެރެދުރުކުރުމަށް ބޭނުންކުރާ ބޭހާ މެދުގަ އެވެ. އެހެން ދިމާވީ ކޮވިޑް ވެކްސިނުން ލޭގަނޑުވުމަށް އޮންނަ ފުރުސަތަކީ ކަންބޮޑުވާންޖެހޭ ވަރަށް ވުރެ ކުޑަ ފުރުސަތެއްކަން ވިސްނައިދޭން، ދޭތެރެދުރުކުރާ ބޭހުން އެހެން ދިމާވުމަށް އޮންނަ ފުރުސަތު ވެކްސިނަށް ވުރެ ބޮޑުކަން ތަޖުރިބާކާރުން ހާމަކުރައްވައި އަޅާކިޔާތީ އެވެ.

މެޑިސިންސް އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމްއެޗްއާރްއޭ) ގެ ރިވިއުއަކަށް ފަހު ބުނީ މާޗް މަހުގެ ނިޔަލަށް ބަލާއިރު އިނގިރޭސި ވިލާތުގައި އޮކްސްފޯޑް ވެކްސިން ދިން 79 މީހަކަށް ލޭ ގަނޑުވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. މީގެ ތެރެއިން 19 މީހަކު ވަނީ މަރުވެފަ އެވެ. މި ރޭޓުން ބަލާ ނަމަ މައްސަލަ ދިމާވެފައި މި ވަނީ ވެކްސިން ދިން 20 މިލިއަން މީހުންގެ ތެރެއިން ހަތަރު މީހަކަށެވެ، އަދި މަރުވެފައިވަނީ މިލިއަނަކުން އެންމެ މީހެކެވެ.

މި ކަންބޮޑުވުމާ އެކު އޮކްސްފޯޑް ވެކްސިންނާއި ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ބައެއް ގައުމުތަކުން ވަނީ މެދުކަނޑާލައިފަ އެވެ.

ލޭ ގަނޑުވުމުގެ ފުރުސަތު އޮތަސް ވެކްސިން ހުއްޓާލުން ބުއްދިވެރި ނޫންކަން ވިސްނައިދޭން ބައެއް ތަޖުރިބާކާރުން ވަނީ މިއީ ދޭތެރެދުރުކުރާ ބޭހުން ލޭގަނޑުވުމަށް އޮންނަ ވަރަށް ވުރެ މާ ކުޑަ ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ. އެ ބޭފުޅުން ވިދާޅުވަނީ ލޭ ގަނޑުވުމުގެ ފުރުސަތު، ދޭތެރެދުުރުކުރާ ބޭހުން ވެސް އޮންނަ ކަމަށާއި އެކަމަކު ކަންބޮޑުވުމެއް ނެތި އެންމެން ވެސް އެ ބޭނުންކުރަމުން އަންނަ ކަމަށެވެ. މިއާ އެކު އެތައް އަންހެނުންނެއް ގެންދަނީ އެ މީހުންނަށް ބޭސް ދޭ އިރު އެއިން ލޭގަނޑުވުމުގެ ފުރުސަތު އޮންނަ މިންވަރަކާ ބެހޭ ގޮތުން ޑޮކްޓަރުން ރަނގަޅަށް ކިޔައިނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ކަންބޮޑުވުމާ ގުޅޭ ގޮތުން، އިނގިރޭސި ވިލާތުގެ ފެކަލްޓީ އޮފް ސެކްޝުއަލް އެންޑް ރިޕްރޮޑަކްޓިވް ހެލްތުކެއާގެ ވައިސް ޕްރެޒިޑެންޓް ޑރ. ޑިކްސަން ވިދާޅުވީ ދޭތެރެދުރުކުރާ ބޭހުން ލޭ ގަނޑުވުމުގެ ފުރުސަތު އޮތަސް އެއީ ބޭސް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އަންހެނަކު [ދޭތެރެދުރުކުރާ] ބޭސް ނުކާ ނަމަ ލޭ ގަނޑުވުމަށް 10،000 އިން 2 ގެ ފުރުސަތެއް އޮވޭ. ބޭސް ކާ ނަމަ އެއީ އެ ފުރުސަތު ކޮންމެ 10،000 އިން 5-10 އަށް އޮވޭ،" އޭނާ ވިދާޅުވި އެވެ.

ޑިކްސަން ވިދާޅުވީ މިއީ ނިސްބަތުން ވަރަށް ނާދިރު ފުރުސަތެއް ކަމަށެވެ. އެހެންވެ ދޭތެރެދުރުކުރާ ބޭސް ހުއްޓާލަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ވެސް ވަނީ އަލަށް ފާޅުކުރަން ފެށި ކަންބޮޑުވުމާ އެކު، ދޭތެރެދުރުކުރާ ބޭހާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އެތަނުން ވެސް ބުނީ ބޭހުން އޮންނަނީ ލޭގަނޑުވުމުގެ ވަރަށް ހަނި ފުރުސަތެއް ކަމަށެވެ. އެހެންވެ ބޭސް ހުއްޓާލަންޖެހޭ ވަރުގެ ނުރައްކަލެއް ނެތް ކަމަށް ބުންޏެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ އެތައް މިލިއަން ބަޔަކު، ދޭތެރެދުރުކުރާ ބޭސް ގަވައިދުން ކަމުން އަންނައިރު ލޭ ގަނޑުވުމުގެ މައްސަލަ އެ މީހުންގެ ތެރޭގައި ނެތޭ ބުނެވޭ ވަރަށް މަދު ކަމަށެވެ. އެކަމަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރާ އަންހެނުން ބުނަމުން އަންނަނީ ދޭތެރެދުރުކުރާ ބޭސް ކާން ފެށުމުން، ލޭ ގަނޑުވުމުގެ ފުރުސަތު އެތައް ގުނައެއް ބޮޑުވާކަން މާކުރިން އެނގެން އޮތަސް އެކަން ސަމާލުކަމަށް ގެންނަން އެކަށީގެންވާ ވަރަށް ކިޔައިނުދޭ ކަމަށެވެ.