22 އެޕްރީލް 2021 - 16:05

ރަށްރަށުގައި ހަލުވި ކަމާ އެކު ކޮވިޑް-19 ފެތުރި މި ވަގުތު 19 ރަށެއް މޮނިޓަރިންގައި އޮތުމުން ބަލިން ރައްކާތެރިވެ ތިބުމަށް އިތުރަށް ސަމާލުވާން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްއީއޯސީ އިން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވަނީ ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެފައި ވާތީ ރައްކާތެރިވާން އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ކޮވިިޑް ޓާސްކް ފޯހުން އަންގާ ގޮތަށް އަމަލުކުރަން އެދިވަޑައިގެންފަ އެވެ.
މިދިޔަ އަންގާރަ ދުވަހު އެޗްޕީއޭ އިން ބުނީ 11 ރަށެއް މޮނިޓަރިންގައި އޮތް ކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ ދެ ދުވަހުގެ ތެރޭގައި އިތުރު އަށް ރަށަކުން ކޮވިޑް ފެނި އެ ރަށްރަށަށް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑްގެ ހާލަތު މިވަގުތު އެންމެ ގޯސްކޮށް އޮތް ތ. އަތޮޅުގެ މީހުން އުޅޭ 13 ރަށުގެ ތެރެއިން ހަތް ރަށެއް ވަނީ މޮނިޓަރިންގައި އެވެ. އެއީ އެ އަތޮޅު ވިލުފުށި، ކިނބުދޫ، ވޭމަންޑޫ، ގާދިއްފުށި، އޮމަދޫގެ، މަޑިފުށި އަދި ތިމަރަފުއްޓެވެ.
މޮނިޓަރިންގައި ހުރި އިތުރު ރަށްރަށުގެ ތެރޭގައި ކ. އަތޮޅުން ހުރާ، ދިއްފުށި، ހިންމަފުށި، މާފުށި އަދި ގުޅި ހިމެނެ އެވެ. ޅ. އަތޮޅުން ނައިފަރާއި ހިންނަވަރާއި ފެލިވަރުގެ އިތުރުން އއ. ބޮޑުފުޅަދޫ އާއި އދ. މާމިގިލި އަދި ބ. މާޅޮހާއި އޭދަފުށި ވެސް ވަނީ މޮނިޓަރިންގައި ކަމަށް ނާސިރު ވިދާޅުވި އެވެ.
ކޮވިޑަށް ފަރުވާ ހޯދާ 2،905 މީހުން މި ވަގުތު ތިބި އިރު، ރަށްރަށުގައި 833 މީހުން އެބަ ތިބި ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑް ވެބްސައިޓުން ފެނެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް ޖެހުނު 26،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ.