ޔުވެންޓަސްގެ އަގްނެލީ ފުރި މަގާމަށް ޕީއެސްޖީގެ އަލް ހެލާފީ
ޔުވެންޓަސްގެ އަގްނެލީ ފުރި މަގާމަށް ޕީއެސްޖީގެ އަލް ހެލާފީ

ނަޔޯން (22 އޭޕްރީލް) - ޔުވެންޓަސްގެ ޗެއާމަން އަންޑްރެއާ އަގްނެލީ، ޔޫރަޕިއަން ކުލަބު އެސޯސިއޭޝަން (އީސީއޭ) ގައި ކުރިން އަދާ ކުރެއްވި ރައީސް ކަމުގެ މަގާމަށް ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެލާފީ އިންތިހާބު ކޮށްފި އެވެ.

ދެ ވަނަ ދައުރަކަށް އީސީއޭގެ ރައީސް ކަމަށް 2019 ވަނަ އަހަރު އިންތިހާބު ކުރި އަގްނޭލީގެ ދައުރު ހަމަވާނީ 2023 ގަ އެވެ. ދައުރުގެ މެދުތެރެއިން މިދިޔަ ހޮނިހިރު ދުވަހު އޭނާ އިސްތިއުފާދިފައި ވަނީ، އޭނާގެ ކުލަބު ޔުވެންޓަސް ހިމެނޭ ގޮތަށް ޔޫރަޕްގެ 12 ކުލަބެއް އިސްނަގައިގެން އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގު އިއުލާން ކުރުމުގެ ކުރިންނެވެ.

ސުޕަ ލީގު މިދިޔަ އާދިއްތަ ދުވަހު އިއުލާން ކުރުމަށް ފަހު، އެ ލީގުގެ ވައިސް ޗެއާމަން ކަމަށް އަގްނެލީ އައްޔަން ކުރި އެވެ. ސުޕަ ލީގުގެ ފައުންޑިން މެންބަރެއްގެ ގޮތުގައި ޔުވެންޓަސް އިން ސުޕަ ލީގާ ގުޅުނު ނަމަވެސް ކުރިމަތިވި ޕްރެޝަރުތަކާ އެކު އެ ކުލަބު މިހާރު ވަނީ އެ މުބާރާތުން ވަކިވެފަ އެވެ.

ސުޕަ ލީގުގައި ޕީއެސްޖީ ބައިވެރިވެފައެއް ނުވެ އެވެ. އީސީއޭގެ ރައީސްކަމާ ހަވާލުވުމަށް ފަހު އަލް ހެލާފީ ވިދާޅުވީ، ޔޫރަޕިއަން ކުލަބު އެސޯސިއޭޝަންގެ އެހީތެރިން ޔޫރަޕަށް އެންމެ ބޭނުންވާ ވަގުތަކީ މިއީ ކަމަށެވެ.

ސުޕަ ލީގު އިއުލާން ކުރުމުން ޔޫރަޕްގައި ހޫނުވެގެން ދިޔަ މަސްރަހަށް މިހާރު ވަނީ ފިނި ކަމެއް އައިސްފަ އެވެ. އީސީއޭގެ އާ ވައިސް ޗެއާމަން ކަމަށް ހަމަޖައްސާފައި ވަނީ ބަޔާން މިޔުނިކްގެ ލީގަލް ޑައިރެކްޓާ މިޝޭލް ގާލިނާ އެވެ. އޭނާއާ އެކު ދެ ވަނަ ވައިސް ޗެއާމަނެއްގެ ގޮތުގައި މަސައްކަތް ކުރާނީ މިހާރު ވެސް ވައިސް ޗެއާމަންގެ މަގާމުގައި ހުރި އަޔެކްސްގެ ސީއީއޯ އެޑްވިން ވެން ޑަ ސާ އެވެ.

ޔޫރަޕިއަން ސުޕަ ލީގު އުފައްދަން ސޮއިކުރި 12 ކުލަބުގެ ތެރެއިން އެންމެ ފުރަތަމަ އެ ލީގުން ވަކިވީ އިނގިރޭސި ހަ ކުލަބެވެ. އިޓަލީގެ ތިން ކުލަބުން ވެސް މިހާރު ވަނީ ވަކިވެފަ އެވެ. އެތުލެޓިކޯ މެޑްރިޑުން ވެސް އިއްޔެ ވަނީ ސުޕަ ލީގުން ވަކިވެފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.

ރަސްމީކޮށް ވަކި ނުވި ނަމަވެސް ބާސެލޯނާގެ ހިޔާލު ސުޕަ ލީގާ އެއްގޮތެއް ނޫނެވެ. ސުޕަ ލީގުގައި މި ވަގުތު އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އެކަންޏެވެ. އެހެންވެ ސުޕަ ލީގު ކުރިއަށް ގެންދެވޭނެ ހާލަތެއް މިހާރު ނެތެވެ.