16 ނޮވެމްބަރ 2016 - 15:21

އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ހަމައެކަނި ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ. މި އިސްލާހު ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާ ކުރަން އިޖުތިމާއީ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު ގިނަ މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ގިނަ މެމްބަރުން މަސައްކަތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނަށް އިތުރު ބާރުތައް ދެއްވުމަށް ކަމަށެވެ. މިއީ ޑިމޮކްރަޓިކް އުސޫލުތަކާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި އެ މެންބަރުން ވިދާޅުވި އެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި އިސްލާމީ ފަތުވާދޭ މަޖިލިސް ފަދަ ތަންތަނުގައި ތިއްބަވަން ޖެހޭނީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ބޭފުޅުން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
ރިފާއު ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ދޭން ގާނޫނަށް އިސްލާހު ހުށަހެޅީ އެ މަޖިލީހުގެ ހިންގުން ހަރުދަނާ ކުރުމަށެވެ.
ފަސް މެމްބަރުންގެ މި މަޖިލީހުގައި މިހާރު ތިއްބަވަނީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ ބޭފުޅަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރަކާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ބޭފުޅެއްގެ އިތުރުން ސީދާ ރައީސް ތަމްސީލު ކުރައްވާ ދެ މެމްބަރެކެވެ.
އިސްލާހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން މެމްބަރަކު އައްޔަން ކުރެވޭ ގޮތަށް އޮތް އޮތުން އުނި ކުރުމަށާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން "މަޖިލީހުގެ ރުހުމާ އެކު" މެމްބަރުން އައްޔަން ކުރެވޭ ގޮތަށް ބަދަލު ގެނެސް، ހަމައެކަނި ރައީސަށް މެމްބަރު އައްޔަން ކުރެވޭ ގޮތަށެވެ. އަދި ކުރިން ރައީސް ތަމްސީލް ކުރައްވާ ދެ މެމްބަރުންގެ ބަދަލުގައި ތިން މެމްބަރުންނަށް ބަދަލުކުރަން ވެސް އިސްލާހު ހުށަހެޅުއްވި އެވެ.
އިސްލާމީ ފަތުވާދޭ މަޖިލިސްގެ ނަމުގައި އޮފީހެއް ރައީސް ގާއިމްކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެއީ، އިސްލާމިކް މިނިސްޓަރަށް ޖަވާބުދާރީ ވާ، އެ މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ ވަކި އިދާރާއެކެވެ. އެކަމަކު، ފަތުވާ ދޭ މަޖިލީހުގެ އޮފީހެއް ރައީސް އަބްދުﷲ ޔާމީން އަދި ގާއިމްކުރައްވާފައެއް ނުވެ އެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގްހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދިނީ ލަފާ ފޯރުކޮށް ދިނުމަށް އުފެއްދި މަޖިލީހެކެވެ.