22 އެޕްރީލް 2021 - 14:26

ނިއު ދިއްލީ (އެޕްރީލް 22) - އިންޑިއާގެ ހޮސްޕިޓަލެއްގައި އޮކްސިޖަން ލީކުވެ، އޮކްސިޖަން ފޯރުކޮށް ނުދެވުމުގެ ސަބަބުން ކޮވިޑުގެ 22 ބަލި މީހުން އިއްޔެ މަރުވެއްޖެ އެވެ.
އިންޑިއާގައި ކޮވިޑުގެ ހާލަތު އެންމެ ގޯސް މަހާރާޝްތުރާ ސްޓޭޓުގެ ނަޝިކް ސިޓީގެ ޒާކިރް ހުސއިން ހޮސްޕިޓަލްގައި އެ ހާދިސާ ހިނގީ އޮކްސިޖަން ސްޓޯރޭޖް ރިފިލްކުރަން އުޅުމުގެ ތެރޭގަ އެވެ. އޮފިޝަލުން ބުނެފައި ވަނީ ވެންޓިލޭޓަރުތަކަށް އޮކްސިޖަން ނުލިބި 30 މިނިޓް ހޭދަވި ކަމަށެވެ.
"އެ ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އަޅާނަން،" ސިޓީގެ މުނިސިޕަލް ކޮމިޝަނަރު ކައިލާޝް ޖަދާވް ވިދާޅުވި އެވެ.
އިންޑިއާގައި ކޮވިޑް ކޭސްތައް އާދަޔާޚިލާފަށް އިތުރުވެ ހާލުބޮޑުވާ މީހުންގެ އަދަދު މަތިވުމުން އޮކްސިޖަންގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. ކޮވިޑުގެ ދެ ވަނަ ރާޅެއް މިހާރު ތަޖްރިބާކުރަމުންދާ އިންޑިއާ އިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 315،000 މީހުން ޕޮޒިޓިވްވެ 2،100 މީހުން މަރުވެފަ އެވެ.
ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލްތަކުން ވެސް އޮކްސިޖަން ހުސްވުމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.