ވާހަކަ: ލޯބިވާތީ
ވާހަކަ: ލޯބިވާތީ

"ދެ މީހުން ވާހަކަދެއްކުމަށް ފަހު ގޮތެއް ނިންމާ،" އެހެން ބުނުމަށް ފަހު މަންމަ ދިޔައީއެވެ.

ގޮތެއް ނިންމަން އަހަރެމެންނަށް ވަގުތު ދިނުމަށް ފަހުގައެވެ. ފާޒިރު ބޭނުންވީ ވަކިވާށެވެ. ދެ މީހުންގެ މުސްތަގުބަލު ބިނާ ކުރެވޭނީ ވަކިވެގެން ކަމުގާ ފާޒިރު ގަބޫލުކުރަނީއެވެ. އަހަރެން އިތުރު ވާހަކައެއް ނުދައްކަމެވެ. އަހަރެން ލޮލުން ފޭބި ކަރުނަތައް ފޮހެދިނީ ފާޒިރެވެ. އެ އަތުގެ ފިރުމުންތައް އަދިވެސް އަހަރެން ބޭނުމެވެ. އުމުރަށެވެ. މުޅި އުމުރަށެވެ. ދުނިޔެއިން ވެސް ދާން ބޭނުންވަނީ އެކުއެކީގައެވެ. ޖަންނަތުގައި ވުމަށް އެދެވެނީ ވެސް އެކުގައެވެ. އެކަމަކު އެހެއްނެއް ދެނެއް ނުވާނެއެވެ. ވަކިވާންވީ ވަގުތު ދާދިގާތް ވެއްޖެއެވެ. ވަގުތުގެ ދިގު ފައި އަހަރެންގެ ބުރަކަށްޓަށް ހޫނު ކުރާން ފަށައިފި ކަމުގެ އިހުސާސް ކުރެވޭން ފެށިއެވެ.

ޖެހިގެންއައި ހަފުތާގެ ހޯމަ ދުވަހަކީ ފަސް އަހަރުވީ އަހަރެމެންގެ ކައިވެނީގެ ގޮތް މޮހައިލެވުނު ދުވަހެވެ. ކޯޓުން ނިކުމެގެން އައި މަގުމަތީ އަހަންނަށް ވަރަށް ރޮވުނެވެ. ގިސްލެވުނެވެ. ބުނަން ނޭނގޭ ކަހަލަ ގޮތެއް މެއަށް ވެސް ވަމުން ދިޔައެވެ. ފާޒިރު އަހަންނާ ވަކީވީތީއެވެ. ވަދާއުގެ ސަލާމް ކުރުމަށް ފަހު ފާޒިރު ދިޔައީ މައެވެ. އޭނާ ދެރައެއް ނުވެއެވެ. ހިތަކު ނުޖެހެއެވެ. އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓާ ނުލައެވެ. ހިނިތުން ވެލަމުން އޭނާ ބުނި ލަފުޒުތައް އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ.

''ފަޒޫދެކެ އަހަރެން ވަރަށް ލޯބިވޭ. މި ފަޒޫ ދެކެވީ ލޯބީގެ އަގެއް. ބަދަލެއް. އަހަންނަށް މާފުކުރާތި.''

ލޯބި ވާނަމަ އަހަރެން ވަރި ކުރާނެ ހެއްޔެވެ؟ އަހަންނާ ދުރަށް ދާނެ ހެއްޔެވެ؟ ލޯތްބާ ފިލަން އުޅޭނެ ހެއްޔެވެ؟ ލޯބިވާ މީހާއާ ވަކިވެގެން ދިޔައިރު ނުރޮވި ހުންނާނެ ހެއްޔެވެ؟ ކިތަންމެ ހަރު ހިތަކަސް ހިތަށް ކެތްވާނެ ހެއްޔެވެ؟ އެއީ ފަހެ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ؟

އިއްދައިގެ މުއްދަތު ނިމުނު ދުވަހު ފާޒިރުގެ ދެވަނަ ކައިވެނި ކުރި ޚަބަރު ލިބުނެވެ. ހީވީ އޭނާ ގަސްތުގައި އަހަރެން ރޮއްވަން އެކަން ކުރީހެންނެވެ. އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. ކުރިއަށްވުރެ ބޮޑަށް ފާޒިރު ދެކެ ރުޅި އާދެވުނެވެ. މަންމަ އަހަންނަށް ހިތްވަރު ނުދިންނަމަ އަތުންފައިން ގޯހެއް ވެސް ހެދުނީހެވެ.

މީހުން ބުނަނީ ރަނގަޅަށެވެ. ލޯތްބަކީ ހިތި އަދި ފޮނި ސުރުވާއެކެވެ. ބައެއް ފަހަރު ވަރަށް ފޮނިވާނެއެވެ. އަނެއްބައި ފަހަރު ވަރަށް ހިތިވާނެއެވެ. ލޯބިން އަހަރެއްގެ ހިތް ފުރައިލަ ދިނީ ވެސް ފާޒިރެވެ. އަދި ލޯބިން ފުރިފައި އޮތް ހިތް ފުނޑުފުނޑު ކޮށްލީ ވެސް ހަމަ ފާޒިރެވެ. މީއީ އަޖައިބެއް ކަހަލަ އިހުސާސެކެވެ. ފާޒިރަކީ ވެސް އެފަދަ މީހެކެވެ.

އެތަކެއް ދުވަހެއް ފާއިތުވީ އިރު ވެސް ފާޒިރުގެ ހަނދާނަކާ އަހަށްނަކަށް ވަތްކެއް ނުވެވުނެވެ. އެ ހަނދާންތަކުން ނުނިކުމެވުނެވެ. އަދިވެސް އަހަންނަށް ދިރިއުޅެވެނީ އެ ހިޔަނީގެ ހިޔަލުގައޭ ހީވާ ކަހަލައެވެ. ހަޔާތުގެ ފޮތުން އެއްލޭ ކޮންމެ ސަފުހާއެއްގެ ކޮންމެ ވެސް ހިސާބެއްގައި ފާޒިރުގެ ނަށް އަދިވެސް އެބަ ލިޔެވެއެވެ. އެފޮތުގައި އެނަށް ލިޔެވެނީ ސިކުނޑިން ހިތަށް، ހިތުން ދުލަށް، ދުލުން އަތުގެ އިނގިލިތަކާ ހަމަޔަށް ވާސިލުވާ ވަރުގަދަ ދެއްޔަކުންނެވެ. ފަނާ ނުވާނެ ދެއްޔަކުންނެވެ. ކުލަ ގަދަ ގަލަމަކުންނެވެ. ލޯބި އަކުރަކުންނެވެ.

އަހަރެންގެ ވިސްނުން ބަދަލުކޮށްލީ މަންމައެވެ. މަންމަގެ ވާހަކަތަކެވެ. މަންމަ ކިޔައިދިނެވެ. ކޮންމެ ދުވަހަކީ ވެސް އައު ދުވަހަކެވެ. ތަފާތު ދުވަހެކެވެ. ކޮންމެ އައު ދުވަހަކާ އަހަރެމެން ބައްދަލު ކުރަންވީ އާ ވިސްނުންތަކަކާ އެކުއެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ހަޔާތުގެ ފޮތުގައި ލިޔަން ވާނީ އެ ދުވަހުގެ ވާހަކައެވެ. އެ ދުވަހުގެ ކުރެވުނު އިހުސާސްތަކުގެ ވާހަކައެވެ. ހަޔާތެއް ބާއްޖަވެރި ކުރުމަށް ޓަކައި ކުރެވުނު މަސައްކަތެއްގެ ވާހަކައެވެ. އެއަށް ވާސިލުވުމަށް ޓަކައި އުފުލަން ޖެހުނު ބުރަތަކުގެ ވާހަކައެވެ. އަދި އެ ދުވަހެއްގެ ސަފުހާ ނިންމާލަން ވާނީ ކުރެވުނު މައްސައްކަތުގެ ފޮނި ނަތީޖާ ލިޔުމަށްފަހުއެވެ. ކޮންމެ ދުވަހަކީ އުފާވެރި ދުވަހަކަށް ނުވެދާނެކަން އިތުރު ތަފުސީލެއްގެ ގޮތުގައި ފޮތުގައި ލިޔަންވާނެއެވެ. އެހެން ނަމަވެސް، ޖެހިގެން އަންނަ ދުވަހުގެ ސަފުހާގައި ފާއިތުވި ދުވަހުގެ ވާހަކަތައް ނުލިޔާށެވެ. އެ ވާހަކަތަކަކީ ހަމައެކަނި ކިޔައިލުމަށްފަހު ނިމުނު ވާހަކަ އަކަށް ހަދާށެވެ. ތަކުރާރުކޮށް މަންމަގެ ފަލްސަފީ އިބާރާތްތައް ފަށްފަށްކުރިއެވެ. އެތައް ގޮތަކަށެވެ.

އަހަރެންގެ ސިކުނޑިޔާ ކުޅެލީ މަންމަގެ ފަހު ޖުމުލައެވެ. ހަޔާތުގެ ފޮތަކީ ހަމައެކަނި މާޒީގެ ވާހަކަ ލިޔާ ފޮތަކަށް ވެއްޖެނަމަ އެފޮތް ފުރެމުންދާނީ އުއްމީދެއް އުފާވެރި ކަމެއް ރޫހެއް އަދި ދިރުމެއްނެތް ވާހަކަތަކަކުންނެވެ. އެހެން ވެއްޖެނަމަ އެފޮތް ކިޔާމިހާ އެފޮތް ބަލައިގަންނާނީ ފޫހި އަދި އޮއްޓަރެއްނެއް ވާހަކަތަކެއް ހުރި ފޮތެއްގެ ގޮތުގައެވެ.

އަހަރެންގެ ހަޔާތުގެ ފޮތުގައި ވެސް މިހާރު ގިނަވަމުން ދަނީ މާޒީގެ ބޭކަރު ހުސް ވާހަކަތަކެވެ. މަންމަ ސީދާ އަހަންނަށް ވިސްނައިދޭން ބޭނުންވި ހިސާބަށް އަހަންނަށް އާދެވުނީ ދެނެވެ. ފާޒިރުގެ ނަމުގެ ބަދަލުގައި ޒާހީގެ ނަން ލިޔަން އަހަނަށް ޖެހުނީ އެހިސާބުންނެވެ.

ޒާހީގެ ލޯތްބާއި އޯގާތެރިކަމުން އަހަރެންގެ ހިތާމަތަކާއި ދުރަށްދެވޭ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ކާވެނީގެ ކުރީ ކޮޅު ޒާހީއާއެކު އުޅުންވީ އުނދަގޫ ކަމަކަށެވެ. ދިރުއުޅުމުގައި ޒާހީއަކީ ވަރަށް ހުޝިޔާރު މީހެކެވެ. ކުޑަކުޑަ ކޮންމެ އިޝާރަތަކަށް ވެސް އަހަރެންގެ ހިތް ޒާހީގެ މައްޗަށް ލެނބެމުން ދިޔައީ އަހަރެންގެ އިހުތިޔާރަކާ ނުލައެވެ. ޒާހީއަކީ ތަފާތު މީހެއްވީމައެވެ. މީހުންގެ އިހުސާސްތަކާ ކުޅެން އެނގޭ އެއަށް އިހުތިރާމު ކުރާ މީހަކަށް ވީމައެވެ.

އޮފީހުގެ އެންމެ ބުރަވާ ވަގުތު އޭނާގެ ކޮންމެ ވެސް މެސެޖަކުން އަހަރެންގެ ހިތަށް އުފާވެރިކަށް ގެނެސްދެއެވެ. ލޯބީގެ ރީތި ޅެމެއް ނޫނީ ލަވައެއް ވައިބާރ ކޮށްލާނެއެވެ. ޓިކްޓޮކް ރާނީއެއްގެ ނަލަ ހަރަކާތެއްގެ ލިންކެއް ފޮނުވާލާނެއެވެ. ކޮންމެ މެސެޖަކާއެކު ހުންނާނީ ރީތި ތައުރީފުގެ ބަސްތަކަކުން އެތުރި އެމުނިފައެވެ. އޭނާގެ ފަރާތުން މުޅީން ވެސް ލިބެނީ ހިތްވަރެވެ. ހިތްހަމަ ޖެހުމެވެ.

އަހަރެންގެ ހިތް ބިރުގަތީ އެހިސާބުންނެވެ. ޒާހީގެ އެ މެސެޖުންނެވެ. އޭނާގެ އެ މެސަޖަކީ އަހަންނަށް އޮތް ބޮޑު ބިރެކެވެ. ފަސް އަހަރުވީ ކާވެނީގެ ސިއްކަ ޖެހުނު ސަބަބެވެ. އަހަރެން މުޅީން ހާސްވެ ދާހިއްލާ ތެމި ފޯވެއްޖެއެވެ. މެސެޖަށް ބަލަބަލާ އިންދާ އަހަންނަށް ވީ ގޮތެއް ނޭނގެއެވެ. ކޮކާބުރާހެން ހީވާން ފެށީއެވެ. މަންޒަރު ކަޅުވީއެވެ.

ލޯ ހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުން ގެއަށް އައިސް އަހަންނަށް ވަރަށް ވިސްނުނެވެ. ޒާހީއަށް ދޭނެ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ. އެހެނަސް ފަހުން ޒާހީ އެ ވާހަކައެއް ނުދައްކައެވެ. އޭނާގެ މޫނު މައްޗަކުން އެކަމުގެ ނިޝާނެއް ވެސް ނުފެނެއެވެ. ހަނދާން ނެތިގެން ނަމަވެސް ޒާހީ އެ ވާހަކަ ނުދެއްކިކަން އެއީ ލިބުނު ހިތް ހަމަޖެހުމެކެވެ.

ޖެހިގެންއާ ހޯމަ ދުވަހަކީ އަހަންނާއި ޒާހީގެ ކާވެއްޏަށް ހަ މަސް ފުރުނު ދުވަހެވެ. އަހަރެން ނިންމައިގެން ހުރީ ކުޑަ ކެއުމެއް ތައްޔާރުކޮށް ޒާހީ އުފާ ކޮށްލަދީ އެ ދުވަސް ފާހަގަ ކުރާށެވެ. ނަމަވެސް ކަންތައްވީ އަހަރެން ހީކުރިގޮތާ އަދި އުއްމީދު ކޮށްގެން ހުރި ގޮތާ ދިމާ އިދިކޮޅަށެވެ. އޮފީސް ނިންމާލުމަށް ފަހު ގެއަށް އައި މަގުމަތިން އަމާޒުވީ ނުރުހުމުގެ ހަޅޭއްކެއްގެ އަޑެވެ. އެއީ ފާޒިރުގެ ދޮންތައެވެ. ރުޅި ކޮންޓުރޯލުން ނެއްޓެމުން އޭނާ މަޅައިލި އަތް ޖެހުނީ އަހަރެންގެ ކޯތާފަތް މަތީއެވެ. ވެގެން އުޅޭ ގޮތެއް ސާފުވާ ވަރެއް ނުވެއެވެ.

ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވީ ސަމާގެ އެ ބަސްތަކެވެ.

"ކަލޭ ފާޒިރު ގާތުން ވަރިވީ އޭނާއަށް ދަރިން ނުލިބޭތީ ދޯ؟ ކަލޭއަށް ވަކި ދަރިން ލިބޭތަ؟ ވީ މޮޅެއް ނެތެއްނު. ކަލޭ އެ ފަކީރުގެ މުޅި ދިރިއުޅުން ދުއްވާލައިފި. މުޅި މީހާ ހަލާކުގެ ތެރެއަށް ގަންބާލައިފި،" ސަމާގެ ދެ ބުމަ ހުރީ ގޮށްޖެހި ބާރުވެފައެވެ. "ފާޒިރު އެ ސުމާ ވެސް ވަރިކޮށްލައި އެއްލައިލައިފި. އޭނާ ގޭގެ ކަނަކަށް ވަދެ އެ ގޮވަނީ ފަޒޫއޭ. ފަޒޫ ގެންނާށޭ. ތިމަން ލޯބިވަނީ ފަޒޫދެކެއޭ. ފަޒޫއޭ ދިރުމަކީ."

ސުވާލު ފުންޏަކުން އަހަރެންގެ ހިތުގައި ކޯދު ލާން ފެށިއެވެ. ދެން ވެސް ވާހަކަ ދެއްކީ ސަމާއެވެ.

"ފާޒިރަކަށް ދަރިންނެއް ނުލިބެ ދޯ. އޭނާ ހީކޮށްގެން ހުރީ އަސްލު ދަރިން ނުލިބެނި ކަލޭއަށް ކަމަށް. ފުރަތަމަ ހެދި ޓެސްޓުން މައްސަލަ ހުރިކަމަށް ދެއްކި ދޯ. އެ ދުވަހު ޑޮކުޓަރު ބުނި ވާހަކަ ހަނދާން އެބަހުރިތަ؟" ސަމާ އެބުނި ދުވަސް އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

އެއީ އަހަންނަށް ދަރިން ނުލިބޭހާ ބޮޑު މައްސަލައެއް ނޫނެވެ. ޑޮކްޓަރުގެ ލަފާގެ މަތިން އަހަރެން ފަރުވާ ކުރީމެވެ. އެކަމަކު ހަމަ ވީ ނާކާމިޔާބެވެ. އެހިސާބުން ދަރިން ނުލިބެނީ އަހަންނަށް ކަމުގައި ޚުދު އަހަނަށް ވެސް ގަބޫލުކުރެވުނެވެ. އެކަމާ ފިކުރު ބޮޑުވެ ހާސްވާ ގޮތްވާން ފެށިއެވެ. ދޭތެރެ ދޭތެރެއިން ހޭނެތޭ ގޮތްވެސް ވާން ފެށިއެވެ. ބަލިބޮޑުވެ އެނދުމަތިކުރާން ވެސް ޖެހެއެވެ.

"ފާޒިރު އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. އޭނާ ހުރީ ކުރެވުނު ކަންތަކާ ދެރަވެ މާޔޫސްވެފަ. ފަޒޫގެ ކިބައިން މާފަށް އެދެން ބޭނުންވެފަ. އޭނާ ލޯބި ވަނީ ފަޒޫދެކެ. އޭނާއަށް ސުމާއާއެކު ރަނގަޅަކަށް ނޫޅެވޭ. ނިދީގައި ވެސް އަބަދު ކިޔަނީ ފަޒޫ. ސިއްސައިގެންދާ ކޮންމެ ފަހަރަކު ވެސް ކިޔެނީ ފަޒޫގެ ނަން. ހުންނަނީ އަބަދު ފަޒޫ ވެފަ." ސަމާގެ ވާހަކަ ނިންމާލީ އެހިސާބަށެވެ.

އެއިރު އަހަރެމެންނަށް ގެޔާ ހަމައަށް އާދެވިއްޖެވެ. ގޭގެ ދޮރުކަނީގައި އަތްވިދެލައިގެން ބަލަން ޒާހީ ހުއްޓެވެ. އަހަންނަށް ބަލައިލެވުނީ ޒާހީގެ މޫނަށެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެންނަން ހުރިހެން ހީވެއެވެ. ޒާހީ ފެނުމުން ސަމާ ހުއްޓިލިއެވެ. އޭނާ އުޅުނީ އާކޮޅަށްދާށެވެ.

"ސަމާ." ސަމާ އެނބުރިލުމުން ޒާހީ ގޮވާލިއެވެ.

ދެތިން ފިޔަވަޅު އެޅުމަށްފަހު ސަމާގެ ކަންފަތާ ދިމާއަށް ގުދުވެލާ ވާހަކައެއް ބުނެލިއެވެ. ސަމާ އެނބުރިލިއެވެ. ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ޒާހީގެ ސިއްރު ވާހަކާގެ އަސަރު ސަމާގެ މޫނުގެ ކުލަވަރު ބަދަލު ކޮށްލިއެވެ. އޭނާ ހުރީ ހިނދުކޮޅަކަން ހަރަކާތް ހުއްޓިފައެވެ. ދެ ލޯ ބޮޑުވެފައެވެ. އަނގަ ހުޅުވި ނޭވާ ހިފަހައްޓާލައި ގެންނެވެ. ސަމާގެ ލޮލުން ކަރުނައިގެ ދެ ރޮނގު ފޭބިއެވެ. އޭނާއަކަށް ބަހެއް ނުބުނެވުނެވެ. ވާނުވާ ނޭނގި ގަނބުވެފައި މަންޒަރު ބަލަން އަހަންނަށް ވެސް ހުރެވުނީއެވެ.

"ކުއްލިއަކަށް އޭނާ މަރުވީ ކީއްވެ؟ ހަމަ ދާދި ދެންމެއަކު އަހަރެމެއް އޭނާ ވާހަކަ ދެއްކިން. އޭނާ.. އަހަރުމެން ދޫކޮށް ދިޔައީތަ؟ ފަޒޫ ވެސް ދޫކޮށްލީތަ؟ މިހުރިހާ ކަމެއް މިވީ ކީއްވެ؟ އެފަކީރަށް އެ ޖެހުނީ ކޮން ފަދަ ހާލެއް؟ އަހަރުމެން އޭނާއަށް މާފު ކޮށްފީމޭ ބުނަށް ބޭނުން. އަހަރުމެންގެ ހިތް އޭނާއަށް ހެޔޮކަން އަންގަން ބޭނުން. އޭނާ ހަމަ ދިޔައީތަ؟ ވަކިވީތަ؟ އޭނާގެ ހަޔާތުގެ ފޮތުގައި ޕުލުސްޓޮޕު ޖަހާ ފޮތް ލައްޕާލީތަ؟" ސަމާ އެހުރި ގޮތަށް ހުރެ ސުވާލުގެ ފަތިވަރެއް އަމުނައިލިއެވެ.

"އޭނ، ކީކޭ؟" އަހަންނަށް ލިބުނީ ހައިރާންކަމެވެ.

އިވުނު އަޑުތަކުން ހީވީ ބިންގަނޑު ފައިދަށުން ދިޔަ ހެންނެވެ. ހަތަރު ފަރާތުން މީހާ ވަށައިލާ ބައްދާލިހެންނެވެ. ލޮލަށް ގިނަވި ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހިގަތެވެ. ޒާހީއަށް އެ މަންޒަރު ނުދައްކަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމެވެސް އެކަން ކާމިޔާބެއްނުވިއެވެ. އަހަރެންގެ ހިތް ޒާހީގެ ކުރިމަތީގައި ހާމަވީއެވެ. ރީތި ގޮތުހައި ފަޟީހަތްވިއެވެ.

ސަމާ އެ ހުރި ގޮތަށް ހުރެ ހީނގަތީއެވެ. ހީވީ މޮޔަވީ ހެންނެވެ. އޭނާ އަޑުން އަޑު ނަގައި ހެމުން ދިޔައެވެ. އަހަންނާ ދިމާއަށް އިނގިލި ދިމާކޮށްގެން ހުރެއެވެ.

"ވަރަށް އުފާވެއްޖެ. ފަޒޫއަށް ޓަކައި އަހަރެން އުފާކުރާން. ކޮންގްރެޓްސް އިނގޭ." ސަމާ ކުރިއަށް ޖެހިލަމުން އަހަރެންގެ ކޮލުގައި ހިފައިލިއެވެ.

އަހަންނަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. ސަމާގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުންނެވެ.

"ވަރަށް ހައިރާން ވެއްޖެ ދޯ،" އަހަރެންގެ ލޮލުން ފޭބި ކަރުނަތައް ސަމާގެ ދެ އަތުން ފޮހެލަދިނެވެ. "ދެން އުފާކުރޭ. ލޯބީގައި ވިންދެއް ޖަހާނީ އެކަމަށް ބޭނުންވީމަ."

"ކީކޭތަ ތި ކިޔަނީ؟" އަހަރެން ބޮލަށް އުނދަގޫވާން ފެށިއެވެ.

"ސާބަހޭ ވަރެއްވެއްޖޭ ދޯ. ޒާހީ ބުނީ ފާޒިރު މަރުވި ވާހަކަ އެއްނޫނޭ. ފަޒޫ ބަލިވި ވާހަކަ. ބޯ އަނބުރާ ހޮޑުލަވާ އިރު ވެސް ނޭނގޭ ދޯ، ތިމާ ކިހާ ބޮޑު ބައްޔެއް ވެއްޖެ ކަމެއް. ތިމާއަށް ތިޔަ ބަލީގައި އުޅެން ޖެހޭނެ މުއްދަތެއް. ފާޒިރު ދެކެ ލޯބި ވިޔަސް ތީ ބޮޑުވަރު. އެކަމަކު ބުނާނެ އެއީ ތިމަންނާގެ މާޒީއޭ. ހަޔާތުގެ ހަވާސާއޭ." ސަމާ އެކި ތަނުން އެކި ވާހަކަ ނަގައި އެއްކޮށްލިއެވެ.

"މިއީ އަހަރުމެން ދެމީހުން ކުޅެލި ޑުރާމާއެއް. ފަޒޫއަށް އަންނަ ބަދަލެއް ބަލައިލަން. ފަޒޫއަށް އެނގޭތަ ވެގެން މިއުޅޭ ގޮތެއް؟" ޒާހީގެ މޭގެތެރެއަށްލައި ބޮނޑިކޮށްލަމުން އަހައިލިއެވެ.

"ޑުރާމާއެއް ނޭނގޭނެއްނު." އަހަރެން ހިތްހަމަ ނުޖެހިފައި ބުނެލީމެވެ.

"މިހާރު ފަޒޫއަކީ ދެމީހުން. އެކަކު ނޫން،" ޒާހީ އަހަރެން ގަޔާ ދުރުކޮށްލިއެވެ. "އާނ. އަހަރުމެންނަށް ކުއްޖަކު ލިބެނީ."

އަހަންނަށް ބަލައިލެވުނީ ޒާހީގެ މޫނަށެވެ. އޭނާގެ ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ.

"އަހަރެން ފަޒޫ ދެކެ ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ. ކުރިއަށް ވުރެ ބޮޑަށް މިހާރު މާ ލޯބިވޭ."

އެ ދުވަހު އެއްލުނީ ހަޔާތުގެ ފޮތުން އާ ސަފުހާއެކެވެ. ރީތި އުފާވެރި ސުރުހީއެއްގެ ދަށުން އާ ވާހަކަތަކެއް އެ ސަފުހާގައި ލިޔެވެމުން ދިޔައެވެ. ލޯބިވާ ފިރިޔެއްގެ ވާހަކައެވެ. ހެޔޮ އެދޭ ރަހުމަތްތެރިއެއްގެ ވާހަކައެވެ. ކުލުނު ވެރި މަޔެއްގެ އަޅައިލުމުގެ ވާހަކައެވެ. ކައިވެނީގެ ފޮނި މޭވާގެ ވާހަކަތަކެވެ. ނަމަވެސް، އެ ވާހަކައިގެ ތެރެއިން ހަވާސާ ކުރެވުނީ މާޒީގެ ވާހަކަތަކެވެ. ފާޒިރުގެ ހަނދާންތަކެވެ. އެކަނި އިނދެ ވިސްނައިލުމުން އެ ދުވަހު ފާޒިރު ބުނި ވާހަކަ މިއަދު ވިސްނުނެވެ. އާއެކެވެ. އޭނާ އަހަންނާ ދުރަށް ދިޔައީ އަހަރެންދެކެ ލޯބިންނެވެ. ލޯބިވާތީއެވެ. އެކަން މިއަދު އަހަރެން ޤަބޫލުކުރަމެވެ.