22 އެޕްރީލް 2021 - 17:04

ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމުގައި، ލޯނު ދައްކަން ދަތިވާ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދުމަށް ސްޓޭޓް އޯން އެންޓްޕްރައިޒަސް (އެސްއޯއީ) ކޮމިޓީން އެދެފި އެވެ.
އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުގައި އިތުރު އެހެން ބައެއް ކަންކަމަށް ވެސް އެދިފައިވެ އެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތައް ދޫކޮށްފައިވަނީ އެންމެ ބޮޑަށް ގެއްލުންވި ކުންފުނިތަކަށްތޯ ބެލުމާއި އިތުރަށް ވިޔަފާރިތައް ދެމެހެއްޓުމަށް ކޮވިޑްގެ ކުރިން ނަގާފައިވާ ލޯނުތައް ރީފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކުރަން އެދުމަށް ވެސް ނިންމި އެވެ.
ކޮމިޓީން ވަނީ ލޯނު ދެއްކުމުގެ ގާބިލުކަން ނެތް ވިޔަފާރިތަކަށް ބޭންކުތަކުން ލުއިގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ. އެގޮތުން މިފަދަ ލޯނުތައް ރީސްޓްރަކްޗާ ކުރެވޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައިދޭން ބޭންކްތަކަށް އެދިފައިވެ އެވެ.
ރާއްޖޭގެ ބޭންކްތަކުން ނެގި ލޯނުތައް ދެއްކުމުގެ މުއްދަތު ހަ މަހަށް ކޮވިޑާ ގުޅިގެން އިތުރުކޮށްދިނެވެ. މީގެ އިތުރުން އެސްޑީއެފްސީ އާއި ބީއެމްއެލް އިން ދޫކުރި ލޯނުތަކަށް އިތުރު ހަ މަހަށް ފަސްކޮށްދީފައިވެ އެވެ. އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ވިދާޅުވީ، ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރަށް ދިގު ދަންމާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބޭންކްތަކުން ބުނެފައިވާ ކަމަށެވެ. އެހެންވެ އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވުވި އެވެ.
މިދިޔަ އަހަރު ނިިމުނު އިރު އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 23،800 ފަރާތަކަށް 17.8 ބިލިއަން ރުފިޔާގެ ލޯނަށް ލުއި ދީފައިވެ އެވެ.